"ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" ގެ ސްކްރިޕްޓް އެބަ ލިޔަން: ޖޭމްސް

މާވެލްގެ ފެންޓަސީ/އެކްޝަން ފިލްމް "ގާޑިއަންސް އޮފް ދަ ގެލެކްސީ" ސީރީޒްގެ ތިން ވަނަ ފިލްމްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށް ޑައިރެކްޓަރު/ސްކްރީން ރައިޓަރު ޖޭމްސް ގަން ބުނެފި އެވެ.


އޭނާ ބުނީ އެ ސީރީޒްގެ ކުރިއަށް ހުރި ފިލްމްތަކާ ބެހޭ ގޮތުން މާވެލް ސްޓޫޑިއޯގެ ހެޑް ކެވިން ފެއިގްއާ ވެސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މީގެ ކުރިއަށް ހުރިި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން އަހަރެމެން މިހާރު ވާނީ ބައްދަލުވުންތަކެއް ވެސް ބާއްވާފައި. އެހެންވީމާ ގާޑިއަންސް އޮފް ދަ ގެލެކްސީގެ ފިލްމްތަކެއް ކުރިއަށް އޮތް ތަނުގައި ބެލުންތެރިންނާ ހަމައަށް އަންނާނެ،" ޖޭމްސް، 51، ބުންޏެވެ.

"ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" ސްކްރިޕްޓިން މަރުހަލާގައި އޮތް ނަމަވެސް، ފިލްމުގެ މަސައްކަތް ފަށާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.

މި ސީރީޒްގެ ދެވަނަ ފިލްމް ސިނަމާތަކަށް އައީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 861.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. ދެހާސް ސާދައިގައި ރިލީޒް ކުރި ފުރަތަމަ ބަޔަށް ލިބިފައި ވަނީ 773.3 މިލިއަން ޑޮލަރެވެ.

"ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 2" ގެ ޓްރެއިލާއެއް.

"ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ ސީރީޒްގެ ތަރިންގެ ތެރޭގައި ކްރިސް ޕްރެޓް، ޒޯއީ ސަލްދަނާ، ބްރެޑްލީ ކޫޕާ އަދި ވިން ޑީޒެލް ފަދަ އޭ ލިސްޓް ތަރިން ހިމެނެ އެވެ.