"ބާހްބަލީ 2" ގެ ރައިޓްސް ނެޓްފްލިކްސް އަށް ވިއްކާލައިފި

އިންޑިއާގެ ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލި ފިލްމް "ބާހްބަލީ 2" ގެ ރައިޓްސް، މަޝްހޫރު ސްޓްރީމިން ނެޓްވާކް ނެޓްފްލިކްސް އަށް ވިއްކާލައިފި އެވެ. މިއީ އެ ފިލްމް ބޮޑު ސްކްރީނުން ބަލަން ނުލިބުނު މީހުންނަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.


ހަބަރުތައް ބުނާ ގޮތުން "ބާހްބަލީ" ގެ ރައިޓްސް ނެޓްފްލިކްސް އަށް ވިއްކާލީ 4 މިލިއަން ޑޮލަރު (25.5 ކްރޯޑް ރުޕީސް) އަށެވެ.

މިކަމާ ބެހޭ ގޮތުން ނެޓްފްލިކްސްގެ ވައިސް ޕްރެޒިޑެންޓް ޖެސިކާ ނެރުނު ބަޔާނެއްގައި ބުނީ "ބާހްބަލީ 2" ގެ ރައިޓްސް ގަތީ އެ ކުންފުނިން އިންޑިއާގެ މާކެޓަށް މިހާރު އަމާޒު ހިފާފައިވާތީ، އިންޑިއާގެ އުފެއްދުންތަކުން އެ ކުންފުނީގެ ލައިބްރަރީ ވަރުގަދަކޮށް، ބެލުންތެރިންނަށް ތަފާތު ގިނަ ކޮންޓެންޓްތައްތައް ގެނެސް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާގެ މޮޅެތި އުފެއްދުންތައް ނެޓްފްލިކްސްގެ ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކުރި "ބާހްބަލީ 2" ގެ ޕްރޮޑަކްޝަން ހައުސް އާކާ މީޑިއާ ވޯކްސް ކޯ ފައުންޑަ ޝޯބޫ ޔަރްލަގައްޑާ ބުނީ ނެޓްފްލިކްސްއާ އެކު އެއްބަސްވުމެއް ހަދާލެވުމުން އުފާވާ ކަމަށެވެ. އޭނާ އަދި ބުނީ މީގެ ސަބަބުން "ބާހްބަލީ 2" ދުނިޔޭގެ 192 ގައުމައްގެ ކަސްޓަމަރުންނަށް ނެޓްފްލިކްސް އިން ފޯރުކޮށް ދޭނެ ކަމަށެވެ. އެހެންވެ މިއީ އެ މީހުންނަށް ދަތުރު ނުކުރެވުނު މާކެޓްތަކަސް ވެސް އެ ފިލްމް ފެނިގެން ދާން ހުޅުވުނު ދޮރެއް ކަމަށް ޝޯބޫ ބުންޏެވެ.

މި އަހަރުގެ އެޕްރީލް މަހުގެ 28 ގައި ރިލީޒް ކުރި "ބާހްބަލީ 2" އަށް ބޮކްސް އޮފީހުގައި ވަނީ 1،700 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ.

ޕްރަބާސް އާއި އަނުޝްކާ ޝެޓީ އަދި ރާނާ ދަގޫޕަތީ މުހިއްމު ރޯލްތައް ކުޅުނު މި ފިލްމަކީ އިންޑިއާގެ ބޮކްސް އޮފީހުގެ ތާރީހުގައި އެންމެ ފުރަތަމަ 1،000 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެވެ.

"ބާހްބަލީ 2" ގެ ޓްރެއިލާއެއް.

ނަމަވެސް އާމިރް ހާންގެ "ޑަންގަލް" ވަނީ 1،979 ކްރޯޑް ރުޕީސްގެ އާމްދަނީއަކާ އެކު "ބާހްބަލީ 2" ގެ ރެކޯޑް މުގުރާލައިފަ އެވެ.

ނެޓްފްލިކްސް އިން ދާދި ފަހުން ވަނީ އާމިރް ހާނާއި ޝާހްރުކް ހާން ފަދަ އެކްޓަރުންނާ ގުޅިގެން އޮރިޖިނަލް ކޮންޓެންޓް ހިމެނޭ އުފެއްދުންތައް ހެދުމުގެ މަޝްވަރާތަކެއް ކޮށްފަ އެވެ.