ޖޫލިއާ ރޮބަޓްސްގެ ފުރަތަމަ ޓީވީ ސިލްސިލާ އެޗްބީއޯ އަށް

އޮސްކާ ހާސިލްކޮށްފައިވާ ހޮލީވުޑްގެ ކުޅަދާނަ ބަތަލާ ޖޫލިއާ ރޮބަޓްސް ކުޅޭ ފުރަތަމަ ޓީވީ ސިލްސިލާ "ޓްޑޭ ވިލް ބީ ޑިފެރެންޓް" އެޗްބީއޯ އިން ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.


މިދިޔަ އަހަރު ފަހުކޮޅު މި ޝޯ އިއުލާން ކުރުމާ އެކު، ވަރުގަދަ އެހެން ޓީވީ ނެޓްވޯކްތަކުން ވެސް ގެންދިޔައީ މިއަށް ވަރަށް ބޮޑަށް ކަޅިއަޅަމުންނެވެ. ހާއްސަކޮށް މި ސިލްސިލާ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ޖޫލިއާ މުހިއްމު ރޯލެއް ކުޅެތީ އެވެ.

"ޓްޑޭ ވިލް ބީ ޑިފެރަންޓް" އަކީ ހަމަ އެ ނަމުގައި ލިޔުންތެރިޔާ މާރިޔާ ސެމްޕްލް ލިޔެފައިވާ ވާހަކަ އަށް ބިނާކޮށް ހަދާ ސިލްސިލާއެކެވެ.

މީގެ ސްކްރީންޕްލޭ ވެސް ލިޔަނީ އޭނަ އެވެ. އަދި ސިލްސިލާގެ އެއް ޕްރޮޑިއުސަރަކީ ވެސް މާރިޔާ އެވެ.

ޖޫލިއާ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް އުފުލާ "ޓްޑޭ ވިލް ބީ ޑިފެރެންޓް" ދެއްކުމުގެ ފުރުސަތު އެޗްބީއޯ އަށް ލިބުމުން އެ މީހުން ތިބީ މިހާރު ވަރަށް ހިތްހަމަޖެހިފަ އެވެ.

މީގެ ކުރިން އެޗްބީއޯ އިން ވަނީ ޖޫލިއާ ކުޅެފައިވާ ޓީވީ ފިލްމެއް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ. އެއީ 2014 ގައި ރަޔަން މާފީ ޑައިރެކްޓް ކުރި "ދަ ނޯމަލް ހާޓް" އެވެ.

ޖޫލިއާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނީ އޮވެން ވިލްސަންއާ އެކު ކުޅެފައިވާ "ވޮންޑާ" އެވެ.

"ވޮންޑާ" ގެ ޓްރެއިލާއެއް،

ސްޓެފެން ޗްބޮސްކީ ޑައިރެކްޓްކޮށްފައިވާ އެ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 17 ގަ އެވެ.