ފިޔާތޮށިކުލަ: އެންމެ ކުރިން ފިރިހެންކުދިންގެ ކުލައެއް

އަންހެން ކުދިންގެ ކުލައަކީ ފިޔާތޮށި ކުލަ ކަމަށާއި ފިރިހެންކުދިންގެ ކުލައަކީ ނޫ ކުލަ ކަަމަށް މިހާރު ވަނީ އަހަރެމެންނަށް ގަބޫލުކުރެވިފަ އެވެ. ޚާއްސަކޮށް، ކުޑަކުދިންނަށް އެއްޗެއް ހޯދާ ނަމަ ފިޔާތޮށި ކުލައިގެ އެއްޗެހި ހޯދާނީ އަންހެން ކުދިންނަށެވެ. ނޫކުލައިގެ އެއްޗެހި ފިރިހެން ކުދިންނަށެވެ. ނަމަވެސް އެންމެ ކުރިން އެކަން އޮތީ އެހެނެއް ނޫނެވެ.


ފިރިހެން ކުދިން ފިޔާތޮށިކުލައިން ހެދުން އެޅުވުމަކީ ފިރިހެންވަންތަ ސިފައެއް ކަމަށް ބެލެވުނު ޒަމާނެއް ވެސް ދިޔަ އެވެ.

ކުލައިގެ ތަޖުރިބާކާރު އަދި ލެކްޗަރާ ގެވިން އީވާންސް ބިޒްނަސް އިންސައިޑާޒް އަށް ބުނި ގޮތުގައި 19 ވަނަ ގަރުނާއި 20 ވަނަ ގަރުނުގެ ކުރީކޮޅު ނެރެފައިވާ ބައެއް އިޝްތިހާރުތަކުގައި ވެސް މަންމައިންނަށް އެ މީހުންގެ ދަރިން ފިރިހެންވަންތަ މީހުންނަށް ވާން ބޭނުން ނަމަ ފިޔާތޮށިކުލައިން ހެދުން އަޅުވަން ބުނެދީފައިވާ ކަމަށެވެ. އަދި އަންހެން ދަރިންނަކީ އަންހެންވަންތަ ކުދިންނަށް ވާން ބޭނުން ނަމަ އެ ކުދިން ނޫކުލައިން ހެދުން އަޅުވަން އިރުޝާދު ދީފައިވެ އެވެ.

މިގޮތަށް އިރުޝާދު ދިން ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޔޫރަޕްގައި ޚާއްސަކޮށް އެ ޒަމާނުގައި ނޫ ކުލައަކީ އަންހެންކުދިންގެ ކުލައެއްގެ ގޮތުގައި ބެލެވިފައި ވާތީ އެވެ. އަދި ފިރިހެނުންނަކީ ވަރަށް ވަރުގަދަކޮށް ރަތްކޮށް ތިބޭ ބައެއްގެ ގޮތުގައި ބެލެވިފައިވާތީ އެ މީހުންނަށް ފިޔާތޮށިކުލަ އެންމެ ކަމުދާ ކުލައެއްގެ ގޮތުގައި ބެލެވިފައި ވަނީ އެވެ.

މިގޮތް ބަދަލުކުރީ އިޝްތިހާރުތައް އުފައްދާ އެޖެންސީ އަކުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ވިހި ވަނަ ގަރުނުގެ މެދެއްހާ ހިސާބުގައި މިގޮތް މަޑުމަޑުން ބަދަލުވާން ފެށީ. އަދި 1950 ހިސާބުގައި، ފިޔާތޮށި ކުލައަކީ އަންހެނުންނަށް ޚާއްސަ ކުލައަކަށް ހެދުމަށް ބޮޑެތި އިޝްތިހާރުތައް ތައްޔާރުކޮށްގެން ވަރުގަދަ ކެމްޕެއިންތަކެއް އެޑްވަޓައިޒިން އެޖެންސީން ތަކުން ފެށި. އެހިސާބުން ފެށިގެން މި ބަދަލު ވަރަށް އަވަހަށް އައި،" އީވާންސް ބުންޏެވެ.

އީވާންސް ވަނީ އޭނާގެ ފޮތް "ދަ ސްޓޯރީ އޮފް ކަލާ" ގައި މިކަން ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި ކުލަތަކާ ބެހޭ ގޮތުން އެ ބައެއްގެ ސަގާފަތަށް ބިނާކޮށް މީހުން ދެކޭ ގޮތާއި ކުލަތަކުގެ މާނަ އަދި އޭގެ ހަގީގަތް ކަމަށް ބުނާ ގިނަ ވާހަކަތަކެއް ކުއްލިއަކަށް މާގިނަވެގެން ދިޔަ އެވެ.

މިސާލަކަށް އިނގިރޭސި ބަހުން ވާހަކަ ދައްކާ ގިނަ ބަޔަކު އޭރު ގަބޫލުކުރަނީ ކަޅަކީ މަރާ ގުޅިފައިވާ ކުލައެއް ކަމަށެވެ. އަދި ފެހިކުލަ އަކީ ހަސަދަ ސިފަކޮށްދޭ ކުލައެއް ކަމަށެވެ. ނަމަވެސް ފިޔާތޮއްޓާއި ނޫކުލައަކީ އަބަދުވެސް ބަދަލުވުމުގެ ފުރުސަތު އޮތް ދެ ކުލަ އެވެ.