ޓޮމް ހޮލަންޑްގެ ހުވެފަނަކީ ޑައިރެކްޓަކަށްވުން

މިހާރު ސިނަމާގައި އޮތް ހޮލީވުޑްގެ ފިލްމް "ސްޕައިޑަ-މޭން: ހޯމްކަމިން" ގައި ޓައިޓްލް ޓޯލް ކުޅެފައިވާ އެކްޓަރު ޓޮމް ހޮލަންޑްގެ އެންމެ ބޮޑު ހުވެފަނަކީ ފީޗާ ފިލްމް ޑައިރެކްޝަނަށް ނިކުތުން ކަމަށް އޭނާ ބުނެފި އެވެ.


އިނގިރޭސިވިލާތަށް އުފަން 21 އަހަރުގެ އެކްޓަރު ބުނީ އޭނާ އަށް "މޮޅު ޑައިރެކްޓަރަކަށް ވެވިދާނެ ކަމުގެ އުންމީދު ވެސް އެބަ އޮތް" ކަމަށެވެ.

"އަހަރެން ވަރަށް ކުޑައިރުއްސުރެ ވެސް ދެކެމުން އަންނަ ހުވަފެނެއް އެއީ. އެކަން ވެދާނެ ކަމުގެ އުންމީދު އެބަ އޮތް،" މިދިޔަ އަހަރު ނިިކުތް ފިލްމް "ކެޕްޓަން އެމެރިކާ؛ ސިވިލް ވޯ" އިން ސްޕައިޑަމޭންގެ ކޮސްޓިއުމަށް ފުންމާލި އެކްޓަރު ބުންޏެވެ.

ޑައިރެކްޝަނަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އޭނާ މިހާރު ވަނީ އޭގެ ފުރަތަމަ ފިޔަވަޅު ވެސް އަޅައިފަ އެވެ. އެގޮތުން ކޮއްކޮ ޕެޑީ ލައިގެން ޓޮމް ވަނީ "ޓްވީޓް" ކިޔާ ކުރު ފިލްމެއް ޑައިރެކްޓްކޮށްފަ އެވެ.

ޓޮމް ބުނި ގޮތުގައި އޭނާގެ އަމާޒަށް ވާސިލުވާން މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާ އިރު ކުރިއަށް އޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ފީޗާ ފިލްމެއްގެ ޑައިރެކްޝަނާ ހަމައަށް ދެވޭނެ ކަމުގެ ޔަގީން ބޮޑެވެ.

"ޒުވާން އުމުރުގައި މިކަން ކުރަން އަހަރެން ބޭނުން. ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު،" އަންނަ އަހަރު ރިލީޒް ކުރާ "އެވެންޖާޒް: އިންފިނިޓޯ ވޯ" ގައި މަސައްކަތް ކުރަމުން އަންނަ އެކްޓަރު ބުންޏެވެ.

"ސްޕައިޑަ-މޭން: ހޯމްކަމިން" ގެ ޓްރެއިލާއެއް.

އުމުރުން އަދި ކިތަންމެ ޒުވާން ނަމަވެސް، ޓޮމް ވަނީ މިހާތަނަށް ވަރަށް ފާހަގަކޮށްލެވޭ ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ދަ އިމްޕޮސިބަލް (2012)، ހައު ލިވް ނައު (2013)، އިން ދަ ހާޓް އޮފް ދަ ސީ (2015) އަދި ލޮސްޓް ސިޓީ އޮފް ޒީ (2017) ހިމެނެ އެވެ.

ޓޮމްއަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ކޮމީޑިއަން ޑޮމިނިކް ހޮލަންޑްގެ ދަރިއެކެވެ.