ދަރިން ގެންގުޅުމަކީ މަޖާ ކަމެއް: ރަޔަން ރޭނޮލްޑްސް

ދަރިން ލިބުމުން ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި އެކަމަކު މިއީ އެކަމާ ދޭތެރޭ ކުރިން ދެކެމުން އައި ނުކިއްސަރު ގޮތް މުޅިން ބަދަލުކޮށްލި ކަމެއް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަޔަން ރޭނޮލްޑްސް ބުނެފި އެވެ.


ބަތަލާ ބްލޭކް ލިވްލީއާ ކައިވެނިކޮށް ރަޔަން އަށް ވަނީ ދެ އަންހެން ކުދިން ލިބިފަ އެވެ. ދޮށީ ދަރިފުޅުގެ އުމުރަކީ ދެ އަހަރެވެ. ހަގު އަންހެން ދަރިފުޅަށް އަދި އެންމެ ހަތް މަހެވެ.

"ޑެޑްޕޫލް" އާއި "ގްރީން ލެންޓާން" ފަދަ ފިލްމްތައް ކުޅެފައިވާ، 40 އަހަރުގެ އެކްޓަރު ދަރިންގެ ތަޖުރިބާއާ ބެހޭ ގޮތުން ބުނީ ކުރިން އެކަނި އުޅުނު އިރު، ކުރި ގިނަ ކަންތައްތަކެއް މިހާރު ނުކުރެވޭ ކަމަށެވެ. އޭނާ ބުނީ މިހާރު ހަމަޖެހިލައިގެން އެކަނި އިނދެ ފިލްމެއް ވެސް ބަލައިލަން ފުރުސަތެއް ލިބުން ނާދިރު ކަމަށެވެ.

"ކުރިން އަހަރެން ހިތަށް އަރަނީ ދަރިން ލިބުމަކީ ދެން ވަރަށް އުނދަގޫ ކަމަކަށް ވާނޭ. ވަރަށް ގިނައިން ފެންނާނެ މީސްމީހުން އެ މީހުންގެ ދަރިން މަތަ ނުވެގެން ދުވާ ތަނާއި ހަޅޭއްފަޅޭއް ޖަހާ މަންޒަރު،" އޭނާ ބުންޏެވެ. "އެކަމަކު އަމިއްލަ އަށް މިކަން ތަޖުރިބާ ކުރަން ޖެހުނީމަ އަސްލު މިހާރު މިކަން ވަނީ މަޖާ ކަމަކަށް."

ރަޔަން ބުނީ އޭނާގެ ދެ ކުދިން ވަރަށް ހަލަނި ކަމަށެވެ. އަދި ދޮށީ ދަރިފުޅު އުޅޭލެއް ހަލަނިކަމުން ބައެއް ފަހަރު ބޯ ގޮވާ ކަމަށް ވެސް ބުންޏެވެ.

ރަޔަން އާއި ބްލޭކް އެ މީހުންގެ ދެ ދަރިންނާ އެކު.

"އެއް ފަހަރު، ފްލައިޓެއްގެ ތެރޭގައި ދަރިފުޅު ހެދުން ވެސް ވިދާލި. ބައެއް ފަހަރު ހިތަށް އަރާ ދަރިން ގޮވައިގެން ފްލައިޓަކަށް އަރަން ނުޖެހޭނެ ނަމައޭ،" ކުރިން ބަތަލާ ސްކާލެޓް ޖޮހަސަންއާ ވެސް ކައިވެނި ކުރި އެކްޓަރު ބުންޏެވެ.

މި މަހުގެ 23 ގައި ރިލީޒް ކުރާ ސައިންސް ފިކްޝަން ފިލްމް "ލައިފް" ގެ ބަތަލު ރަޔަން ބުނީ ދަރިންނާ އެކު ގޭގައި ވަގުތު ހޭދަ ކުރުމަކީ މިހާރު އޭނާ ވަރަށް ލޯބި ކުރާ ކަމެއް ކަމަށެވެ.

"ލައިފް" ގެ ޓްރެއިލާއެއް.

އެހެންވެ ކިރިޔާ ވެސް ވަގުތެއް ލިބޭ ނަމަ، އުޅެނީ ދަރިންނާ އެކު މަޖާކޮށް، ސަކަރާތް ޖެހުމުގައި ކަމަށް ބުންޏެވެ.