"ޓޮއިލެޓް" އާ އެކު އަކްޝޭއަށް ހޮލީވުޑްގެ ބަތަލާ ސަލްމާ ހަޔެކް މަރުހަބާ ކިޔައިފި

އަކްޝޭ ކުމާރުގެ އާ ފިލްމް "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" ހުކުރު ދުވަހު ރިލީޒް ކުރުމާ އެކު، ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސަލްމާން ހަޔެކް އަކްޝޭ އަށް މަރުހަބާ ކިޔައިފި އެވެ.


ޑެސްޕަރާޑޯ އާއި ފްރޮމް ޑަސްކް ޓިލް ޑޯން ފަދަ ފިލްމްތައް ކުޅެފައިވާ ސަލްމާ އަކްޝޭ އަށް މަރުހަބާ ކީ ޓްވީޓަކުންނެވެ.

"ޓޮއިލެޓް" އަކީ އިންޑިއާގެ އެތައް ހާސް ރައްޔިތުންނެއް ފާހާނާ ކުރުމުގެ ނިޒާމެއް ނެތި އުޅެން ޖެހިފައިވާ ދަތި ހާލުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މި މައްސަލަ އަށް ހޭލުންތެރިކަން އުފެއްދުމެވެ. ހާއްސަކޮށް، ފާހާނާ ކުރެވޭނެ ރައްކާތެރި ގޮތެއް ނެތުމުން އަންހެނުންނަށް ދިމާވާ މައްސަލަތައް ގިނަ އެވެ.

ފިލްމުގެ ކޮންސެޕްޓަށް އިޝާރާތްކޮށް ސަލްމާ ކުރި ޓްވީޓްގައި ބުނީ އަންހެނުން ދެން ފާހާނާ ކުރަން ޖެހިލުން ވާން ނުޖެހޭ ކަމަށެވެ. ސަލްމާންގެ ޓްވީޓަށް އަކްޝޭ ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.

ސަލްމާންގެ ޓްވީޓް.

ފާހާނާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުން، އިންޑިއާގެ އެތައް ހާސް ބަޔަކު ފާހާނާ ކުރަނީ ހާމަ ތަންތަނަށެވެ. މިކަމުގެ ސަބަބުން ދިމާވާ ސިއްހީ އަދި އިޖުތިމާއީ މައްސަލަތައް ގިނަ އެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރިއަށް ގެންދަވާ "ސްވަޗް ބާރަތު" ކެމްޕޭން ދަށުގެ އިންޑިއާގެ ރަށްފުށުގައި އެތައް ހާސް ފާހާނާއެއް ހަދަން ވަނީ މަޝްރޫއެއް ފައްޓަވައިފަ އެވެ.

ޝްރީ ނާރަޔަން ސިންގް ޑައިރެކްޓްކޮށްފައިވާ "ޓޮއިލެޓް" ގައި ކިޔައި ދެނީ މީހަކާ އިނދެގެން ފިރިއަކު، އަނބިމީހާ ގެއަށް ގެންނަ އިރު، އެ ގޭގައި ފާހާނާ ނެތުމުން އަނބިމީހާ ގެ ދޫކޮށްފައި ދިއުމުން، އޭނާ އަލުން އެނބުރި ގެނައުމަށް ކުރާ މަސައްކަތެވެ. މި ފިލްމުގައި އަކްޝޭއާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ ބޫމީ ޕެޑްނޭކަރް އެވެ.

"ޓޮއިލެޓް" ގެ ޓްރެއިލާ.

ހުކުރު ދުވަހު މި ފިލްމް ރިލީޒް ކުރުމާ އެކު އާންމުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ.

ކްރިޓިކުން ބުނެފައިވާ ގޮތުގައި "ޓޮއިލެޓް" ގެ ސްކްރީންޕްލޭގައި ލޯވަޅުތަކެއް ހުއްޓަސް، ފިލްމުން އިޖުތިމާއީ މެސެޖެއް ފޯރުކޮށް ދޭތީ ފިލްމް ހިނގާނެ ކަމަށް ގަބޫލު ކުރެވެ އެވެ. އަދި "ޓޮއިލެޓް" އަށް ބޮކްސް އޮފީހުގައި އޮތް އަނެއް ހިތްހަމަޖެހުމަކީ އެ ފިލްމާ ވާދަ ކުރާނެ އިތުރު ފިލްމެއް މި ހަފުތާގައި ނެތުމެވެ.