"ނޯޓީ 40" ގެ އާ ޓީޒާ ވަރަށް ޖަޒުބާތީ

އަންނަ މަހު ރިލީޒް ކުރާ ކޮމެޑީ ފިލްމް "ނޯޓީ 40" ގެ ވަރަށް ޖަޒުބާތީ، އާ ޓީޒާއެއް ދައްކާލައިފި އެވެ.


ކުރިން ދައްކައިލި ޓީޒާއާ ޚިލާފަށް މި ފަހަރުގެ މުޅި ޓީޒާގައި ވެސް ފެންނަނީ ހުރިހާ ތަރިން ވެސް ކަރުނަ އިން ފުރިފައިވާ މަންޒަރުތަކެއްގެ ތެރެއިންނެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ "ނޯޓީ 40" އަކީ ކޮމެޑީއަކަަށް ވިޔަސް، ވަރަށް ގިނަ ރަހަތައް އެކުލެވޭނެ ފިލްމެކެވެ. ފުރަތަމަ ޓީޒާ އިން އެކަން އެނގޭނެ އެވެ.

ށ. މިލަންދޫގައި 90 ޕަސަންޓް ޝޫޓް ކުރި ފިލްމުގެ ޝޫޓިން މެދުކަނޑާލާފައި އޮތުމަށް ފަހު، މިހާރު އަންނަނީ ބާކީ މަންޒަރުތައް މާލޭގައި ނަގަމުންނެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ތަޖުރިބާކާރު ބައެއް އެކްޓަރުންނާ އެކު ޒުވާން އާ ތަރިން ވެސް ފެނިގެން ދާނެ އެވެ. އަދި އާ އެކްޓަރުންތަކެއް "ނޯޓީ 40" އިން ތައާރަފު ކުރާނެ އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު އަޅުވާ މި ފިލްމަކީ އުމުރުން 40 އިން މަތީގެ ބައެއްގެ ތެރޭގައި ހިނގާ ކަންތައްގަނޑެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި އެ ބައިތައް އަދާ ކުރަނީ ޔޫއްޕެ، އަލީ ސީޒަން، ނިއުމާ މުހައްމަދު، މުހައްމަދު މަނިކު އަދި އަހުމަދު ސައީދު އެވެ. "ނޯޓީ 40" ގެ އެންމެ ހާއްސަ އެއް ކަމަކީ މި ތަރިން ވަރަށް ޒުވާންކޮށް ވެސް ފިލްމުން ފެނިގެން ދާނެތީ އެވެ.

ފިލްމުން ފެންނާނެ މިހާރުގެ ޒުވާން ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮން އައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ހިމެނެ އެވެ.

"ނޯޓީ 40" އަކީ މިދިޔަ އަހަރު ރިލީކޮށް، އާންމުންގެ ބޮޑު ތަރުހީބެއް ހޯދި "ބައިވެރިޔާ" އަށް ފަހު ބަތަލާ ނިއުމާ އާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމެވެ.