އިތުރު ކާސްޓުންނާ އެކު "ހައްދު" ގެ އާ ޓްރެއިލާއެއް ދައްކާލައިފި

އަންނަ މަހުގެ ހައެއްގައި ރިލީޒް ކުރާ ފިލްމް "ހައްދު" ގެ އާ ޓްރެއިލާއެއް، ފިލްމްގައި ހިމެނޭ އިތުރު ކާސްޓުންނާ އެކު ދައްކާލައިފި އެވެ.


އަބްދުލް ފައްތާހް ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ލީޑް ރޯލް އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު، މަރިޔަމް އައްޒަ އަދި އައިމިނަތު ރިޝްފާ ކުޅެފައިވާ އިރު، ކާސްޓުންގެ ތެރޭގައި މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، އާރިފާ އިބްރާހީމް، ފައުޒިއްޔާ އަދި މަރިޔަމް ހަލީމް ފަދަ ތަޖުރިބާކާރު އެކްޓަރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން އަލީ އާޒިމް (ދޮންއައްޔަ) އާއި އަހުމަދު ނަޖާހް ފަދަ ތަރިން ވެސް ފިލްމުން ފެނިގެން ދާނެ އެވެ. އަދި "ނޯޓީ 40" އިން މޮޅު އެކްޓިންއެއް ދައްކާލި ބަތަލާ ގުލިސްތާން (ގުލީ) ވެސް "ހައްދު" ކާސްޓުންގެ ތެރޭގައި ހިމެނެ އެވެ.

ރެކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ފައްތާހު ޕްރޮމޯޓް ކުރަމުން އަންނަ "ހައްދު" ގެ ޓިކެޓް އޮލިމްޕަހުން މިހާރު އަންނަނީ ވިއްކަމުންނެވެ.

މި ފިލްމަކީ ފައްތާހާއި ބަތަލާ ނިއުމާ މުހައްމަދު ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

ލޯބީގެ އަސަރު ގަދަ ހާދިސާތަކެއް ދައްކުވައިދޭ "ހައްދު" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ވެސް މެ އެވެ.