"ހާދަރު" ގެ ޓިކެޓް ޖުލައި އެކެއްގައި ވިއްކަން ފަށަނީ

އަންނަ މަހުގެ 16 ގައި ރިލީޒް ކުރާ އެމްއެންޑީއެފްގެ ފިލްމް "ހާދަރު" ގެ ޓިކެޓް އަންނަ މަހުގެ އެކެއްގައި ވިއްކަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.


ފިލްމް ޕްރިމިއާ ކުރަން ހަމަޖައްސައި ވަނީ އޮލިމްޕަހުގެ އެވެ.

"ހާދަރު" ގެ އެސިސްޓަންޓް ޑައިރެކްޓަރު އަދި ވިލަންއެއްގެ ރޯލުން ވެސް ފެނިގެންދާ ނަސްރުﷲ ނައީމް ބުނީ އޮލިމްޕަހުގައި 16 ވަނަ ދުވަހުގެ ރޭ ފިލްމް ޕްރިމިއާ ކުރާ އިރު، ފިލްމް ޓިކެޓް ވިއްކަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް ޓިކެޓް ވިއްކާނެ އަގެއް އަދި ފައިނަލެއް ނުކުރެ އެވެ.

މި ފިލްމް އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ފަހު، އެމްއެންޑީއެފްގެ ހަތަރު އޭރިއާ ގާއިމުކޮށްފައިވާ ސަރަހައްދުތަކުގައި ވެސް ވަނީ ދައްކަން ނިންމައިފަ އެވެ.

"އެމްއެންޑީއެފްގެ އޭރިިއާތައް ހުރި ހަތަރު ސަރަހައްދުން ފިލްމް އަޅުވާނެ ތަންތަން ވެސް މިހާރު ހުރީ ކަނޑައަޅާފައި. އަދި ފިލްމް އަޅުވައި ދޭން ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުން ރިކްއެސްޓް އަންނާތީ އެކަން ހަމަޖައްސައި ދިނުމަށް ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުން،" ނަސްރު ބުންޏެވެ. "ފަހުގެ ތާރީހެއްގައި ޝްވެކް ސިނަމާގައި ވެސް ފިލްމް އަޅުވަން ޕްލޭންކޮށްފައި އޮތީ."

މީގެ އިތުރުން އަވަށްޓެރި އިންޑިއާ އާއި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން އެ ދެ ގައުމުގައި ވެސް ފިލްމް އަޅުވާނެ އެވެ.

"އެކަމަކު އަދި ސީދާ ޑޭޓެއް ދަންނަވާކަށް ނޭނގޭ،" ނަސްރު ބުންޏެވެ.

އެމްއެންޑީއެފުން އުފެއްދި ފުރަތަމަ ފީޗާ ފިލްމް "ހާދަރު" އަކީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ތަމަޅަ ޓައިގަރުން ދިން އުދުވާނީ ހަމަލާ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ ފިލްމުގެ ވާހަކަ ލިޔުނީ ބިންމާ އިބްރާހީމް ވަހީދެވެ. އަދި ޑައިރެކްޓަރަކީ އަޝްހަރު ވަހީދެވެ.

"މިއީ އެއްގޮތަކަށް ވެސް ދިވެހި ފިލްމް އިންޑަސްޓްރީ އަށް ގޮންޖަހަން ހެދި ފިލްމެއް ނޫން. ތާރީހުގައި ހިނގާފައި އޮތް ހާދިސާއަކަށް އާންމުން ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ހެދި ފިލްމެއް ހާދަރަކީ،" ނަސްރު ބުންޏެވެ.

އޭނާ ބުނީ "ހާދަރު" ވެގެން ދާނީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ރީތި އަދި ފުރިހަމަ ފިލްމަކަށެވެ.

"ވަަރަށް އަވަހަށް މީގެ އާ ޓްރެއިލާއެއް ވެސް ނެރޭނަން. ދެން ވަރަށް ގިނަ ޕްރޮމޯޝަނަލް ކަންކަން އެބަ ހުރި ކުރިއަށް ރޭވިފައި،" ނަސްރު ބުންޏެވެ.