ހަސަދަ

އާދިއްތަ ދުވަހާ ގުޅޭ


އެ ރެއަކީ ނާޒިމާއަށް އާދަޔާ ޚިލާފު ހުވަފެނެއް ފެނުނު ރެޔެކެވެ. ހުވަފެނުގައި އުޅެނީ ނިޔާވެފައި ތިބި މީހުންނެވެ. ނާޒިމާގެ ބައްޕައާއި ހަމީދުގެ ބައްޕައެވެ. އެ އެންމެން ތިބީ ހުދު ހެދުމުގައެވެ. އިސްކޮޅުން ވަރަށް ދިގެވެ. ހުވަފެން ފެށުނުއިރު ވެސް ނާޒިމާ ދުވަނީއެވެ. ނާޒިމާގެ ފަހަތުން ބަޔަކު ދުވަމުން އާދެއެވެ. އެ މީހުން ތިބީ ކަޅު ހެދުމެއްގައެވެ. ނާޒިމާ ދުވީ އެ މީހުންގެ އަތުނުވާން ވެގެންނެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. އެ މަގު ވަރަށް ދިގެވެ. މަގުގައި ހުރި ގަސްތައް ވެސް ވަރަށް ދިގެވެ. ހީވަނީ ރަބަރުގަސްތަކެއް ހެންނެވެ. ނިޔާވެފައި ތިބި މީހުން ފެންނަނީ މަގުގެ ތަންތަންކޮޅުންނެވެ. އެ މީހުންނާ ހަމަޔަށް ދާން ނާޒިމާގެ ދުވުން ބާރުކުރެއެވެ. އެކަމަކު ދުވަހަކު ވެސް އެ މީހުން ތިބި ހިސާބަކަށް ނުދެވެއެވެ. ދެން ފެނުނީ އެހެން ބަޔަކު ވެސް ފަހަތުން އަންނަ ތަނެވެ. އެއީ ހަމީދުގެ ކޮއްކޮއެވެ. އަދި ކޮއްކޮގެ ރައްޓެހި ބަޔެކެވެ. އެ މީހުން މަސައްކަތް ކުރަނީ ނާޒިމާ ސަލާމަތްކޮށްދޭށެވެ. ކަޅު ހެދުމުގައި އަންނަ މީހުންގެ ކިބައިންނެވެ. ނާޒިމާ މަސައްކަތް ކުރަނީ ހުދު ހެދުމުގައި ތިބި މީހުންނަށް އިޝާރާތުން ވާހަކަދެއްކޭތޯއެވެ. ސަލާމަތްކޮށްދޭށޭ ބުނެވޭތޯއެވެ. އެ މީހުން ވެސް އަތުގެ އިޝާރާތުން ޖަވާބުތަކެއް ދެއެވެ. ބުނާ ކަހަލައެވެ. ނާޒިމާ ހިމާޔަތްކުރަން އަންނަ މީހުންގެ އަތުވާށެވެ. އެ މީހުންގެ އެހީތެރިކަން ހޯދާށެވެ. އެ ކަން ވިސްނުމުން ނާޒިމާ ހުއްޓުނެވެ. ހުއްޓުމުން ފަހަތުން އައި މީހުން ނާޒިމާގެ ދެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. ފަހަތުން އަންނަ ކަޅުހެދުމުގައި ތިބި މީހުން އަތުގައި ނާޒިމާ ޖެހުނު ނުދިނުމަށްޓަކައެވެ. ނާޒިމާ ގެންގޮސް ބޭންދީ ބޮޑު ގަސްގަނޑެއް ކަހަލަ އެއްޗެއްގެ މަތީގައެވެ. ބައިންދައިފައި ނާޒިމާގެ ސިކުނޑިޔާ ދިމާއިން ބޮލަށް އެއްޗެއް ހަރައިލިއެވެ. އެ ކަން ކުރީ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ތަނަކަށެވެ. ބިސްމި ކިޔުމަށް ފަހުގައެވެ. އެ ހިސާބުން ނާޒިމާއަށް ހޭލެވުނެވެ. އިނާޔާއަށް އެ ހުވަފެން ނާޒިމާ ކިޔައިދިނެވެ.

"ދެން ކިހިނެއްވީ؟" އިނާޔާ ސުވާލުކުރިއެވެ.

"އަނެއް ދުވަހު މައިދައިތަ އެހި ހުވަފެނެއް ފެނުނުހޭ،" ނާޒިމާ ކިޔައިދިނެވެ. "އަހަރެން ހުވަފެން ކިޔައިދިނިން. މައިދައިތަ ބުނީ އިރާދަކުރެއްވިއްޔާ ދެން ތި ރަނގަޅުވީއޭ. ސިހުރެއް ހަދައިފައޭ ތި ހިރީ. އޭގެ ފަހުން ދެން އެ ތަން ނުބައި ނުވެ ރަނގަޅުވީ. އަހަންނަކަށް ނޭނގެ އިނާޔާ މި ވާހަކަތައް ގަބޫލުކުރާނީ ކިހާ ވަރަކަށްކަމެއް. މަށަކީ، އެއް އިރެއްގަ ވެސް ލާރިޔާ، މުދަލާހެދި އުޅުނު މީހެއް ނޫން. ﷲ އަހަންނަށް ދެއްވި އެއްޗަކަށް އަހަރެން ޝުކުރު ކުރާނަން އެކަމަކު ބަނޑަށް މަރުވިޔަސް އަމާނާތަކަށް ޚިޔާނާތްތެރިއެއް ނުވާނަން. ބައްޕަ މަރުވަމުން އަހަންނާ ހަވާލުކުރީ ހުރިހާ ކުދިންގެ އަމާނާތެއް. އެންމެ ލާރިއެއްގަ ވެސް ދޮންތައެއް ނުޖެހޭނަން. ޒިދުނާ ނޫނީ ސިހުރުދެކެ ބިރަކުން ނޫން. ދޮންތަ ބިރުވެތިވާނީ ﷲ އަށް އެކަނި. އަޑުއެހިން ގެއާ ހުރިހާ މުދަލެއް ބަހަންއުޅޭ ވާހަކަ. ހަމަ ބަހަންވީ. އެކަމަކު އެއީ ރަނގަޅު ނިންމުމެއް ނޫން. ގެ ބެހިޔަސް ކޮންމެ ކަމެއް ކުރިޔަސް، ވަޅުލާފަ ހުރި ސިހުރުތައް ނުނަގައެއް މި ގެއަކު ނޫޅެވޭނެ."

އިނާޔާ އަޑުއަހަން ހުރި ގޮތުން ނާޒިމާއަށް ވިސްނުނީ އެ ވާހަކަތައް ގަބޫލުކުރިކަމަށެވެ.

"ދެން ދޮންތައަށް ފެންނަނީ ކިހިނެއްހަދަން؟" އިނާޔާ އެހިއެވެ.

"ސިހުރު ނަގައި ގެ ސާފުކުރަން،" ކަން ކުރާނެކަމުގެ ޔަގީންކަން ނެތަސް ހިތުގައި އޮތް ގޮތަށް ނާޒިމާ ބުންޏެވެ. "އަނިލްއަށް ވެސް މިހާރު އެނގޭނެ އެ ކަން ކުރަން. ފަސޭހައެއް ނުވާނެ. ބައެއް އެއްޗެހި ހިޔެއް ނުވޭ ނެގޭނެހެނެއް ވެސް. ދެން ވީ ވަރެއް ކުރާނީ."

ޒިދުނާ ވަޅުލައިފައިހުރި ސިހުރުތައް ނެގުމަށް ޓަކައި ގޭގެ އެތައް ތަނެއް ކޮންނަން ޖެހުނެވެ. އަނިލް އިސްނަގައިގެން އެ ކަން ކުރިއެވެ. ނެގުނީ ބައެއް އެއްޗެއްސެވެ. އެ އެއްޗެހި އެ ތަނުގައި ވަޅުލިކަމަކަށް ޒިދުނާ އެއްބަހެއް ނުވެއެވެ. ބައެއް ތަންތަނުގައި ތަޅުންއަޅައިފައި އޮތުމުން އެ ތަންތަނެއް ނުކޮނެވުނެވެ.

އޯލެވެލް ހަދަން ހައުލާ އެތައް ފަހަރަކު މަސައްކަތް ކުރިއެވެ. ކާމިޔާބުވާ ގޮތެއް ނުވިއެވެ. ހިތާމައަކަށްވީ ދިގު މުއްދަތަކަށް އެ ކަމުގައި އުޅެންޖެހުމުން ހައުލާގެ ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމެވެ. ނިދި މަދުވުމެވެ. ރަނގަޅަށް ނުކެވުމާއި ހަނދާން ބަލިވުމެވެ. ހައުލާގެ ހަނދާނުގެ ބޮޑުބަޔެއް އެނބުރިއެއް ނައެވެ. އެހެން ދިމާވީ، ކިޔެވިޔަ ނުދޭން ހަދައިފައި ހުރި ސިހުރެއްގެ ސަބަބުންނެވެ. ޢިލްމު އުނގެނުމަކީ ހަނދާނާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމެކެވެ. ތަޢުލީމަކީ ސިކުނޑީގައި މަޢުލޫމާތުތަކެއް ރައްކާކުރުމެވެ. ސިހުރުގެ ތޫނު ހަމަލާތައް އަމާޒުވަނީ ސިކުނޑީގެ އެ ދިމާއަށެވެ. ކުދިކުދި ކަންތައް ކުރަން ނޭނގިފައި ހައުލާ ހުންނަތަން ނާޒިމާއަށް ފެނެއެވެ. ހަމައަކަށް އެޅެނީ މަޑުމަޑުން ލަސްލަހުންނެވެ. އައިސްއަލަމާރި ހުޅުވައިލައިފައި ދެން ކުރަންވީ ކަންތައް ހަނދާންނެތިފައި ހައުލާ ހުރެއެވެ. ގޭގައި ހުންނަ ހިފައިގެންގުޅޭ އެންމެ އާދައިގެ ސާމާނުތަކާ ބެހޭ ގޮތުން ހައުލާ ސުވާލުކުރެއެވެ. އެ އިން ކުރަންވީ ބޭނުން ހަނދާނެއް ނުހުރެއެވެ. ނާޒިމާއަށް ޖެހެނީ ކެތްތެރިކަމާ އެކުގައި ބުނެދޭށެވެ. އެހެންނަމަވެސް، ދުވަހަކަށް ވުރެ ދުވަހެއް ހައުލާ އައީ ރަނގަޅުވަމުންނެވެ. ނާޒިމާ ޝުކުރުކޮށްލައިގެން ހުރީއެވެ.

ބައެއްފަހަރު ހައުލާގެ ވިސްނުން ހުންނަނީ ކުޑަކުއްޖެއްގެ ވިސްނުން ހުންނަހެންނެވެ. ދައްކަނީ ކުޑައިރުގެ ވާހަކަތަކެވެ. ޢާއިލާގެ ބައެއް މީހުން ވަކިކުރާކަށް ނޭނގެއެވެ. ނާޒިމާގެ ބައްޕަ ނުފެނިގެން ހައުލާ ޝަކުވާ ކުރެއެވެ. ހެދުން ލާން އެނގެއެވެ. އެކަމަކު އެހެން ބައެއް އަންނައުނު ބޭނުންކުރާނެ ގޮތެއް ނޭނގެއެވެ. ހައުލާގެ އެންމެ ގާތް އެކުވެރިޔަކަށްވީ މޫނިސާއެވެ. ސުމަކުން ފެށިގެން ހައުލާއަށް ކަންތައްތައް ދަސްކޮށްދިނުމުގައި މޫނިސާ ހުރީ އަތުކުރިއޮޅައިލައިގެންނެވެ. ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ. ތިމާގެ އަމިއްލަ ކިޔެވުމަށް ދާންދެން އެއްފަރާތް ކޮށްލައިފައި މޫނިސާ ހުންނަނީ ހައުލާގެ ފުލުގައި ވިއްދައިފައެވެ. ދެބެންގެ އެ ލޯބި ފެނިފައި ނާޒިމާ ފެންކަޅިވެއެވެ. އޭގެ އަނެއްކޮޅަށް އެ ކަން ދިޔަ ނަމަ ނާޒިމާއަށް ވަރަށް އުނދަގޫވީހެވެ.

"ދަރިފުޅު ޖެހޭނެ ދަރިފުޅުގެ ކިޔެވުމަށް ވެސް ސަމާލުކަން ދޭން އިނގޭ." ޝުކުރުވެރިކަމާއެކު ނާޒިމާ ބުނެއެވެ.

"އެކަމަކު މަންމާ! އަހަންނަކަށް ކޮއްކޮ ދުލެއް ނުކުރެވޭނެއްނު،" މޫނިސާ އަބަދުވެސް ބުނެއެވެ. "މަށަކީ ކޮއްކޮގެ ބެސްޓު ފްރެންޑޭ."

ހައުލާ ރަނގަޅުވަމުން އައިއިރު ވެސް އޭނަގެ ހިތުގައި ބިރުވެރިކަމެއް އޮވެއެވެ. ދޮރު ހުޅުވި، ފޮތިގަނޑު ވަޔާ ވިހުރުމުން ވެސް އެ ދިމާއަށް ބަލަހައްޓައިގެން އޭނައަށް އިނދެވެއެވެ. ކޮންމެވެސް ކަމެއް ވާންއުޅޭހެން އޭނައަށް ހީވަނީއެވެ. ނާޒިމާގެ ހިތުގައި އެތައް ސުވާލެއް އުފެދެއެވެ. ޒިދުނާޔާ އެކުގައި އެ ގޭގައި ނާޒިމާ އުޅުނުއިރު، ޒިދުނާގެ ދަރިފުޅު ސަނާއަށް ހަދަންޖެހޭ ޕްރޮޖެކްޓުތައް ނެހެދިގެން އުޅެން ފެށީމަ ޒިދުނާ އަންނަނީ ނާޒިމާ ގާތަށެވެ. ހިތްހެޔޮކަމާ އެކުގައި ނާޒިމާ އެ ކަން ކޮށްދެއެވެ. އޭގަ ބަދަލުގައި ނާޒިމާގެ ދަރިފުޅަށް ޒިދުނާ ހެދީ ސިހުރެވެ. އެއީ ކޮން އުސޫލެއް ހެއްޔެވެ؟ ސިހުރަށް އެހާ މޮޅުއިރު ސަނާއަށް ސިހުރުހަދައިގެން ސަނާގެ ކިޔެވުން މޮޅުކުރަން ޒިދުނާ ނޫޅުނީ ކީއްވެގެން ހެއްޔެވެ؟ ﷲ އަށް ދުޢާ ކުރުމުގެ ބަދަލުގައި ޖިންނިޝައިތާނާއަށް އަޅުވެތިވީ ކީއްވެގެން ހެއްޔެވެ؟ ނާޒިމާގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލައިފައި ޒިދުނާގެ ދަރިފުޅުގެ ދިރިއުޅުން އާބާދުކުރަން ވިސްނީ ކީއްވެގެން ހެއްޔެވެ؟ އެހެން ގެޔަކުން ކަރަންޓު ދުއްވައިލުމަކީ ތިމާގެ ގެ އަލިގަދަވާ ކަމެއް ނޫނެވެ. ޒިދުނާއަށް އެ ކަން ނުވިސްނެނީއެވެ. ވިސްނަން މަސައްކަތް ކުރާނެކަމަކަށް ވެސް ނާޒިމާ އުންމީދެއް ނުކުރެއެވެ. ޒިދުނާއަކީ މުދަލަށް ދަހިވެތިވެފައިވާ މީހެކެވެ. ގޭގެ އެއްވެސް މީހަކަށް ހަމަނޭވާ ލެވޭނީ ޒިދުނާގެ ދަހިވެތިކަމަށް ކޮންމެވެސް ނިމުމެއް އައި ދުވަހަކުންނެވެ.

ހައުލާއަށް އޯލެވެލް ހެދުނީ ދެ ހާސް ސޯޅަވަނަ އަހަރުއެވެ. ވަރަށް ބޮޑަށް ދަސްކޮށްގެން ވަރަށް ބުރަ މަސައްކަތުންނެވެ. ހިސާބު ޢިލުމަކީ ހައުލާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ނާޒިމާއަށް ވިސްނުނު ގޮތުގައި، ދީނީގޮތުން ހޯދަންޖެހޭ ހުރިހާ ރައްކާތެރިކަމެއް ދަރިފުޅު ހޯދާ ނަމަ، ވަރަށް ގިނަ މުސީބާތްތައް ނުޖެހި ސަލާމަތްވީހެވެ. ކުރިމަތިވާ އުނދަގޫތަކުން އަވަހަށް ރައްކާތެރިވެވުނީހެވެ. އެހެންނަމަވެސް، ކިރިޔާ ވެސް ލުއިވާއިރަށް ހައުލާއަށް ފަރުވާ ކުޑަކުރެވެނީއެވެ. ނާޒިމާ ބުނާ ގޮތަށް ކަންތައް ނުކުރެވެނީއެވެ. ކިޔަން ބުނާ އެއްޗެހި ނުކިޔެނީއެވެ. ހައުލާ ބަރާބަރަށް ނަމާދުކުރެއެވެ. ނަމާދަކީ ކުރަންޖެހޭ އަޅުކަމެކެވެ. އިތުރު ރައްކާތެރިކަމާއި ހިމާޔަތް ލިބެނީ ޒިކުރުކުރުމުންނާއި ދުޢާއިންނެވެ. އެ ކަންކަމަށް ސަމާލުކަން ނުދެވެނީއެވެ. ނާޒިމާ ހަނދާންކޮށްދިނަސް ހައުލާގެ ހިތުގައި ޝައުޤުވެރިކަން ނެތީމައި އެ ކަމާ ނޫޅެވެނީއެވެ. ސިހުރުވެރިންނަށް ހުޅުވޭ ކުޑަދޮރަކީ އެއީއެވެ.

ނާޒިމާއަށް ތަޖުރިބާ ކުރެވުނު ގޮތުގައި، އެކަކަށް ލިބޭ އުފަލަކީ އަނެކަކުގެ ހިތުގައި ހަސަދަވެރިކަން އުފެދިދާނެ ކަމެކެވެ. އޯގާތެރި އަންބެއް ނުވަތަ އޯގާތެރި ފިރިއެއް ލިބުމަކީ އެއްބަނޑުއެއްބަފާ މީހުން ކަޅިއަޅައިފާނެ ކަމެކެވެ. ހިތްއަލި ދަރިޔަކު ހުރުމަކީ، ޢާއިލާގެ އެހެން މީހުންގެ ހިތުގައި އަލިފާން ރޯވެދާނެ ސަބަބެކެވެ. ތަނަވަސް ދިރިއުޅުމާއި، ރީތި ސިފަޔާއި، މަތީ ވަޒީފާގެ އިތުރަށް، ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަކީ ވެސް ތިމާގެ މީހުންގެ ހިތަށް ހެރޭ ކަށްޓަކަށް ވެދާނެއެވެ. އަޤީދާ ވަރުގަދަކޮށް، ރޫޙާނީގޮތުން ރައްކާތެރިކަން ނުހޯދައިފި ނަމަ ފަހުން ހިތާމަކުރަން ޖެހޭނެއެވެ.

ގޭގެ އެންމެން އެއްބަސް ނުވާތީ ގެޔާއި މުދާ ބެހުން ކުރިޔަކަށް ނުދިޔައެވެ. އެހެންވެ، ޒިދުނާ ސިހުރުހެދުން ހުއްޓައެއް ނުލައެވެ. މައްސަލައަކީ އެއީއެވެ. މިހާރު ވެސް ކުދިކުދި އުނދަގޫތައް ހައުލާއަށް ކުރިމަތިވެއެވެ. އެކަމަކު ﷲ ގެ އިރާދަފުޅުން މާ ބޮޑުކަމެއް ދިމައެއް ނުވެއެވެ. އަދިވެސް ހައުލާއަކީ އާންމު އިންސާނުން އުޅޭހެން އުޅޭ ކުއްޖެއް ނޫނެވެ. ގެއިން ބޭރަށް ނުކުންނާކަށް އޭނަ ބޭނުމެއް ނުވެއެވެ. ގިނަ ވަގުތު އިންނަނީ ކޮޓަރީގައެވެ. ހައުލާގެ ހުރިހާ ވެސް ތަނަކީ އެ ކޮޓަރިއެވެ. ނުވަތަ އެއީ ހައުލާގެ ކުޑަކުޑަ ދުނިޔެއެވެ. އޭނައަށް ރައްކާތެރިކަން އިހުސާސްކުރެވޭ ހަމައެކަނި ވަށްބުރެވެ. ނާޒިމާ އުންމީދުކަނޑައެއް ނުލައެވެ. ލޯބިވާ ދަރިފުޅަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާން ނާޒިމާ ހުރީ ތައްޔާރުވެގެންނެވެ.

ނިމުނީ