ފިލްމުތަކުން ލަވަ އާއި ނެށުމުގެ ސަގާފަތް ދަނީ ނެތެމުން: ފަރާ ޚާން

ބޮލީވުޑް ފިލްމުތަކުގެ ވާހަކަ އަތުވެއްޖެނަމަ ކޮންމެ މީހަކަށް ވެސް ސިފަ ކުރެވޭނީ ލަވަ ކިއުމާއި ނެށުމުގެ މަންޒަރުތަކެކެވެ. ނަމަވެސް ޒަމާނުއްސުރެ ހިންދީ ފިލްމުތަކުގައި ހިމެނިފައިވާ ލަވަ ކިއުމާއި ނެށުމުގެ ސަގާފަތް ފަނޑުވަމުންދާ ކަމަށް، މަޝްހޫރު ޑާންސް މާސްޓާ އަދި ފިލްމު ޑައިރެކްޓަރު ފަރާ ޚާން ބުނެފި އެވެ. އޭނާ ބުނީ މިހާރު ލަވަތައް ގިނައިން ހުންނަނީ ބެކްގްރައުންޑްގައި ކަމަށެވެ.


މިހާރަކަށް އައިސް ލަވަތައް ކޯރިއޯގްރާފް ނުކޮށްދެނީ ވެސް ހިތްހަމަޖެހޭ ކަހަލަ ފުރުސަތުތައް ނުލިބޭތީ ކަމަށް ފަރާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިލްމުތަކުގައި ލަވަ ކިޔުމާއި ނެށުމުގެ ބައިތައް ނެތުމަކީ ނުވަތަ މަދުވެގެން ދިއުމަކީ އެއްގޮތަކުން ބަލާއިރު ރަނގަޅު ކަމެކެވެ. އަނެއް ގޮތަކުން ބަލާއިރު ގޯސް ކަމެކެވެ.

"އަހަންނަށް ހީވަނީ ނެށުމާ ބެހޭ ފިލްމެއް އުފައްދަންޏާ ނޫނީ މިހާރު ކޮންމެހެން ނެށުމާއި ލަވަކިއުމަކީ ފިލްމުތަކުގައި ހިމަނާ ކަމެއް ނޫންހެން. އެ ސަގާފަތް މިހާރު ދަނީ އުވެމުން. މިހާރު ލަވަތައް އިވެނީ ގިނައިން ބެކްގްރައުންޑުން،" ފަރާ ބުންޏެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާއާ ވާހަކަ ދައްކަމުން ފަރާ، 52، ބުނި ގޮތުގައި ފިލްމުތަކުގައި ލަވަ އާއި ނެށުންތައް ހިމެނުމުގައި ހިތްހަމަޖެހޭ ކަންތައްތަކަކާއި ހިތްހަމަނުޖެހޭ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. ހިތްހަމަޖެހެނީ ހިންދީ ފިލްމު ބަލާ މީހުންގެ ރަހަތައް ބަދަލުވާކަން އެނގޭތީ އެވެ. ހިތްހަމަ ނުޖެހެނީ ޒަމާނުއްސުރެ، ލަވަ އާއި ނެށުމަކީ ހިންދީ ފިލްމުތަކުގެ ހުންނަ އެއްޗަކަށް ވެފައި އެކަން އުވިގެން ދާތީ އެވެ. ހޮލީވުޑަށް ވުރެ ކުރީގައި ބޮލީވުޑަށް އޮވެވެނީ ނެށުމާއި ލަވަކިއުން ހިމެނޭތީ ކަމަށް ފަރާ ބުންޏެވެ.

ކުރީގެ މަޝްހޫރު ލަވަތައް އަލުން ބަދަލުކޮށްގެން މިހާރު ފިލްމުތަކުގައި ހިމަނަމުންދާތީ އެއީ ވެސް ރަނގަޅުކަމެއް ކަމަކަށް ފަރާ ނުދެކެ އެވެ. "ހަމްމާ ހަމްމާ"، "ތައްމާ ތައްމާ"، "އޫންޗީހެ ބިލްޑިންގް" ފަދަ ލަވަތައް އަލުން އުފައްދާފައިވާ ގޮތް އެއްގޮތަކަށް ވެސް ކަމު ނުދާ ކަމަށް ފަރާ ބުންޏެވެ.

ފަރާ ގަބޫލުކުރާ ގޮތުގައި މިހާތަނަށް އުފައްދާފައިވާ މިފަދަ ހުރިހާ ލަވަ ތަކަކީ ވެސް އޮރިޖިނަލް ލަވައަށް ވުރެ މާ ހުތުރުކޮށް ކިޔައި އަދި ނަށާފައިވާ ލަވަތަކެވެ. އޮރިޖިނަލް ލަވައަށް ވުރެ މޮޅަށް އެއްވެސް ލަވައެއް އުފައްދާފައި އޮތްނަމަ އޭނާ ޝަކުވާ ނުކުރީސް ކަމަށް ފަރާ ބުންޏެވެ.

ފަރާ މިހާރު ތައްޔާރުވަނީ ސްޓާ ޕްލަސް އިން އަލަށް ފަށަން ތައްޔާރުވަމުންދާ ޝޯ "ލިޕް ސިންގް ބެޓްލް" އަށެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ "ލިޕް ސިންކް ބެޓްލް"ގެ އިންޑިޔާ ވާޝަން އެވެ. މި ޝޯގައި ބޮލީވުޑާއި ޓީވީ ތަރިންނާއި ކުޅިވަރުގެ ފަންނާނުން ކުޖޯޑު ޖޯޑަށް ބައިވެރިވާނެ އެވެ. އަދި ކުރީގެ ހިންދީ ފިލްމުތަކުގެ ލަވަތަކަށް އަނގަ ހަރަކާތްކުރަމުން ނަށާނެ އެވެ.