ސްކޫލްގައި ބުލީގެ ޝިކާރައަކަށްވި: ކޭޓް ވިންސްލެޓް

ފަލަކަމުން ސްކޫލް ދައުރުގައި ވަރަށް ގިނަ ކުދިންގެ ބުލީކުރުމާ ކުރިމަތިވެ، އެތައް ބައެއްގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް، "ޓައިޓޭނިކް" ފަދަ މަޝްހޫރު ފިލްމްތައް ކުޅެ އޮސްކާ ވެސް ހާސިލްކޮށްފައިވާ ބަތަލާ ކޭޓް ވިންސްލެޓް ބުނެފި އެވެ.


ލަންޑަންގެ ވެމްބްލީ އެރީނާގައި އޮތް އިވެންޓެއްގައި 12،000 މީހުންގެ ކުރިމަތީގައި ވާހަކަ ދައްކަމުން، ކޭޓް ބުނީ، އޭނާ ފަލަކޮށް ހުންނާތީ ތަފާތު ނަންތަކުން ވެސް މުހާތަބުކޮށްފައިވާ ކަމަށެވެ.

"އަހަރެން ގަބޫލު ކުރަން އަހަރެންގެ ހަށިގަނޑު ހުންނަނީ އެންމެ ބޭނުންވާ ގޮތަށް ނޫންކަން. އެކަމަކު އެއީ އަހަރެންގެ މައްސަލައެއް ނޫން. ކިޔެވި ދުވަސްވަރު އަހަރެން ހުންނަ ގޮތުން ވަރަށް ގިނަ ކުދިންގެ ފަރާތުން ބުލީ ތަޖުރިބާކުރަން ޖެހުނު. ވަރަށް ފާޑުފާޑުގެ ނަންތައް އަހަންނަށް ކިޔައި ހެދި،" މިހާރު ތިން ކުދިން ވެސް ތިބި، 41 އަހަރުގެ ބަތަލާ ބުންޏެވެ. "ވަރަށް ގިނައިން ކުދިން އަހަންނާ ދިމާކޮށް މަލާމާތްކޮށްފައި ހީ ހެދި."

ދަ ރީޑާ އާއި ދަ ޑްރެސްމޭކާ ފަދަ ފިލްމްތައް ވެސް ކުޅެފައިވާ ހުނަރުވެރި ބަތަލާ ބުނީ އޭނާ އޭރު ހުންނަ ގޮތުން ސްކޫލްގައި ބާއްވާ ޕްލޭތަކުން ވެސް، އެކަށީގެންވާ ފުރުސަތުތަކެއް ނުލިބޭ ކަމަށެވެ.

ކޭޓް ވިންސްލެޓް ވެމްބްލީ އެރީނާގައި އޮތް އިވެންޓްގައި އާންމުންނާ މުހާތަކު ކުރަނީ.

އެކަމަކު އޭރު ވެސް އޭނާއަކީ އެކްޓް ކުރަން ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށް ބުންޏެވެ.

"އޮޑިޝަން ހަދައިގެން ވެސް އަހަންނަށް ޕްލޭއަކުން ރަނގަޅު ރޯލެއް ދޭކަށް ބޭނުމެއް ނުވޭ. ދެން ކޮންމެވެސް ޖަނަވާރެއް ނޫނީ ސިފަ ހުތުރު މީހެެއްގެ ކެރެކްޓާއެއް ޕްލޭއަކުން ލިބުނަސް ދެނީ،" ކޭޓް ބުންޏެވެ. "އެކަމަކު އަހަންނަށް ކޮންމެހެން މުހިއްމެއް ނޫން ކުޅޭ ރޯލްގެ ދިގު މިނެއް. ބޭނުންވީ އެކްޓް ކުރެވޭ ކަހަލަ ރޯލްތަކެއް."

އޭނާ އަދި ބުނީ މީހާ ފަލަކޮށް ހުރުމަކީ އެ މީހެއްގެ ހުރި ހުނަރެއް ދައްކައި ނުލެވޭނެ ސަބަބެއް ނޫން ކަމަށެވެ.

"އެހެންވެ ހިތަށް އަރާ އަބަދު ވެސް ބަޔަކަށް ދައްކަން ކޮންމެހެން ނުޖެހެއޭ ތިމާ އެހެން މީހަކަށްވާކަށް،"

"އޭރު ބައެއް ގާތް ރައްޓެހިން ވެސް ބުނާނެ ހިކެން މަސައްކަތް ކުރާށޭ. ކަލެއަށް އެކްޓް ކުރެވޭނޭ،" ކޭޓް ބުންޏެވެ. "އަހަންނަށް އެނގޭ އެކްޓް ކުރެވިދާނެކަން. އެކަމަކު އެހެން މީހުން އަހަރެން ހުންނަ ގޮތާ ދޭތެރޭ ހިތްހަނަމަނުޖެހުނަސް އަހަންނަށް އަހަރެންގެ ސިފަ ހުތުރެއް ނޫން. ގޯހެއް ވެސް ނޫން. އެހެންވެ ހިތަށް އަރާ އަބަދު ވެސް ބަޔަކަށް ދައްކަން ކޮންމެހެން ނުޖެހެއޭ ތިމާ އެހެން މީހަކަށްވާކަށް."

ކޭޓް ބުނީ "ޓައިޓޭނިކް" ގެ ބަތަލާ ރޯޒްގެ ރޯލް ކުޅެން ލިބުމަކީ ވެސް ކުރިން ތަޖުރިބާ ކުރަން ޖެހުނު ކަންތައްތަކާ ހެދި، ގަބޫލު ކުރަން ދަތިވި ކަމެއް ކަމަށެވެ.

އެކަމަކު ދުނިޔޭގައި އުފެއްދި އެންމެ މޮޅު އެއް ފިލްމުގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުމުން އަމިއްލަ ނަފުސާ ދޭތެރޭ އޮތް އިތުބާރު ބޮޑުވި ކަމަށް ބުންޏެވެ.

"އަހަރެން ބުނާނީ ކޮންމެ މީހަކު ވެސް، ކޮންމެ ކުއްޖަކު ވެސް އަމިއްލަ ނަފުސަށް އިތުބާރު ކުރާށޭ. ބަޔަކު ކިޔާ އެއްޗަކަށް ވިސްނާނެ ކަމެއް ނެތޭ. ގަބޫލު ކުރަން ޖެހޭ ކަމަކީ ތިމާ ހުންނަ ގޮތަކުން، ތިމާ އަށް ލިބިފައި ހުރި ހުނަރަކަށް ހިޔަނި އެޅިގެން ނުވާނެކަން،" ރީޑާ އިން 2008 ވަނަ އަހަރު އެންމެ މޮޅު ބަތަލާގެ އޮސްކާ ހޯދި ކޭޓް ބުންޏެވެ.

"ޓައިޓޭނިކް" ގެ ޓްރެއިލާއެއް.

އޭނާ ބުނީ މިހާރު ދުނިޔެ ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި މިހާރުގެ ޖީލަކީ ކަންކަމާ ކެރިގެން ކުރިމަތިލުމުގެ ގާބިލްކަން ހުރި ޖީލެއް ކަމަށެވެ.

"އެހެންވެ އަހަރެން ބުނަން އޮތް ވާހަކައަކީ ކުރަން ބޭނުންވާ ކަމެއް ނިކުމެ ކުރާށޭ. ތިމާ އަށް ކޮންމެ ކަމެއް ވެސް ވާނެކަން ސާބިތުކޮށް ދޭށޭ،" ކޭޓް ބުންޏެވެ.