"މިޝަން އިމްޕޮސިބަލް 6" ގެ ސްޓަންޓެއް ހަދަނިކޮށް ޓޮމް ކްރޫޒަށް އަނިޔާވެއްޖެ

ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަ ވަނަ ފިލްމުގެ ސްޓަންޓެއް ހަދަން އުޅުމުގެ ތެރޭގައި އޭނާއަށް އަނިޔާވެއްޖެ އެވެ.


ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި 55 އަހަރުގެ އެކްޓަރަށް އަނިޔާވީ ފިލްމުގެ މަންޒަރެއް ލަންޑަންގައި ނަގަނިކޮށެވެ. އަނިޔާވީ އިމާރާތެއްގެ މަތިން އެހެން އިމާރާތެއްގެ މައްޗަށް ފުންމާލަން އުޅުމުގެ ތެރޭގަ އެވެ. އޭނާ އަށް އަނިޔާވާ މަންޒަރު ފެންނަ ވީޑިއޯ ވެސް ވަނީ އާންމުކޮށްފަ އެވެ.

މި ހާދިސާގައި ފަޔަށް ލިބުނު ގެއްލުމަށް ފަރުވާ ހޯދަން ޖެހުނު ނަމަވެސް، ލިބުނު ގެއްލުންތަކުގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މިހާރު އޭނާ އަށް ހިނގެނީ ކޮރު ޖަހަމުންނެވެ.

"މިޝަން އިމްޕޮސިބަލް" ގެ ފިލްމްތަކަކީ އަބަދުވެސް ކްރޫޒް ވަރަށް، ވަރުގަދަ އަދި އެހާމެ ނުރައްކާތެރި ސްޓަންޓްތައް ހަދާ ފިލްމްތަކެވެ. އެގޮތުން މިޝަން އިމްޕޮސިބަލް: ރޯގް ނޭޝަން (2015) ގެ މަންޒަރެއް ވައިގެ ތެރޭގައި ހަދަނިކޮށް ވެސް އަނިޔާވެފައިވެ އެވެ.

ކްރޫޒްގެ އަނިޔާއާ އެކު "މިޝަން އިމްޕޮސިބަލް 6" ގެ ޝޫޓިން އަށް ބުރޫތަކެއް އަރާފައިވާ އިރު، މީގެ ކާސްޓުންގެ ތެރޭގައި ހެންރެލީ ކެވިލް، ރެބެކާ ފާގަސަން، އެންޖެލާ ބެސޭ އަދި އެލެކް ބޯލްޑްވިން ހިމެނެ އެވެ.

ޓޮމް ކްރޫޒް އަނިޔާވާ ވީޑިއޯ.

ޖުލައި 27، 2018 ގައި ރިލީޒް ކުރަން ތާވަލްކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ކްރިސްޓޯފާ މެކްކްއަރީ އެވެ.