ފޯބްސްގެ އޭޝިއާގެ އެންމެ ނުފޫޒު ގަދަ ޒުވާނުންގެ ލިސްޓްގައި އާލިއާ ބަޓް ހިމެނިއްޖެ

އެކި ދާއިރާތަކުން އޭޝިއާގެ އެންމެ ނުފޫޒުގަދަ ޒުވާނުންގެ ލިސްޓް ފޯބްސް އިން ބުރާސްފަތި ދުވަހު އާންމު ކުރި އިރު "30 އަންޑަ 30" ލިސްޓްގައި ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް ހިމެނިއްޖެ އެވެ.


މި ލިސްޓްގައި އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ 300 މީހަކު ހިމެނިފައިވާ އިރު، އާލިއާ، 24، ހިމެނެނީ ސެލެބްރިޓީންގެ ގިންތީގަ އެވެ. މި ގިންތީގައި ފިލްމީ ތަރިންނާއި ލަވަ ކިޔުންތެރިންނާއި ނެށުންތެރިންނާއި އެތުލީޓުންގެ އިތުރުން މޮޑެލްކުރާ މީހުން ވެސް ހިމެނެ އެވެ.

ފޯބްސްގެ "30 އަންޑަ 30" ލިސްޓްގައި ދީފައިވާ އާލިއާގެ ތައާރަފުގައި ބުނެފައި ވަނީ އޭނާއަކީ 2012 ވަނަ އަހަރު ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނިކުމެ، ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ، ކުޅަދާނަ ބަތަލާއެއް ކަމަށެވެ. އަދި މުޅި ދުނިޔޭގައި މިހާރު އޭނާގެ ސަޕޯޓަރުން ގިނަ ކަމަށް ވެސް ބުނެފައިވެ އެވެ.

މިދިޔަ އަހަރު ރިލީޒްވި "އުޅްތާ ޕަންޖާބް" ގައި ކުޅުނު ރޯލަށް އާލިއާ އަށް އެންމެ މޮޅު ބަތަލާގެ ފިލްމްފެއާ އެވޯޑް ލިބިފައިވާކަން ވެސް ތައާރަފުގައި ފާހަގަކޮށްފައިވެ އެވެ. އަދި އާލިއާއަކީ އަމިއްލަ ފެޝަން ލޭބަލެއް ތައާރަފުކޮށް، އިންޑިއާގެ މަޝްހޫރު އޮންލައިން ވިޔަފާރި ޖެބޮންގްގައި އޭނާގެ ކަލެކްޝަންތައް ވިއްކަމުން އަންނަ ފަންނާނެއްކަން ވެސް ފޯބްސް އިން ފާހަގަކުރެ އެވެ.

އާލިއާއަކީ ފޯބްސްގެ "30 އަންޑަ 30" ލިސްޓްގައި ހިމެނުނު ބޮލީވުޑްގެ ފުރަތަމަ ބަތަލާ އެވެ.

އޭނާއަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ހަގު އަންހެން ދަރި އެވެ.

އާލިއާ ބަޓް: އޭޝިއާގެ އެންމެ ނުފޫޒް ގަދަ ޒުވާނުންގެ ތެރޭގައި ހިމެނޭ.

އާލިއާއާ އެއް ގިންތީގައި ފޯބްސްގެ ލިސްޓުގައި ދެން ހިމެނޭ އަނެއް މަޝްހޫރު އެކްޓަރަކީ އޮސްޓްރޭލިއާ އަށް އުފަން ހޮލީވުޑްގެ ބަތަލާ މާގޯ ރޮބީ، 26، އެވެ. އޭނާއަކީ ސްއިސައިޑް ސްކޮޑާއި ދަ ލެޖެންޑް އޮފް ޓާޒަން ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާއެކެވެ.

ފޯބްސް އިން ބުނީ ލިސްޓަށް ފުރުސަތު ހުޅުވައިލުމުން މި ފަހަރު 1،200 އަށް ވުރެ ގިނަ ޒުވާނުން އެޕްލައިކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ލިސްޓުން ފުރުސަތު ލިބުނީ ޖުމްލަ 300 މީހަކަށެވެ.

ލިސްޓުން ފުރުސަތު ލިބުނު ޒުވާނުންގެ ތެރޭގައި ވިޔަފާރި، މުނިފޫލިފިލުވުމާއި ކުޅިވަރު، ޓެކްނޮލޮޖީ، ހެލްތު ކެއާ އެންޑް ސައިންސް، މާކެޓިން އެންޑް އެޑްވަޓައިޒިން، ސޯޝަލް އެންޓަޕްރެނާ އެންޑް މީޑިއާ، ފައިނޭންސް އެންޑް ވެންޗަ ކެޕިޓަލް އަދި މެނުފެކްޗަރިން އެންޑް އެނަޖީއިން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތައް ކޮށްފައިވާ މީހުން ހިމެނެ އެވެ.