ދަރިފުޅުގެ ވާހަކަ އަބަދު ދެއްކިޔަސް ކަރީނާގެ މައްސަލައެއް ނެތް

ވިހައި ގަދަވުމާ އެކު ދަރިފުޅު ބެލުމަށް ވުރެ ފިލްމީ ކަންކަމަށް ކަރީނާ ކަޕޫރު އިސްކަން ދޭ ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކަށް ޖަވާބު ދިނުމަކީ މިހާރު އޭނާއަށް އަބަދު ކުރަން ޖެހިފައި އޮންނަ ކަމެކެވެ. ފޮތެއް ލޯންޗުކުރުމަށް ހުކުރު ދުވަހު ބޭއްވު ހަފުލާއެއްގައި ވެސް މިކަމާ ބެހޭ ގޮތުން ކަރީނާއަށް ސުވާލުތައް އަމާޒުވި އެވެ.


ދަރިފުޅު ތައިމޫރަށް މާ ބޮޑަށް މީޑިއާގެ ސަމާލުކަން ލިބި، ބޭރަށް ނެރޭ ކޮންމެ ފަހަރަކު އެތައް ބަޔަކު ފޮޓޯ ނައި ސޯޝަލް މީޑިއާގައި އާންމުކުރާތީ ދެކެނީ ކިހިނެއްތޯ އެހުމުން ކަރީނާ ބުނީ މި ޒަމާނުގައި އެއީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.

ކަރީނާ ބުނީ މިޒަމާނުގައި އެކަހަލަ ކަންތައްތައް އޮންނަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި ކޮންމެ މީހަކު ކޮންމެ ތާކު ހުއްޓަސް ފޮޓޯ ނެގޭނެ ގޮތްތައް އެބަހުރި ކަމަށެވެ. ކަރީނާ ބުނީ އޭނާގެ ދަރިފުޅަކީ އަަޖައިބެއް ފަދަ ލޯބި ކުއްޖެއް ކަމަށާއި އެހެންވެ ފޮޓޯ ނަގަން އެންމެން ވެސް ބޭނުންވާ ކަމަށެވެ.

ދަރިފުޅު ބަލަން ގޭގައި އިނުމުގެ ބަދަލުގައި ކަރީނާ އަބަދުވެސް ޖިމް އާއި ރެސްޓޯރެންޓްތަކަށް އަދި ބޭރު ގައުމުތަކަށް ދަރިފުޅު ނުލައި ދާތީ ގިނަ ބަަޔަކު ފާޑުކިޔަ އެވެ. ކަރީނާ ބުނި ގޮތުގައި ދަރިފުޅު ބެލުމުގެ ޒިންމާ އަކީ ބައްޕަ ވެސް އުފުލަން ޖެހޭނެ ޒިންމާއެއް ކަމަށެވެ. ޚާއްސަކޮށް، މަންމަ މަސައްކަތް ކުރަން ދިއުމުން ބައްޕަ ދަރިފުޅުގެ ޒިންމާ ނެގުމުގެ މުހިއްމުކަން ކަރީނާ ފާހަގަ ކުރި އެވެ.

އޭނާގެ ފިލްމުގެ ޝޫޓިން ފަށަން ވާއިރަށް ސައިފް މުމްބާއީ އަށް އެނބުރި ގޮސް ތައިމޫރު ބެލުމުގެ ޒިންމާއާ ހަވާލު ވާނެ ކަމަށާއި ފިލްމު "ކީ އެންޑް ކާ" ގައި ދައްކާ ގޮތަށް ދެމަފިރިން ބަހާލައިގެން އާއިލީ ޒިންމާތައް ނަގަން ޖެހޭނެކަމަށް ކަރީނާ ގަބޫލު ކުރެ އެވެ.

ކަރީނާ އާއި ފިރިމީހާ ސައިފް: ދެ މީހުން ވެގެން ދަރިފުޅު ބެލުމުގެ ޒިންމާ ނަގަން ނިންމާފައިވޭ

ކަރީނާ ބުނި ގޮތުގައި އޭނާގެ ފިރިމީހާއަކީ ވަރަށް މޮޅަށް ކައްކާ ވެސް މީހެކެވެ. ވަރަށް މީރުކޮށް ސައިފް ޕާސްތާ ކައްކާ ކަމަށާއި އޭނާ ބިރުގަންނަނީ މުގުގެ ބާވަތްތައް ތައްޔާރުކުރަން ކަމަށް ކަރީނާ ބުންޏެވެ.