ބޮލީވުޑް އެކްޓަރު ޓޮމް އޯލްޓާ ކެންސަރު ބައްޔާ ހަނގުރާމަކުރަނީ

ޓޮމް އޯލްޓާ، 67، އަކީ ކުރީގެ ވަރަށް ގިނަ ހިންދީ ފިލްމުތަކުން ފެނިފައިވާ އެކްޓަރެކެވެ. ގިނަ ބަޔަކަށް އޭނާ ބޮޑަށް ފާހަގަކުރެވޭނީ ހިންދީ ފިލްމުތަކުގައި އުޅޭ އެކްޓަރުންނާ ސިފަ ތަފާތު ކަމުންނެވެ. ޓޮމް ބޮޑަށް ވައްތަރީ ހޮލީވުޑް ފިލްމުތަކުގައި މަސައްކަތްކުރާ އެކްޓަރަކާ އެވެ.


އެއްވެސް ފިލްމަކުން ޓޮމް ނުފެންނަތާ ގިނަ ދުވަސް ތަކަކަށް ފަހު އޭނާއަށް ކެންސަރު ޖެހިފައިވާ ކަމުގެ ޚަބަރުތައް ފެތުރެން ފެށި އެވެ. އޭރު އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ ޓޮމް އަށް ޖެހިފައިވަނީ ކަށީގެ ކެންސަރު ކަމަށެވެ. ނަމަވެސް ޓޮމްގެ ދަރިފުޅު ޖެމީ އޯލްޓާ މިދިޔަ އާދިއްތަ ދުވަހު އިންޑިއަން ނިއުސް އެޖެންސީއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާގެ ބައްޕައަށް ޖެހިފައި ވަނީ ހަމުގެ ކެންސަރެވެ. އަދި ކެންސަރު މިހާރު ހުރީ ހަތަރު ވަނަ ސްޓޭޖްގައި ކަމަށާއި ހޮސްޕިޓަލުގައި ބާއްވައިގެން ޓޮމް އަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ޖެމީ ބުންޏެވެ.

މުމްބައިގެ ސައިފީ ހޮސްޕިޓަލުގައި މިހާރު އޮތް ޓޮމްގެ ހާލު މާ ބޮޑަށް ސީރިއަސް ނޫންކަމަށް އޭނާގެ ދަރިފުޅު ބުންޏެވެ.

ޓޮމް އަކީ ވަރަށް ގިނަ ޓީވީ ޝޯތަކުގައި ވެސް ބައިވެރިވެފައިވާ މީހެކެވެ. އެގޮތުން "ބާރަތު އޭކް ކޯޖް"، "ޒަބާން ސަބާލްކޭ" ފަދަ ޝޯތައް ހިމެނެ އެވެ.

ޓޮމް އަކީ އިންޑިއާގައި ދިރިއުޅޭ އެމެރިކާ ނަސްލުގެ މީހެކެވެ. ސްޓޭޖާއި ބޮޑު ސްކްރީނުގައި ޓޮމް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަރަށް މޮޅަށް އެކްޓްކޮށްފަ އެވެ.

ޓޮމްގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ގާންދީ"، "ޝަތުރަންޖް ކީ ކިލާޅީ"، "ކްރާންތީ"، "އާޝިގީ" އަދި "ޕަރިންދާ" ހިމެެެނެ އެވެ. އޭނާއަކީ އާއްމުކޮށް ނުބައިބައި ރޯލުތައް ކުޅޭ އެކްޓަރެކެވެ.