ކަޕިލް އާއި ސުނިލްގެ އަރާރުން: ސަލްމާންގެ ތާއީދު ސުނިލް އަށް

"ޓިއުބުލައިޓް" ޕްރޮމޯޓްކުރުމުގެ މަސައްކަތް ސަލްމާން ޚާން އަންނަނީ ރިއަލިޓީ ޝޯތަކުގައި ވެސް ބައިވެރިވަމުންނެވެ. އާއްމުކޮށް ހުރިހާ އެކްޓަރުން ވެސް އެމީހުންގެ ފިލްމުތައް ޕްރޮމޯޓްކުރުމަށް ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަށް ކޮންމެހެން ވެސް އަރަން ޖެހޭނެ ކަމަށް ދުށް ޒަމާނެއް ދިޔަ އެވެ.


ނަމަވެސް އެ ޝޯގެ ހޯސްޓް ކަޕިލް ޝަރުމާ އާއި ޝޯގެ މުހިއްމު ބައިވެރިއެއް ކަމަށްވާ ސުނިލް ގްރޯވަރު އާ ދެމެދު މަތިންދާބޯޓެއްގެ ތެރޭގައި ކުރި ޒުވާބަކަށް ފަހު ބައެއް ފިލްމީ ތަރިން ވަނީ ކަޕިލްގެ ޝޯ އަށް އަރަން ފަސް ޖެހިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކަޕިލްގެ ގާތް އެކުވެރިއެއް ކަމަށްވާ ސަލްމާން ޚާން ވެސް މިފަހަރު ކަޕިލްގެ ޝޯ އަށް އެރުމުގެ ބަދަލުގައި ސުނިލް ގްރޯވަރަށް ތާއީދުކުރަން ވަނީ ނިންމާފަ އެވެ.

އެގޮތުން ސަލްމާން ވަނީ ސުނިލް އާއި އޭނާއާ އެކު "ދަ ކަޕިލް ޝަރުމާ ޝޯ" އިން ވަކިވި ހަތަރު ބައިވެރިން ލައިގެން ސޮނީ ޓީވީ އަށް "ޓިއުބުލައިޓް"ގެ ޚާއްސަ ޕްރޮގްރާމެއް އުފައްދަން ނިންމާފަ އެވެ.

މި ޝޯގެ ފުރަތަމަ ޓީޒާ މިހާރު ދައްކަން ފަށާފައި ވާއިރު އެ އިޝްތިހާރުން ސުނިލް ނޫން އެހެން ހުރިހާ އެކްޓަރުން ފެނެ އެވެ. ސުނިލް މި ވަގުތު ހުރީ ޗުއްޓީއެއްގައި ޕްރާގްގައި ކަމުން ސުނިލް މި އިޝްތިހާރަކުން ނުފެނެ އެވެ. ނަމަވެސް އަސްލު އެޕިސޯޑް ޝޫޓްކުރުމަށް ސުނިލް އެނބުރި އަންނާނެ އެވެ.

މި އިޝްތިހާރުގައި ސަލްމާން ބުނަނީ "ޓިއުބުލައިޓް" ޕްރޮމޯޓްކުރުމަށް ސޮނީ ޓީވީ އަށް "ސުޕަނައިޓް" ކިޔާ ޝޯ އަކާ އެކު ވަރަށް އަވަހަށް އަންނާނެ ކަމަށެވެ. މި ޝޯ ދެއްކުމަށް ހަމަޖެހިފައި ވަނީ "ޓިއުބުލައިޓް" ރިލީޒްކުރާ ދުވަހާ ވަރަށް ކައިރިކޮށްފަ އެވެ.

މި ޚާއްސަ ޕްރޮގްރާމްގެ އިތުރުން ވަކިން ކަޕިލް ގެ ޝޯ އަށް ސަލްމާން ހިނގައިދާނެ ތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ބުނެވޭ ގޮތުގައި ކަޕިލް ގެ ޝޯގައި މާމައެއްގެ ރޯލު އަދާކުރި އަލީ އަސްގަރް އާއި ސަލްމާން އަކީ ވަރަށް ކުރިއްސުރެ ގާތް ދެ އެކުވެރިންނެވެ. އެހެންވެ ސުނިލް އާއި އަލީއާ ދޭތެރޭ ކަންތައް ކުރި ގޮތުން ސަލްމާން ހުރީ ކަޕިލް ދެކެ ވަރަށް ނުރުހިފަ އެވެ.

މީގެ ކުރިން ޑައިރެކްޓަރު ކަބީރް ޚާނާއި ސަލްމާން ގުޅިގެން އުފެއްދި "ބަޖްރަންގީ ބައިޖާން" އަށް ލިބުނު ބޮޑު ކާމިޔާބުގެ ސަބަބުން މިފަހަރުގެ ފިލްމަށް އެއަށް ވުރެ ބޮޑު ކާމިޔާބެއް ހޯދަން ސަލްމާނަށް ޕްރެޝަރު ކުރިމަތިވެފައިވެ އެވެ. ގިނަ ބަޔަކު އުންމީދުކުރަނީ ދާދިފަހުން ބޮޑު ކާމިޔާބެއް ހޯދި "ބަހޫބަލީ 2" އާއި "ދަންގަލް" އަށް ވުރެ ބޮޑު ކާމިޔާބެއް ސަލްމާންގެ ފިލްމު ހޯދަފާނެ ކަމަށެވެ. އެހެންވެ ކޮންމެ ގޮތަކުން ނަމަވެސް މީހުންގެ އުންމީދުތަކާ އެއްވަރަށް ދެވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ސަލްމާނާއި ފިލްމުގެ އެހެނިހެން ބައިވެރިން އަންނަނީ ކުރަމުންނެވެ.

ކޮންމެއަކަސް "ސުޕަނައިޓް ވިތު "ޓިއުބުލައިޓް" ވެގެން ދާނީ ސުނިލް އަށް ވަކިން ޝޯއެއް ކާމިޔާބުކަމާ އެކު ހުށަހެޅިދާނެކަން ސޮނީ ޗެނަލް އަށާއި ބެލުންތެރިންނަށް ހާމަކޮށްލަން ލިބޭނެ ފުރުސަތަކަށެވެ. އަދި މިއީ ސުނިލް އަށް ވަރަށް ބޮޑު އިމްތިހާނެއް ވެސް މެ އެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ ކަޕިލް އަށް ވެސް އަދި ސުނިލް އަށް ވެސް ވަކިން ޝޯއެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. "ދަ ކަޕިލް ޝަރުމާ ޝޯ" ފުރިހަމަވާނީ ކަޕިލް އާއި ސުނިލް އެކުވުމުންނެވެ.