ޓިއުބުލައިޓަށް ވީ ގޮތުން ވަރަށް މާޔޫސްވެއްޖެ: ކަބީރް ޚާން

ސަލްމާން ޚާންގެ "ޓިއުބުލައިޓް" އަށް އޭނާގެ ކުރީގެ ފިލްމުތަކަށް ލިބުނު ކަހަލަ ކާމިޔާބީއެއް ލިބޭ ގޮތެއް ނުވި އެވެ. ސަލްމާންގެ ޖާދޫ ބޮކްސް އޮފީހުގައި މި ފިލްމަށް އެއްގޮތަކަށް ވެސް ދެއްކޭ ގޮތެއް ނުވެ ފިލްމު މިހާރު ވަނީ ގިނަ ސިނަމާތަކުން ނަގައިފަ އެވެ.


މި ފިލްމު އުފެއްދުމުގެ މަސައްކަތްކުރި ކުޅަދާނަ ޑައިރެކްޓަރު ކަބީރް ޚާން ދާދިފަހުން ޕީޓީއައި އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި ފިލްމުގެ ނާކާމިޔާބީން އޭނާ ވަނީ ވަރަށް ހިތްދަތިވެފަ އެވެ.

"އަހަރެން ވަރަށް ބޮޑަށް މާޔޫސްވެއްޖެ. ކޮންމެ މީހަކުވެސް ފިލްމެއް އުފައްދަނީ ބެލުންތެރިންނަށް އެ ފިލްމެއް ކަމުދާނެކަމަށް އުންމީދުކޮށްގެން. އަދި ރަނގަޅަށް ފިލްމު ހިނގާނެ ކަމަށް ގަބޫލުކޮށްގެން. ނަމަވެސް އުންމީދުކުރި ގޮތަށް ކަންތައް ނުދިޔައިމަ ދެރަވާނެ،" ކަބީރް ބުންޏެވެ.

ސަލްމާނާއި ކަބީރް ގުޅިގެން މީގެ ކުރިން އުފެއްދި "ބަޖްރަންގީ ބައިޖާން" އާއި "އޭކް ތާ ޓައިގާ" އަކީ ބްލޮކްބަސްޓާ ފިލްމުތަކެވެ. ކަބީރް ބުނި ގޮތުގައި ކޮންމެ ފިލްމަކަށް "ބަޖްރަންގީ ބައިޖާން" އާ އެއްވަރުގެ ކާމިޔާބެއް ހޯދިދާނެކަމަށް ބަލައިގެން ނުވާނެ އެވެ. އަދި "ޓިއުބުލައިޓް" އާ މެދު އޭނާ ފަޚުރުވެރިވާ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.

"ޓިއުބުލައިޓް" ބެލުންތެރިންނަށް ކަމުނުދިޔައީ ކީއްވެތޯ ސުވާލުކުރުމުން ކަބީރް ބުނީ އަދި އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން މާ އަވަސް ކަމަށެވެ. ފަހަރެއްގައި ސަލްމާންގެ ކެރެކްޓާ ބެލުންތެރިންނަށް ކަމުނުދިޔައީ ކަމަށް ވެދާނެ ކަމަށާއި ނަމަވެސް ސަލްމާން އެ ރޯލު ކުޅެދިނީތީ އޭނާ ވަރަށް އުފާވާ ކަމަށް ކަބީރް ބުންޏެވެ.

ޑިސްޓްރިބިއުޓަރުންނަށް ލިބުނު ގެއްލުން ފޫބައްދަން ސަލްމާން ފައިސާ ދިނުމާ ބެހޭ ގޮތުން ކަބީރް ބުނީ އޭނާ އަކީ ފިލްމުގެ ޕްރޮޑިއުސަރަށް ނުވާތީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ނޭނގޭ ކަމަށެވެ. ނަމަވެސް ސަލްމާން ކަންތައް އެ ކުރީ ވަރަށް ރަނގަޅަށް ކަމަށާއި އެކަން އޭނާވެސް ބަލައިގަންނަ ކަމަށް ޑައިރެކްޓަރު ބުންޏެވެ. އަދި "ޓިއުބުލައިޓް" އަކީ ފައިސާގެ ގޮތުން ބަލާއިރު ކާމިޔާބު ފިލްމެއް ކަމަށް ވެސް ކަބީރް ބުންޏެވެ.