ބަތަލާ އެމީ ރޮޒަމް "މިސްޓަ ރޮބަޓް"ގެ ޑައިރެކްޓަރާ ކައިވެނިކޮށްފި

"ދަ ޑޭ އާފްޓަ ޓްމޯރޯ" އާއި "ބިއުޓިފުލް ކްރީޗާސް"ގެ ބަތަލާ އެމީ ރޮޒަމް، މަޝްހޫރު ޓީވީ ސިލްސިލާ "މިސްޓަ ރޮބަޓް"ގެ ޑައިރެކްޓަރު ސޭމް އެސްމާއީލްއާ ކައިވެނިކޮށްފި އެވެ.


ޕީޕަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ އޮތީ ނިއު ޔޯކްގަ އެވެ. މަޝްހޫރު ބައެއް ފަންނާނުން ވެސް އެ ހަފުލާގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި ރޮބަޓް ޑައުނީ ޖޫނިއާ، ހިލަރީ ސްވޭންކް، ރަމީ މާލިކް އަދި ކްރިސްޓިއަން ސްލޭޓާ ހިމެނެ އެވެ.

އެމީ، 30، އާއި ސޭމް، 39، ޑޭޓް ކުރަން ފެށީ، އޭނާ ޑައިރެކްޓް ކުރި ފީޗާ ފިލްމް "ކޮމެޓް"ގެ މަސައްކަތް ކުރި ދުވަސްވަރު 2013 ވަނަ އަހަރުން ފެށިގެންނެވެ. އެ ދެ މީހުން އެންގޭޖްވީ 2015 ގަ އެވެ.

މިއީ އެމީގެ ދެވަނަ ކައިވެންޏެވެ. އޭނާ 2008 ވަނަ އަހަރު ޖަސްޓިން ސީގެލްއާ ކުރި ކައިވެނި ރޫޅުނީ 2010 ގަ އެވެ.

އެހެން ނަމަވެސް މިއީ "މިސްޓަ ރޮބަޓް" އިން ގޯލްޑެން ގްލޯބް އެވޯޑް ހޯދާފައިވާ ސޭމްގެ ފުރަތަމަ ކައިވެންޏެވެ.

އެމީ މިހާރު އަންނަނީ ޑޭވިޑް ވެއިން ޑައިރެކްޓް ކުރާ ބަޔޮގްރަފިކަލް ޑްރާމާ "އަ ފުޓައިލް އެންޑް ސްޓްޕިޑް ޖެސްޗާ"ގެ މަސައްކަތް ކުރަމުންނެވެ.