ޖާންވީ އާއި އިޝާންގެ "ސައިރަތު" ނޮވެމްބަރުގައި ފަށަނީ

ފިލްމީ ތަރިން ކަމަށްވާ ޝްރީދޭވީ އާއި އޭނާގެ ޕްރޮޑިއުސަރު، ފިރިމީހާ ބޯނީ ކަޕޫރުގެ ދޮށީ ދަރިފުޅު ޖާންވީ އާއި ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަންނަ އަހަރު ބޮލީވުޑަށް ތައާރަފްވާނެ އެވެ.


ސާރާގެ ފުރަތަމަ ފިލްމު "ކެދާރްނާތު"ގެ ޝޫޓިން މިހާރު ވަނީ ފެށިފަ އެވެ. އަދި ޖާންވީގެ ފުރަތަމަ ފިލްމު "ސައިރަތު"ގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފެށުމަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

ސާރާ އާއި ޖާންވީ ތައާރަފްވާ ފިލްމުތަކަށް ބަލާއިރު ޖާންވީގެ ފެށުން ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ޖާންވީ ތައާރަފްކޮށްދެނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ޑައިރެކްޓަރު ކަރަން ޖޯހަރް ކަމަށް ވާތީ އެވެ. ކަރަން މިހާތަނަށް ތައާރަފްކޮށްދިން އެކްޓަރުންނަށް ފިލްމު އިންޑަސްޓްރީގައި ރަނގަޅު މަގާމުތަކެއް ހޯދިފައިވެ އެވެ. އާލިއާ ބަޓް، ވަރުން ދަަވަން އަދި ސިދާރްތު މަލްހޯތުރާ އަކީ ކަރަން ތައާރަފްކޮށްދިން އެކްޓަރުންނެވެ.

ޝަޝާންކް ޚައިތާން ޑައިރެކްޓްކުރާ "ސައިރަތު" އިން ޖާންވީ އާއެކު ޝާހިދު ކަޕޫރުގެ ފިރިހެން ކޮއްކޮ އިޝާން ބޮލީވުޑަށް ތައާރަފް ވާނެ އެވެ. މިއީ އިޝާން އާއި ޖާންވީގެ ފުރަތަމަ ފިލްމު ކަމަށް ވާތީ ދެ މީހުންގެ ކެމިސްޓްރީ ރަނގަޅުކުރުމަށް ވަރަށް ގިނައިން ބައްދަލުވެ އެކުގައި ވަގުތު ހޭދަކުރުމަށް ކަރަން ވަނީ މި ދެ އެކްޓަރުންނަށް އިރުޝާދު ދީފަ އެވެ. އަދި ނެށުމާއި އެކްޓިން ކްލާސްތަކުގައި އެކުގައި ބައިވެރިވެ ވަރަށް ގިނަ ތަމްރީނުތައް ވެސް ދަނީ ހަދަމުންނެވެ.

ސާރާގެ ފުރަތަމަ ފިލްމު "ކެދާރްނާތު"ގެ ބަތަލަކީ ސުޝާންތު ސިންގް ރާޖްޕޫތެވެ. ފިލްމު އަންނަ އަހަރުގެ އެޕްރީލްމަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ޖާންވީގެ ފިލްމު ރިލީޒްކުރާ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.