ރިތިކްގެ "މޮހެންޖޯ ދަރޯ"ގެ އެންމެ ރޮމެންޓިކް ލަވަ އޭ.އާރް ރަހްމާންގެ އަޑުން

އޭ.އާރް. ރަހްމާނަކީ އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ މޮޅު މިއުޒިކް ޑައިރެކްޓަރެއްގެ އިތުރުން މޮޅު ލަވަކިޔުންތެރިއެއް ވެސް މެ އެވެ. އެގޮތުން ރިތިކް ރޯޝަންގެ އާ ފިލްމު "މޮހެންޖޯ ދަރޯ"ގެ އެންމެ ރޮމެންޓިކް ލަވަ ރެކޯޑްކޮށްފައި ވަނީ ރަހްމާންގެ އަޑުންނެވެ.


"މޮހެންޖޯ ދަރޯ"ގެ ޑައިރެކްޓަރު އަޝޫތޯޝް ގޮވަރިކަރްގެ ފޭވަރިޓް މިއުޒިކް ޑައިރެކްޓަރަކީ ރަހްމާން ކަން ގިނަ ބަޔަކު ދަނެ އެވެ. އޭނާގެ ހުރިހާ ފިލްމަކަށް ހެން މިއުޒިކް ތައްޔާރުކުރުވަނީ ރަހްމާން ލައްވަ އެވެ. އެގޮތުން މިފަހަރުވެސް ފިލްމުގެ މިއުޒިކްގެ އިތުރުން އެއް ލަވަ ކިޔުމުގެ ފުރުސަތު ވެސް ރަހްމާނަށް ދޭން ޑައިރެކްޓަރު ބޭނުންވީ އެވެ.

"މޮހެންޖޯ ދަރޯ" ޓްރެއިލާ

"ތޫ ހޭ" ކިޔާ މި ލަވައަކީ ފިލްމުގެ ލަވަތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރާ ލަވަ އެވެ. ރިތިކް އާއި ޕޫޖާ ހެގްޅޭ ހަރަކާތްތެރިވާ މި ލަވަ އަންނަ ޖުލައި މަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަޝޫތޯޝް ބުނި ގޮތުގައި އޭނާ އުފެއްދި ޓީވީ ސީރީޒް "އެވަރެސްޓް" އާ އެކު މިއީ ރަހްމާނާ އެކު އޭނާ މަސައްކަތްކުރާ ފަސް ވަނަ ޕްރޮޖެކްޓެވެ. މީގެ ކުރިން މި ދެ މީހުން އެކުގައި މަސައްކަތް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ލަގާން، ސުވަދޭސް އަދި ޖޯދާ އަކްބަރް ފަދަ ފިލްމުތައް ހިމެނެ އެވެ.

އަޝޫތޯޝްގެ "މޮހެންޖޯ ދަރޯ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ