"އާޝިގީ 3" ގެ މަސައްކަތް ފެށޭނެ އިރެއް ނޭނގޭ: އާލިއާ

"އާޝިގީ" އަކީ ބަޓް ކޭމްޕްގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒެވެ. މީގެ ދެވަނަ ފިލްމް 2013 ގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދުމާ އެކު "އާޝިގީ 3" ގެ ވާހަކަ ވެސް ދެކެވޭތާ މިހާރު ވަރަށް ދުވަސްވެއްޖެ އެވެ.


އެކަމަކު އެ ފިލްމުގެ މަސައްކަތް ފެށޭނެ އިރެއް ނޭނގެ އެވެ. "އާޝިގީ 3" ގެ ލީޑް ރޯލުން ފެނިގެން ދާނީ އާލިއާ ބަޓް އާއި ސިދާތު އެވެ. މި ފިލްމްވެގެން ދާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައިވާ އެ ދެ ތަރިން އެކުގައި ކުޅޭ ތިން ވަނަ ފިލްމަށެވެ.

ދެހާސް ބާރައިގައި ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ތައާރަފުވި ސިދާތާއި އާލިއާ އެކުގައި ކުޅުނު ދެވަނަ ފިލްމަކީ ކަރަން ޕްރޮޑިއުސްކޮށް މިދިޔަ އަހަރު ނެރުނު "ކަޕޫރް އެންޑް ސަންސް" އެވެ.

"އާޝިގީ 3" ވެގެން ދާނީ އާލިއާގެ ބައްޕަ މަހޭޝް ބަޓްގެ އާއިލީ ފިލްމް ކުންފުނީގެ ފިލްމެއް އާލިއާ ކުޅޭ ފުރަތަމަ ފަހަރަށެވެ.

އާލިއާ ބުނީ "އާޝިގީ 3" އޭނާ އަށް ވަރަށް ހާއްސަ ކަމަކަށެވެ. އެ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ އާލިއާގެ ދައްތަ ޝާހީން ބަޓް އެވެ.

"އެ ފިލްމް އަހަންނަށް ހާއްސަވާ ކަމަކީ ބައްޕަގެ ޕްރޮޑަކްޝަނެއްގައި މަސަައްކަތްކޮށްލަން ފުރަތަމަ ފަހަރަށް ލިބޭތީ. އަނެއް ކަމަކީ އާޝިގީ ކަހަލަ ކާމިޔާބު ފްރެންޗައިޒެއް ކުޅެން ލިބުން،" މިހާރު މެގްނާ ގުލްޒާޒްގެ "ރާޒީ" ގެ މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި ބަތަލާ ބުންޏެވެ.

އާލިއާ އަދި "އާޝިގީ 3" ގެ މަސައްކަތް ފެށޭނެ ދުވަހަކަށް ކެތްމަދުވެފައިވާ ކަމަށެވެ.

އާލިއާ އާއި ސިދާތު: "އާޝިގީ 2" ގެ ލީޑުން ފެންނާނެ.

"އެކަމަކު އަދި އެއްގޮތަކަށް ވެސް ނޭނގޭ އޭގެ މަސައްކަތް ފެށޭނެ ދުވަހެއް،" އޭނާ ބުންޏެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށް، ޝްރަދާ ކަޕޫރާއި އަދިތިޔާ ރޯއި ކަޕޫރް ލީޑް ރޯލް ކުޅުނު "އާޝިގީ 2" އަކީ ރޮކެޓެއްހެން ޝްރަދާ ބޮލީވުޑަށް އުދުއްސާލި ފިލްމެވެ. މި ފިލްމްގެ ލަވަތަކަކީ މިހާރު ވެސް ވަރަށް މަޝްހޫރު ލަވަތަކެވެ.

"އާޝިގީ" ގެ ފެށުމަކީ މަހޭޝް ބަޓް ޑައިރެކްޓްކޮށް، ރާހުލް ރޯއި އާއި އަނޫ އަގަރްވާލް ލީޑް ރޯލް ކުޅުނު 1990 ގެ ފިލްމެވެ. އެ ފިލްމުގެ ލަވަތަކަކީ ކުރީގެ ހަނދާންތައް މިހާރު ވެސް އާކޮށްދޭ ރީތި ލަވަތަކެކެވެ.