"ހާދަރު" ގެ ކްރޫ ޝޫޓިން އަށް ސްރީ ލަންކާ އަށް

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރަން ހަމަޖެހިފައިވާ "ހާދަރު" ގެ މަންޒަރުތަކެއް ނަގަން ފިލްމުގެ ކްރޫ ރޭ އަވަށްޓެރި ސްރީ ލަންކާ އަށް ފުރައިފި އެވެ.


މި ފިލްމުގެ ޓިކެޓް އިއްޔެ އިން ފެށިގެން ވިއްކަން ހަމަޖެއްސި ނަމަވެސް ޓިކެޓް ވިއްކުން މިހާރު ވަނީ ލަސްކޮށްލައިފަ އެވެ. ނަމަވެސް "ހާދަރު" ގެ އެސިސްޓަންޓް ޑިރެކްޓަރު ނަސްރުﷲ ނައީމް ބުނީ މި ހަފުތާގެ ތެރޭގައި ޓިކެޓް ވިއްކަން ފަށާނެ ކަމަށެވެ.

"ތައްޔާރީތައް އަސްލު ނުވެވުނީމަ މިއަދު ޓިކެޓް ވިއްކަން ނުފެށުނީ،" ނަސްރު އިއްޔެ ބުންޏެވެ. އެކަމަކު މި ހަފުތާގެ ތެރޭގައި ޓިކެޓް ވިއްކަން ފަށާނަން."

ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް ހަދާފައިވާ "ހާދަރު" ގެ ކްރޫ ރޭ ލަންކާ އަށް ފުރި އިރު، އެ ގައުމުގައި ނަގަން ޖެހެނީ ފިލްމުގެ ވަރަށް ކުޑަކުޑަ މަންޒަރެކެވެ. އެ މަންޒަރުތައް ނުނެގި ލަސްވީ ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ލިބުން ލަސްވެގެން ކަމަށް "ހާދަރު" ގެ ޓީމްގެ އޮފިޝަލަކު ކުރިން ވަނީ ބުނެފަ އެވެ.

ރޭ ލަންކާ އަށް ފުރި ފިލްމް "ހާދަރު" ގެ ކްރޫ.

އެހެން ނަަމަވެސް ލަންކާގައި ޝޫޓް ކުރަން ކިހާ ދުވަހެއް ނަގާނެ ކަމަށް ނަސްރު އާ މިއަދު ގުޅޭ ގޮތް ނުވުމުން ސާފުވާ ގޮތެއް ނުވި އެވެ.

ނަސްރު ބުނި ގޮތުގައި "ހާދަރު" އަކީ ފުރިހަމަ އަދި ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ފިލްމަކަށް ވެގެން ދާނެ އެވެ. އޭނާ ބުނީ ފިލްމު މޮޅު ފިލްމަކަށް ހަދަން ކުރެވުނު ހުރިހާ މަސައްކަތެއް ކޮށްފައި ހުންނާނެ ކަމަށެވެ.

"ހާދަރު" އެންމެ ފުރަތަމަ އަޅުވަން ނިންމީ މެއި މަހުގެ ތެރޭގަ އެވެ. އަދި ފިލްމް ރިލީޒް ކުރާ ތާރީހު ފަސް ކުރީ ވެސް ލަންކާގެ މަންޒަރުތައް ނުނެގި ހުރުމުންނެވެ.

އަޝްހަރު ވަހީދު ޑައިރެކްޓް ކުރާ "ހާދަރު" އަކީ ނޮވެމްބަރު 3، 1988 ގައި ތަމަޅަ ޓައިގަރުންތަކެއް ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އަސްލަކަށް ބަލައިގެން ހަދާފައިވާ އެކްޝަން ތުރިލާއެކެވެ.