ވިޝްކާގެ ލަވަ "އާދޭ މިއަދު ދާން" ހިތްގައިމު ވާނެ

ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" ގެ ޓީޒާ އަށް ފަހު މިހާރު މިއޮތީ އެ ފިލްމުގައި ހިމެނޭ ލަވައެެއްގެ ފަސްޓްލުކް އެވެ.


"އާދޭ މިއަދު ދާން" ގެ ނަން ދީފައިވާ ލަވައިން ފެނިގެން ދާނީ "ވިޝްކާ" ގެ ލީޑުން ފެނިގެންދާ ފިލްމުގެ ޑައިރެކްޓަރު/އެކްޓަރު ރަވީ ފާރޫގާއި ބަތަލާ ރިޝްމީ ރަމީޒެވެ.

މި ހިތްގައިމު މަޑުމައިތިރި ލޯބީގެ ލަވައަކީ އިބްރާހީމް ނިފާރު (ތިއްތި) ގެ މިއުޒިކަށް، މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) މެލޮޑީ އާއި ލިރިކްސް ހަދާފައިވާ ލަވައެކެވެ.

ލަވަ ކިޔާފައި ވަނީ ރަވީ އާއި ޔާރާ އިން ލަވަ ކިޔުމުގެ ދާއިރާ އަށް ތައާރަފު ކުރި ހުނަރުވެރި ޒުވާން އަންހެން ލަވަ ކިއުންތެރިޔާ މަރިޔަމް ރިފްގާ އެވެ. އޭނާއަކީ ޔާރާ އިން ހެދި އަގު ބޮޑު ވީޑިއޯ ލަވަ "އެމްއައިއެންއީ މައިން" ލަވައިގެ އަޑުވެރިޔާ އެވެ.

"އާދޭ މިއަދު ދާން" ގެ މަންޒަރުތައް ނަގާފައި ވަނީ ތ. އަތޮޅު ވަންދު އާއި އެ ރަށާ ކައިރި ދެ ފަޅު ރަށެއްގަ އެވެ. ލަވަ ނަގާފައި ވަނީ ސިމްބޮލިކް ރެކޯޑްސް އިންނެވެ.

ސިމްބޮލިކަކީ މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ހިތްގައިމު ވީޑިއޯ ލަވަތަކެއްގެ ފަހަތުގައި ވެސް އޮތް ސްޓޫޑިއޯ އެވެ.

"ވިޝްކާ" ގެ ޕްރޮޑިއުސަރު ރިޝްމީ ބުނީ ތ. އަތޮޅުގައި ނަގާފައިވާ ލަވަ ރީތި ވާނެ ކަމަށެވެ.

"ލަވަ ރީތި އަދި ހިތްގައިމު ލަވައަކަށް ހަދަން މެކްސިމަމް ދީފައި ހުންނާނެ. ލަވައިގެ މަންޒަރުތައް ހަމަ ޔަގީނުން ވެސް ވަަރަށް ރީތި ވާނެ،" ތ. އަތޮޅުގައި ލަވަ ނެގުމުގެ އެހީތެރިކަން ފޯރުކޮށް ދިން އަބްދުﷲ އާއި ޒިޔާދަށް ޝުކުރު އަދާ ކުރަމުން ރިޝްމީ ބުންޏެވެ. "އެ އަތޮޅުގައި ލަވަ ޝޫޓް ކުރަން ނިންމީ ވެސް ރީތި ލޮކޭޝަންތަކެއްގައި ލަވަ ނަގަން ބޭނުންވެގެން."

ރިޝްމީ "ވިޝްކާ" ގެ ޝޫޓިން ތެރޭގައި.

"ވިޝްކާ" ގެ ޓްރެއިލާ ފިތުރު އީދު ދުވަހު ރިލީޒް ކުރާ އިރު، "އާދޭ މިއަދު ދާން" ލަވައިގެ ބައެއް ވެސް ބެލުންތެރިންނަށް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.

ރިޝްމީ ބުނީ "ވިޝްކާ" ގައި ދެ ލަވަ ހިމެނޭ އިރު، މި ފަހަރު ފިރިހެން އަޑަކަށް ފިލްމުން އިވިގެން ދާނީ ރަވީގެ އަޑު ކަމަށެވެ.

"ދި ޓީޓީވީގެ ތަރިންގެ ޕްރޮގްރާމްގައި ވެސް ރަވީ ކިޔާފައިވާ ހުރި ލަވަތަކަށް ބަލާ އިރު، އޭނާއަކީ ލަވަ ކީ ދާނެ ކަމުގެ ޕޮޓެންޝަލް ހުރި މީހެއްކަން އެނގޭތީ އަސްލު ރަވީގެ އަޑުން ލަވަތައް ގެންނަން ނިންމީ." އޭނާ ބުންޏެވެ. "ލަވަތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ."

"ވިޝްކާ" ސިނަމާ އަށް އަންނާނީ އޮގަސްޓް މަހު އެވެ.