އޮސްކާ އެވޯޑަށް ވޯޓު ދޭ މީހުން ލިސްޓަށް އިންޑިއާގެ ފަންނާނުން ވެސް

ދަ އެކަޑަމީ އޮފް މޯޝަން ޕިކްޗާޒް އާޓްސް އެންޑް ސައިންސް މެމްބަރުންގެ އަދަދު އިތުރުކޮށް ފުޅާކުރުމުގެ މަގްސަދުގައި މި އަހަރު ރެކޯޑް އަދަދަކަށް މެމްބަރުން ހިމަނަން ނިންމައިފި އެވެ. އެގޮތުން 744 ފަންނާނަކަށް އަލަށް މެމްބަރޝިޕް ދައުވަތު ވަނީ ފޮނުވާފަ އެވެ. މި ލިސްޓުގައި އިންޑިޔާގެ އެކްޓަރުންނާއި ލިޔުންތެރިން އަދި ޑައިރެކްޓަރުން ވެސް ހިމެނެ އެވެ.


އޮސްކާ އެވޯޑް ލިބޭ ފަރާތްތައް ހޮވަން ވޯޓު ދޭ މީހުންގެ ލިސްޓަށް 57 ގައުމެއްގެ ފަންނާނުން އިތުރުކުރި އެވެ. އޭގެ ތެރޭގައި 39 ޕަސެންޓް އަންހެނުން ހިމެނޭއިރު 30 ޕަސެންޓަކީ ދޮން-ނޫން ނަސްލުތަކުގެ މީހުންނެވެ.

އެކަޑަމީގެ ހަތް ބްރާންޗަކަށް މިފަހަރު މެމްބަރުންނަށް ދައުވަތު ދިނެވެ. އޭގެ ތެރޭގައި އެކްޓިން، ކާސްޓިން ޑައިރެކްޓަ، ކޮސްޓިއުމް ޑިޒައިނަ، ޑޮކިއުމެންޓްރީ އެގްޒެކެޓިވްސް އަދި ފިލްމު އެޑިޓަރުން ހިމެނެ އެވެ.

އޮސްކާ އެވޯޑަށް ވޯޓް ދޭ ފަންނާނުންގެ ތެރޭގައި އަމީތާބު ބައްޗަން، ޕްރިޔަންކާ ޗޯޕްރާ، ދީޕިކާ ޕަދުކޯން، އައިޝްވަރިޔާ ރާއީ، އިރްފާން ޚާން، އާމިރު ޚާން އަދި ސަލްމާން ޚާން ހިމެނެ އެވެ. މިހާރު އިންޑިއާގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރެއިން މި ލިސްޓުގައި ހިމެނިފައި ނުވަނީ ޝާހްރުކް ޚާން އެކަންޏެވެ.

އާމިރު ޚާނަށް ދައުވަތު ދީފައިވަނީ އޭނާގެ "ތުުރީ އިޑިއަޓްސް" އާއި "ލަގާން"ގެ މަސައްކަތަށް ބަލާފަ އެވެ. ޕްރިޔަންކާ ޗޯޕްރާ އަށް ދައުވަތު ދިނީ "ބޭވޮޗް" އާއި "ބަރްފީ"ގައި ކޮށްފައިވާ މަސައްކަތުގެ ސަބަބުންނެވެ. "ސުލްތާން" އާއި "ބަޖްރަންގީ ބައިޖާން"ގެ މަސައްކަތަށް ސަލްމާނަށް ދައުވަތު ފޮނުވިއިރު އައިޝްވަރިޔާ އާއި އޭނާގެ ބަފާކަލޭގެ އަމީތާބަށް އެ ފުރުސަތު ލިބުނީ ސިނަމާއަށް ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކޮށްފަ އެވެ.

އެކްޓަރުންގެ އިތުރުން އިންޑިއާގެ ޑައިރެކްޓަރުންގެ ތެރެއިން އޮސްކާ ޓީމުގައި ހިމެނެނީ މިރިނަލް ސެން، ބުއްދާދޭބް ދާސްގުޕްތާ އަދި ގޯތަމް ގޯސް އެވެ. ލިޔުންތެރިންގެ ތެރެއިން ސޯނީ ތާރާޕޯރޭވާލާ އަށް ދައުވަތު ލިބިފައިވާއިރު ކޮސްޓިއުމް ޑިޒައިނާ އަރްޖުން ބަސީން އަށާއި، ޑޮކިއުމެންޓްރީ ފިލްމުތައް ހަދާ އާނަންދް ޕަތުވަރްދަން އަދި ސައުންޑް ޑިޒައިނަރު އަމްރިތު ޕްރީތަމް ވެސް ލިސްޓްގައި ހިމެނެ އެވެ.