"ނޯޓީ 40"ގެ މި ޓްރެއިލާ ކިހިނެއް؟

"ނޯޓީ 40" ގެ 15 ޝޯ އޮލިމްޕަހުގައި ދައްކަން ވަނީ ހަމަޖެހިފައި. ފިލްމުގެ ޓިކެޓް ވެސް އަންނަނީ ވިއްކަމުން.

އަންނަ މަހުގެ ދޭއްގައި ރިލީޒް ކުރަން ނިންމައި، މިހާރު ޓިކެޓް ވެސް ވިއްކަމުން އަންނަ ފިލްމް "ނޯޓީ 40" ގެ ޓްރެއިލާތަކަކާއި ފިލްމްގެ ތަފާތު ޕޯސްޓަރުތަކެއް ރޭ ދައްކާލައިފި އެވެ.


ރޭ އޮލިމްޕަހުގައި ވަނީ ފިލްމުގެ ފިލްމުގެ ބައެއް ކާސްޓުންނާއި ކްރޫއާ އެކު ޕްރޮމޯޝަނަލް އިވެންޓެއް ބާއްވައިފަ އެވެ. އޭގެ ތެރޭގައި ޓްރެއިލާ އާއި ޕޯސްޓަރުތައް ދައްކައިލުމުގެ އިތުރުން ފިލްމުގައި ހިމެނޭ ލަވަތައް އިއްވާލި އެވެ. އަދި މިދިޔަ އަހަރު އެޅުވި ކާމިޔާބު ފިލްމް "ބައިވެރިޔާ" ވެސް ދެއްކި އެވެ.

ރޭގެ އިވެންޓްގައި "ނޯޓީ 40" ގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ އެ ފިލްމަކީ މި އަހަރު ސިނަމާ އަށް އަންނާނެ އެންމެ ތަފަތު އަދި އެންމެ މަޖާ ފިލްމަށް ވާނެ ކަމަށެވެ. އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރާ ފިލްމުގެ މަސައްކަތް ކުރެވިފައިވާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ޝަފީގް ބުންޏެވެ.

"ނޯޓީ 40" ލިޔެ، ޑައިރެކްޓްކޮށް، އޭގެ މުހިއްމު ރޯލެއް ވެސް ކުޅެފައިވާ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ މި ފިލްމަކީ ބެލުންތެރިން ގަޔާވާނެ ވަރަށް ރަހަތައް ހިމެނޭނެ ފިލްމަކަށް ވާނެ ކަމަށެވެ.

އޭނާ ބުނީ "ނޯޓީ 40" ބެލުންތެރިން ހެއްވާލައި ރޮއްވައި ވެސް ލާނެ ފިލްމެއް ކަމަށެވެ.

އޮލިމްޕަހުގައި ޖުމްލަ 15 ޝޯ ދައްކަން ހަމަޖެހިފައިވާ "ނޯޓީ 40" އަކީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ.

އުމުރުން 40 މަތީގެ އެކުވެރިންތަކެއްގެ މެދުގައި ހިނގާ ކަންތައްގަނޑެއް ދައްކުވައިދޭ ފިލްމުގައި އަލީ ސީޒަން، ނިއުމާ މުހައްމަދު، އަހުމަދު ސައީދު އަދި މުހައްމަދު މަނިކާ އެކު މިހާރުގެ ޒުވާން ބައެއް ތަރިން ވެސް ހިމެނެ އެވެ.

އޭގެ ތެރޭގައި މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ) އަދި އިބްރާހީމް ޖިހާދު (ޖިމީ) ފާހަގަކޮށްލެވެ އެވެ.

ޝަފީގާއި ބަތަލާ ނިއުމާ ޕްރޮޑިއުސްކޮށްފައިވާ ފިލްމުން އާ އެކްޓަރުންތަކެއް ވެސް ތައާރަފުވެގެން ދާނެ އެވެ.