ކަރީނާގެ ދަރިފުޅު ފެންނަނީ ގޭގައި ގެންގުޅޭ މީހާއާ އެކު

ކަރީނާ ކަޕޫރު މިހާރުވެސް އުޅެނީ މެލޭޝިއާ އަށް ކުރާ ދަތުރެއްގަ އެވެ. އޭނާގެ ދަރިފުޅު، ގޭގައި ގެންގުޅޭ މީހާއާ ހަވާލުކޮށްފަ އެވެ. ކުޑަކުޑަ ތައިމޫރު ގޮވައިގެން އަބަދުވެސް އުޅޭތަން ފެންނަނީ އޭނާއާ ހަވާލުވެގެން ހުންނަ ނަރުހެވެ.


އިންޑިއާގެ ނޫސްވެރިންގެ ލޯ އެންމެ ބޮޑަށް މިހާރު އަމާޒުވެފައިވާ އެއް ކުއްޖަކީ ތައިމޫރު ކަމަށް ވާތީ އޭނާގެ ހުރިހާ ހަރަކާތްތަކެއް ފޮޓޯ ނަގައި ކޮންމެ ދުވަހަކު އާންމުކުރަމުން ދެ އެވެ. އެގޮތުން ގޭގެ ބެލްކަނީގައި ހުރި ކުޑަކުޑަ އުނދޯއްޔެއްގައި ތައިމޫރު އުނދޯލި ހެއްލަން އިން ތަނާއި މާމަ ބަބީތާގެ ގެއަށް ގޮސްފައި ނުކުތް ތަން އަދި ކާރު ދުއްވާލަން ދަނިކޮށް ވެސް ފޮޓޯ ނަގާފައިވެ އެވެ.

މި ހުރިހާ ފޮޓޯތަކެއްގައި ވެސް ތައިމޫރު ގޮވައިގެން ހުންނަނީ ގޭގެ މަސައްކަތު މީހާ އެވެ.

ކަރީނާ ދަރިފުޅަށް އަޅާ ނުލާ ކަމަށް ބުނެ ވަރަށް ކުރިއްސުރެ ވެސް ގިނަ ބަޔަކު އޭނާ އަށް ފާޑު ކިޔަމުން ދެ އެވެ. އަދި ވަރަށް މަދު ފަހަރަކު ނޫނީ ދަރިފުޅު އުރާލައިގެން ކަރީނާ ހުއްޓާ ވެސް ނުފެންނަ ކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

ފާޑުކިޔުންތަކަށް ރައްދު ދެމުން ކަރީނާ ބުނަނީ ދަރިފުޅުގެ ދެ ފަރާތުގެ މާމައިން ދަރިފުޅު ބެލުމާ ހަވާލުވެފައިވާ ކަމަށެވެ. އަދި އޭނާ ގޭގައި ނޫޅޭ ވަގުތު ކޮންމެވެސް އެއް މާމައެއް ހުންނަ ކަމަށެވެ. ނުވަތަ ދަރިފުޅުގެ ބައްޕަ ސައިފް ގޭގައި ވަގުތު ހޭދަކުރާ ކަމަށެވެ.

ނަމަވެސް ފެންނަ މަންޒަރުތަކުން މިކަމެއް ނުފެނެ އެވެ. ތައިމޫރުގެ އެއްވެސް މާމައެއް އަދި ބައްޕަ ވެސް އޭނާ ގޮވައިގެން އުޅޭތަނެއް ދުވަހަކުވެސް ނުފެނެ އެވެ.

ކަރީނާ އަބަދުވެސް އުޅެނީ ޖިމްގައި ނުވަތަ އެކުވެރިންނާއެކު ރެސްޓޯރެންޓްތަކުގަ އެވެ. އަދި ފިލްމީ މަސައްކަތް އަލުން ފެށުމުން މިހާރު ފެންނަ ވަރަށް ވެސް ގޭގައި ތައިމޫރާ އެކު ހޭދަކުރާނެ ވަގުތު ކަރީނާ އަށް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

މިކަމާ ގުޅޭ ގޮތުން ކަރީނާއަށް އެެންމެ ގިނައިން ވައްބަހުން ޖަހަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރުގެ އަންހެނުން މީރާ އެވެ. މީރާ ބުނެފައިވާ ގޮތުގައި އެމީހުން ދަރިން ހޯދަނީ އެހެން މީހުން ލައްވާ ބަލާކަށް ނޫނެވެ. ނުބޭލެނެ ވަރުގައި ދަރިން ނުހޯދުން މާ ރަނގަޅުވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ. މިއީ ސީދާކޮށް ކަރީނާއާ މުޚާތަބުކޮށް މީރާ ދެއްކި ވާހަކައެއް ނޫން ނަމަވެސް އެކަމާ ކަރީނާ ހިތްހަމަނުޖެހިގެން އުޅުނު ކަމަށް ވެ އެވެ.