ކަރީނާ ދަރިފުޅާއެކު ފެނުމުން މީހުން މޮޔަވަނީ

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރަށް ފިރިހެން ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތައިމޫރް ގެ ނަން ދީފައިވާ މި ކުއްޖާގެ ދެތިން ފޮޓޯއެއް މީގެ ކުރިން އާންމުވި ނަމަވެސް ކައިމޫރު އުރާލައިގެން ކަރީނާ ނަގާފައިވާ ފޮޓޯއަކާ އެކު، އިންޑިއާގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނަށް ހީވީ ބޮޑު އީދެއް އައި ހެންނެވެ.


އެ ފޮޓޯގައި ކަރީނާ ހުރީ ތައިމޫރު އުރާލައިގެން އޭނާގެ ބޮލަށް ދޮނެއް ދޭށެވެ. މީހުން ބުނަނީ މިއީ ވަރަށް ލޯބި ފޮޓޯއެއް ކަމަށާއި ހިތްތައް ކަތިލައިފި ކަމަށެވެ.

ސައިފް އަލީ ޚާނާއި ކަރީނާގެ މި ދަރިފުޅަށް މިހާރުވެސް ވަނީ މައިންބަފައިންނަށް ލިބިފައިވާ ފަދަ މަޝްހޫރު ކަމެއް ލިބިފައި ކަމަށް ބުނެވިދާނެ އެވެ. ކުއްޖާ އުފަންވީންސުރެ މީޑިއާގެ ފަލަ ސުރުހީތަކުން އަންނަނީ ޖާގަ ހޯދަމުންނެވެ. ކުއްޖާގެ ނަމާ މެދު ވެސް މީގެ ކުރިން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދުނެވެ.

އެންމެ ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ކަރީނާ އިންސްޓަގްރާމްކޮށްފައިވާ ފޮޓޮއެކެވެ. އެ ފޮޓޯގައި ތައިމޫރު އިންނަނީ ވަރަށް ބޮޑަށް ހެވިފަ އެވެ.

ތައިމޫރު ވިހައިގެން ކަރީނާ ހޮސްޕިޓަލުގައި އޮއްވައި ނަގާފައިވާ ފޮޓޯތަކެއް ވެސް ތަންކޮޅެއް ކުރިން ވައިރަލް ވެފައިވެ އެވެ. އަދި ފަހުން ސައިފް އޭނާގެ ވަޓްސްއަޕްގެ ޑިސްޕްލޭ ޕިކްޗާއަށް ލާފައި އިން ތައިމޫރުގެ ފޮޓޯއަކަށް ވެސް ސަމާލުކަން ލިބުނެވެ.