އަންހެނުންނަށް ކުރާ ޖިންސީ ގޯނާތަކާ ދެކޮޅަށް "ފްރެންޑްސް"ގެ ރޮސް

ޓީވީ ސިލްސިލާ "ފްރެންޑްސް" ގެ ތަރި ޑޭވިޑް ޝްވިމާ އާއި އޭނާގެ ޓީމުން ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ކުރު ފިލްމްތަކެއް ހަދައި، ބެލުންތެރިންނަށް ވަނީ ދޫކޮށްލައިފަ އެވެ. މިއިން ކޮންމެ ފިލްމެއްގެ ވާހަކަ ބިނާކޮށްފައި ވަނީ އަންހެނުންނަށް ކުރާ ޖިންސީ ގޯނާތަކުގެ މައްޗަށެވެ. އެގޮތުން އެކި ހާލަތްތަކުގައި، އެކިއެކި މީސްމީހުންގެ ފަރާތުން އަންހެނުންނަށް ކުރިތިމަތިވާ ޖިންސީ ފުރައްސާރަތައް މި ފިލްމުތަކުގައި ދައްކަ އެވެ.


އޭގެ ތެރޭގައި އޮފީސް މާހައުލާއި ޑޮކްޓަރުންނާއި ފޮޓޯގްރާފަރުންނާއި ސިޔާސީ މީހުންނާއި އެކްޓަރުންގެ ފަރާތުން ވެސް އަންހެނުންނަށް ކުރިމަތިވާ ޖިންސީ މައްސަލަތަކަށް އަލި އަޅުވާލައިފައިވެ އެވެ.

ހޭލުންތެރިކަން އުފައްދެމުގެ ގޮތުން ޑޭވިޑްގެ ޓީމުން ކުރި މި މަސައްކަތްތަކާ ދޭތެރޭ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. މި ފިލްމްތައް ވަނީ ދެޓްސް ހެރަސްމެންޓް ހޭޝްޓެގް - ThatsHarassment# - ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖެއްގައި ހިމަނައިފަ އެވެ.

ކިސިން އަ ފޫލް (1998) އާއި ސިކްސް ޑޭސް، ސެވެން ނައިޓްސް (1998) ފަދަ ފިލްމްތަކުން ވެސް ފެނިފައިވާ ޑޭވިޑް، 50، ބުނީ މިއަދުގެ ދުނިޔޭގައި އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ޖިންސީ ޝިކާރައަކަށް ވުން އާންމުވެފައިވާ ކަމަށެވެ.

އެކަމަކު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މި ކަހަލަ ޒަމާނެއްގައި މިއީ ގަބޫލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"އެކަހަލަ ބައެއް ކޭސްތައް ފެނިފައި ހުރީމަ އަހަރެމެން ނިންމީ ހޭލުންތެރިކަން އުފެއްދުމަށްޓަކައި، އެކިއެކި މާހައުލުތަކުން އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާތަކުގެ މައްޗަށް ބިނާކޮށް ކުރު ފިލްމްތަކެއް ހަދަން،" ޑޭވިޑް ބުންޏެވެ.

އޭނާ ބުނީ އެފަދަ ކަމެއް ތިމާ ދަންނަ މީހަކަށް ވެސް އަދި ނުދަންނަ މީހަކަށް ދިމާވެގެން އުޅޭކަން އެނގުނަސް އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ފަރުދީ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށެވެ.