ޑްރާމާ ސިލްސިލާ "ލޯބީގެ ހިޔަނި" ގެ ޓީޒާ ދައްކާލައިފި

މަޝްހޫރު ޑައިރެކްޓަރު އަހުމަދު ނިމާލް ޑައިރެކްޓްކޮށްފައިވާ ޑްރާމާ ސިލްސިލާ "ލޯބީގެ ހިޔަނި" ގެ ފުރަތަމަ ޓީޒާ ދައްކާލައިފި އެވެ.


ސްރީ ލަންކާގައި ޝޫޓްކޮށްފައިވާ 26 އެޕިސޯޑްގެ މި ޑްރާމާ ހަދާފައި ވަނީ މަރިޔަމް މޫސާގެ ލޯބީގެ ވާހަކައަކަށެވެ. ލީޑް ރޯލުން ފެނިގެން ދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) ގެ އިތުރުން އިސްމާއީލް ޖުމައިހް (ޖުމާ) އެވެ.

އެ ތަރިންނާ އެކު، ފިލްމުގެ ކާސްޓުންގެ ތެރޭގައި ނިމާލް، އާރިފާ އިބްރާހީމް، ހާމިދު ވަޖީހް، ސުޖީތާ އަބްދުﷲ އަދި ފާތުމަތު ޝީރީން ވެސް ހިމެނެ އެވެ.

ޑްރާމާގެ ފުރަތަމަ ޓީޒާ ދައްކާލި ނަމަވެސް، މި ޑްރާމާ ސިލްސިލާ ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އަދި ނޭނގެ އެވެ. އެކަމަކު މި ސިލްސިލާ ދައްކާނީ އަލަށް ލޯންޗް ކުރާ ޓީވީ ޗެނެކަލުން ކަމަށް މީގެ ޓީމުން ވަނީ ބުނެފަ އެވެ.

ނިމާލް ބުނީ "ލޯބީގެ ހިޔަނި" އަކީ ލަންކާގައި ދިރިއުޅޭ އާއިލާއެއްގެ ތެރޭގައި ހިނގާ ލޯބީގެ ކަންތައްގަނޑެއް ދައްކުވައިދޭ، ވަރަށް އަސަރު ގަދަ، ވަރަށް އިބުރަތްތެރި މެސެޖްތަކެއް ލިބިގެން ދާނެ ޑްރާމާއެއް ކަމަށެވެ.

މިއީ "ސިޓީ" އާއި "ޒަލްޒަލާ" ފަދަ ކާމިޔާބު ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ނިމާލް ޑައިރެކްޓް ކުރި މިހާ ދިގު ފުރަތަމަ ޑްރާމާ އެވެ.

ލަންކާގެ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ "ލޯބީގެ ހިޔަނި" ކެމެރާކޮށް، އެޑިޓްކޮށްފައި ވަނީ އަލީ ރަޝީދު (ގޮޅާ) އެވެ.