"ސަޅަކް 2" އުފައްދަން އުޅޭކަން ޕޫޖާ ބަޓް ޔަގީންކޮށްދީފި

ކުރީގެ މަޝްހޫރު ފިލްމީ ތަރި ޕޫޖާ ބަޓް ބުނި ގޮތުގައި އޭނާ އާއި ބައްޕަ މަހޭޝް ބަޓް އަދި ބޮޑުބޭބެ މުކޭޝް ބަޓާއި ފިލްމީ ތަރި ސަންޖޭ ދަތު މިހާރު އަންނަނީ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. މިކަމުގެ އެންމެ މުހިއްމު އެއް ސަބަބަކީ 1991 ގައި ނުކުތް ޕޫޖާ އާއި ސަންޖޭ ލީޑް ރޯލު ކުޅެފައިވާ "ސަޅަކް"ގެ ދެ ވަނަ ބައެއް އުފެއްދުމާ ގުޅޭ މަޝްވަރާ ކުރުމެވެ.


"އެކަކު އަނެކަކުގެ ތަޖުރިބާތައް ހިއްސާކުރުމުގެ އިތުރުން "ސަޅަކް"ގެ ދެ ވަނަ ބައެއް އުފެއްދުމާ މެދު ވެސް އަހަރެމެން މި އަންނަނީ ވިސްނަމުން. ނަމަވެސް އަހަރެމެން އެންމެންނަށް ވެސް މިހާތަނަށް އެއްބަސްވެވިފައި ވަނީ ފުރަތަމަ ފިލްމު ކަހަލަ މޮޅު ފިލްމެއް އުފެއްދޭ ގޮތް ނުވާހާ ހިނދަކު އެ ފިލްމުގެ މަސައްކަތް ނުފަށަން. ސަބަބަކީ 'ސަޅަކް' އަކީ އެތައް މިލިއަން މީހުންނެއްގެ މަގްބޫލުކަން ލިބިފައިވާ ކްލެސިކް އަކަށް ވާތީ،" ޕޫޖާ ބުންޏެވެ.

"ސަޅަކް"ގެ ޕޯސްޓަރެއްގައި ޕޫޖާ އާއި ސަންޖޭ ދަތު

"ސަޅަކް" ޑައިރެކްޓްކުރީ ޕޫޖާގެ ބައްޕަ މަހޭޝް ބަޓް ނަމަވެސް މިހާރު އޭނާ ވަނީ ފިލްމު އުފެއްދުމުގެ މަސައްކަތުން ރިޓަޔާ ވެފަ އެވެ. އެހެންވެ މިހާރު އަޑުތައް އިވޭ ގޮތުން މަހޭޝް ކުރާނީ ފިލްމުގެ ވާހަކަ ލިޔުމުގެ މަސައްކަތެވެ. ޑައިރެކްޓްކުރާނީ ޝްރިޖިތު މުކަރުޖީ އެވެ. ޕޫޖާގެ ކޮއްކޮ އާލިއާ ބަޓް ވެސް މި ފިލްމުގައި ރޯލެއް ކުޅޭ ކަމުގެ އަޑުތައް ފެތުރިފައިވެ އެވެ. ނަމަވެސް ޕޫޖާ ބުނީ އަދި ފިލްމުގައި ބައިކުރާނެ ތަރިންނާ ބެހޭ ގޮތުން ވާހަކަ ދައްކަން މާ އަވަސް ކަމަށެވެ.

ޕޫޖާ ބުނީ އޭނާގެ ބައްޕަ މަހޭޝް ބަޓް ސްކްރިޕްޓް ލިޔުމުގެ މަސައްކަތް އެބަ ކުރާ ކަމަށެވެ.

"ސަޅަކް 2" އަކީ 1994 ގައި ނުކުތް ތަމަޅަ ޑްރާމާ "މަހަނާޑީ"ގެ ރިމޭކް އެއް ކަމަށް އަޑު ފެތުރިފައި ވެ އެވެ. މިއީ ކޮރަޕްޝަނާއި ކުޑަކުދިން ވަގަށް ނެގުން ފަދަ މުޖުތަމައުގައި ހިނގާ ނޭދޭވޭ ކަންތައްތަކަށް އަމާޒުކޮށް އުފައްދާ ފިލްމެއް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އަދި މި ފިލްމުގައި އާލިއާ ކުޅެނީ ޕޫޖާ އާއި ސަންޖޭ ދަތުގެ ދަރިއެއްގެ ރޯލު ކަމަށް ވެސް ބައެއް މީޑިއާ ތަކުން ބުނެފައިވެ އެވެ. އެކަމަކު ޕޫޖާ ބުނީ އެއީ ދޮގެއް ކަމަށެވެ.