އިސްތަންބޫލް އެއާޕޯޓަށް ހަމަލާދިނީ ރިތިކް ފުރައިގެން ދިޔަތާ އިރުކޮޅެއް ފަހުން

ތުރުކީގެ އިސްތަންބޫލް އެއާޕޯޓަށް ރޭ ދިން ޓެރަރިސްޓް ހަމަލާގެ ކުޑަ އިރުކޮޅެއް ކުރިން އެ އެއާޕޯޓްގައި ހުރި ކަމަށާއި ސަލާމަތްވީ ބިޒްނަސް ކްލާހުން ދާން މަޑު ނުކޮށް އަވަހަށް ފުރައިގެން ދިއުމުން ކަމަށް ރިތިކް ބުނެފި އެވެ.


ރިތިކް އިސްތަންބޫލް އެއާޕޯޓުގައި ހުރީ "ކާބިލް"ގެ ފުރަތަމަ ޝެޑިއުލް ނިންމާލުމަށް ފަހު ދެ ދަރިންނާ އެކު އެފްރިކާގައި ހޭދަކުރި ޗުއްޓީ ނިންމާލުމަށް ފަހު އިންޑިއާ އަށް ދާން ޓްރާންސިޓެއްގަ އެވެ. އޭނާ އަށް ވަނީ އިންޑިއާ އަށް ދާން އޮތް ކަނެކްޓިން ފްލައިޓް މިސްވެފަ އެވެ. އެހެންވެ އިންޑިއާ އަށް ދާން އެއްވެސް ފްލައިޓެއްގެ ބިޒްނަސް ކްލާހުން ޖާގަ ނުލިބި އިސްތަންބޫލު އެއާޕޯޓްގައި މަޑުކުރަން ޖެހުނީ އެވެ. ނަމަވެސް އިކޮނޮމީ ކްލާހުގައި ނަމަވެސް އިންޑިޔާއަށް އެނބުރި ދާން ނިންމައި ރިތިކް ދަތުރަށް ފެށީ އެވެ.

އިސްތަންބޫލް އެއާޕޯޓަށް ހަމަލާ ދީފައި ވަނީ ރިތިކް އިންޑިއާ އަށް ދާ ފްލައިޓް ނައްޓާލިތާ ގިނަ އިރުތަކެއް ނުވެ އެވެ.

އެއާޕޯޓަށް ދިން ހަމަލާގައި 36 މީހަކު މަރުވެ 140 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.