ޕެހެލާޖް ނިހަލާނީ އިންޑިއާގެ ސެންސަރު ބޯޑުުން ވަކިކޮށްފި

އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާމަން ޕެހެލާޖް ނިހަލާނީ ފިލްމްތައް ސެންސަރު ކުރުމުގައި ގެންގުޅޭ ހަރުކަށި އަދި ގަދީމީ އުސޫލާތަކާ ގުޅިގެން އިންޑިއާގެ މުޅި ފިލްމް އިންޑަސްޓްރީހެން އޭނާއާ ދެކޮޅަށް ނިކުމެފައި ވަނިކޮށް އޭނާ މަގާމުން ވަކިކޮށްފި އެވެ.


ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަޝްހޫރު ނިހަލާނީ މަގާމުން ވަކިކޮށްފައި ވަނީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އިތުރުން އެކްޓަރުން ވެސް އޭނާގެ އިސްތިއުފާ އަށް ގޮވާތާ އެތައް ދުވަހެއް ފަހުންނެވެ.

އެ މީހުން ބުނެފައި ވަނީ ނިހަލާނީއާ ހަވާލު ކުރި ޒިންމާއަކީ ފިލްމްތައް ކްލަސިފައިކޮށް ސެޓިފައި ކުރުން ކަމަށާއި ޒިންމާއަކީ ފިލްމްތައް ސެންސަރު ކުރުން ނޫން ކަމަށެވެ. އަދި އޭނާ ފިލްމްތައް ސެންސަރު ކުރަން ފެށުމުގެ ނަތީޖާއަކީ އިންޑިިއާގައި ފިލްމް ހަދަން "ހުރަސް އެޅި، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވެސް ގެއްލުން" ކަމަށް ސިފަކޮށްފައިވެ އެވެ.

މަގާމުން ވަކި ކުރުމާ ގުޅިގެން ނިހަލާނީ ބުނީ ސީބީއެފްސީގައި ހުރެގެން އޭނާ އަދާކުރި ދައުރަކީ އިންޑިއާގެ ފިލްމްތަކަކީ އަދި އިންޑިއާގައި ދައްކާ ބޭރުގެ ފިލްމްތަކަކީ ބަލަން ހެޔޮވާ ވަރުގެ "ތާހިރު" އުފެއްދުންތަކެއް ހެދޭތޯ ބެލުން ކަމަށެވެ.

ސީބީއެފްސީގެ އާ ޗެއާމަން ޕްރަސޫން ޖޯޝީ.

"އެހެންވެ އަހަރެން ގަބޫލު ކުރަނީ ސީބީއެފްސީގެ ތާރީހުގައި އަހަރެންގެ ވާހަކަ ލިޔެވޭނީ ފިލްމްތަކުގައި ދައްކާ ދަށު ދަރަޖައިގެ ކަންކަން ނައްތާލަން މަސައްކަތް ކުރި މީހެއްގެ ގޮތުގައި ކަމަށް،" ނިހަލާނީ ބުންޏެވެ.

އޭނާ ބުނީ ސީބީއެފްސީގެ ޗެއާމަންގެ މަގާމަށް އޭނާ އައި ހިސާބުން ފެށިގެން ވެސް އޭނާއާ ދެކޮޅަށް ފާޅުގައި ވަރަށް ގިނަ ބަޔަކު ނިކުމެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް މީހެއްގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އެ މަގާމުގައި އޭނާ އަދާ ކުރި ދައުރާ ދޭތެރޭ ވެސް އެއްވެސް ވަރެއްގެ ނުތަނަވަސް ކަމެއް ނެތް ކަމަށް ބުންޏެވެ.

"އަހަރެން އެ މަގާމަށް އައީ ވެސް ވަރަށް ކުއްލި ގޮތަކަށް. އެކަމަކު އަހަރެން އެ މަގާމަށް ސަރުކާރުން އައްޔަންކުރީ މަގާމަށް އަހަރެން ކުފޫހަމަވާ ކަމަށް ސަރުކާރަށް ގަބޫލު ކުރެވިގެން،" ޝޯލާ އޯރް ޝަބްނަމް އާއި އާންކޭ ފަދަ ފިލްމްތަކުގެ ޕްރޮޑިއުސަރު ބުންޏެވެ. "އަދި ސަރުކާރުން އަހަރެން މަގާމުން ވަކި ކުރަން ނިންމީމަ އަހަރެން ދުރަށް މި ދަނީ ވެސް ހަމަ އެކަމާ ރުހިގެން."

ސީބީއެފްސީގެ ޗެއާމަނަކަށް ނިހަލާނީ އައްޔަން ކުރީ ޖެނުއަރީ 9، 2015 ގަ އެވެ.

ނިހަލާނީ ބުނީ އޭނާ ސީބީއެފްސީ އަށް އައްޔަން ކުރި އެތަން "ކޮރަޕްޓް ވެސް ވެފައި" ވަނިކޮށެވެ. އެހެންވެ މަސައްކަތް ކުރަން ޖެހުނީ ގޮންޖެހުންތަކަކާ އެކުގައި ކަމަށެވެ.

ވިދިޔާ: އޭނާއަކީ މިހާރު ސީބީއެފްސީ ބޯޑްގެ މެމްބަރެއް.

"އަހަރެން މަގާމުގައި ހުރެގެން ކަންބޮޑުވި މީހުން މިހާރު ވަރަށް އުފާ ވެސް ވާނެ. އަހަރެން އެ މީހުންނަށް ބުނެލަން އޮތީ މިކަމުގެ އުފަލުގައި ދެން ކަލޭމެން ކުރީ ބައިގައި ދިވާލީ ވެސް ފާހަގަކުރާށޭ،" އޭނާ ބުންޏެވެ.

ނިހާލާނީ ބުނީ ދެން އަނެއްކާ ވެސް އެނބުރި ދާނީ ފިލްމް އުފެއްދުމުގެ މަސައްކަތްތަކަށް ކަމަށެވެ. އަދި ވަރަށް އަވަހަށް ފިލްމްތަކެއް އިއުލާން ކުރާނެ ކަމަށް ބުންޏެވެ. އޭނާ ވަނީ 29 އަހަރު އެސޯސިއޭޝަން އޮފް ޕިކްޗާޒް އެންޑް ޓީވީ ޕްރޮގްރާމް ޕްރޮޑިއުސާސް (އޭޕީޓީޕީ) ގެ ރައީސްކަން ވެސްކޮށްފަ އެވެ. އެ މަގާމުން ނިހަލާނީ އިސްތިއުފާ ދިނީ 2009 ގަ އެވެ.

ސީބީއެފްސީގެ ޗެއާޕާސަންގެ މަގާމަށް މިހާރު ވަނީ މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ޕްރަސޫން ޖޯޝީ އައްޔަންކޮށްފަ އެވެ. އެއީ އިއްޔެ އިން ފެށިގެން ތިން އަހަރުގެ މުއްދަތަކަށެވެ. އަދި ބޯޑް މެމްބަރެއްގެ ގޮތުގައި ބަތަލާ ވިދިޔާ ބަލަން ވެސް ވަނީ އައްޔަންކޮށްފަ އެވެ.

ސީބީއެއެފްސީގެ ބޯޑްގައި ހިމެނެނީ 13 މެމްބަރުންނެވެ.