"މަންމަ" މަރުވެގެން ބޮލީވުޑް ރޮނީ

ބުރާސްފަތި ދުވަހު ބޮލީވުޑަށް ހޭލެވުނީ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރި ހުރިހާ މަންމައިންގެ ތެރެއިން އެންމެންގެ ލޯބި ހޯދާފައިވާ މަންމަ ރީމާ ލާގޫ މަރުވި ޚަބަރާ އެކުގަ އެވެ. ހުނަރުވެރި އެކްޓަރެއްގެ އިތުރުން އޭނާގެ ހިތްހެޔޮކަމާއި ރަނގަޅުކަމުން އެއީ ހަމަ ހަގީގަތުގައި ވެސް ބޮލީވުޑްގެ އެންމެންގެ މަންމަ ފަދަ އެވެ.

އުމުރުން 59 އަހަރުގެ ރީމާ 40 ވަރަކަށް އަހަރު ފިލްމީ ދުނިޔޭގައި މަސައްކަތް ކޮށްފައިވެ އެވެ. އަދި ހިތް ހުއްޓިގެން ކުއްލި ގޮތަކަށް މަރުވި އިރު ސްޓާ ޕްލަސްގެ "ނާމް ކަރަން" ގައި އޭނާ ދިޔައީ މުހިއްމު ރޯލެއް ކުޅެމުންނެވެ. "ނާމް ކަރަން" އަކީ 1998 ގައި ނުކުތް "ޒަޚަމް"ގެ މައްޗަށް ތައްޔާރުކޮށްފައިވާ ސިލްސިލާ އެކެވެ. "ޒަޚަމް" އަކީ އެ ފިލްމުގެ ޑައިރެކްޓަރު މަހޭޝް ބަޓްގެ އަމިއްލަ ހަޔާތުގެ ވާހަކަ އެވެ.

މާދުރީގެ ޓުވީޓް

ބަޓް ބުނި ގޮތުގައި ރީމާ އަކީ އާދަޔާޚިލާފު މޮޅު އެކްޓަރެކެވެ. އަދި އިންތިހާއަށް ރަނގަޅު މީހެކެވެ.

"ބަޓް"ގެ "އާޝިގީ"ގައި ކައިވެނުން ބޭރުގައި ދަރިއަކު ލިބޭ މަންމައެއްގެ ރޯލު އަދި އަޖޭ ދޭވްގަން އާއި ޖޫހީ ޗައުލާގެ "ނާޖާއިޒް"ގައި ވެސް ހަމަ އެފަދަ ރޯލެއް ވަރަށް މޮޅަށް ކުޅެފައިވެ އެވެ.

ރީމާއާ އެކު "މައިނޭ ޕިޔާރް ކިޔާ"ގައި މަސައްކަތްކޮށްފައިވާ ބާގްޔާޝްރީ އަށް ވެސް ވަނީ ރީމާގެ ކުއްލި މަރުން ވަރަށް އަސަރު ކޮށްފަ އެވެ. ބާގްޔާޝްރީ ބުނި ގޮތުގައި ރީމާގެ ހިނިތުންވުމާއި އެ ރީތި މޫނު އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެވެ. އަދި "މައިނޭ ޕިޔާރް ކިޔާ" ކުޅުނު ދުވަސްވަރު އޭނާ އާއި ރީމާގެ ގުޅުން ވަރަށް ބަދަހިވެގެން ދިޔަކަން ބާގްޔާޝްރީ ފާހަގަކުރި އެވެ.

"ރީމާ ކަހަލަ މައިދައިތައަކަށް ކޮންމެ އަންހެންކުއްޖަކު ވެސް އުންމީދު ކުރާނެ. ނަމަވެސް ފަހުން ފަހުން އައިސް ރީމާ އާ އޮތް ގުޅުން ކެނޑިފައިވާތީ މިއަދު އަހަރެން ހިތާމަކުރަން،" ބާގްޔާޝްރީ ބުންޏެވެ.

"ހަމް އާޕް ކޭ ހޭ ކޯން" ފަދަ ފިލްމުތަކުގައި ރީމާއާ އެކު މަސައްކަތްކޮށްފައިވާ އަލޯކް ނާތު ބުނީ ރީމާ މަރުވި ޚަބަރުން ލިބުނު ހިތާމަ ބަޔާންކުރަން ވެސް ނޭނގޭ ކަމަށެވެ.

އަމީތާބުގެ ޓުވީޓް

އަމީތާބު ބައްޗަން ބުނެފައިވާ ގޮތުގައި ރީމާގެ މަރުގެ ޚަބަރު ގަބޫލުކުރަން ދަތިވި އެވެ. ރީމާގެ ހުނަރަށް އަމީތާބު ތައުރީފު ކުރި އެވެ.

މަޝްހޫރު ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް ކުރި ޓުވީޓެއްގައި ބުނީ ރީމާ މަރުވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އޭނާގެ ރަނގަޅުކަމާއި މޮޅުކަމަށް ކަރަން ތައުރީފު ކުރި އެވެ.

އާލިއާ ގެ ޓުވީޓް

ޕްރިޔަންކާ ޗޯޕްރާ ކުރި ޓުވީޓްގައި ބުނީ ރީމާގެ މަރަކީ ސިނަމާ އަށާއި އާޓަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. އަދި ރީމާ އަކީ އަބަދުވެސް އަދި މުޅި އުމުރަށް ވެސް އޭނާއަށް އެންމެ މަގްބޫލު މަންމަ ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.

ރީމާ މަރުވުމުގެ ހިތާމަ ފިލްމީ ތަރިންނާއި ފިލްމު އުފައްދާ ކުންފުނިތަކުން ކުރަމުން އަންނައިރު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކޮންގްރެސްގެ ރައީސް ސޯނިއާ ގާންދީ ވެސް ވަނީ ހިތާމަ ފާޅުކޮށް މެސެޖް ކުރައްވާފަ އެވެ.