ކާޖޮލް އާ ޖެހުނު މައްސަލަ ހާމަކުރެވުނީތީ ދެރަވޭ: ކަރަން ޖޯހަރް

އެއް އިރެއްގައި ފިލްމީ ބަތަލާ ކާޖޮލް އާއި ޑައިރެކްޓަރު ކަރަން ޖޯހަރަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އެ ދެ މީހުންގެ މެދުގައި މައްސަަލަ ޖެހުނީ ކަރަންގެ "އޭ ދިލް ހެ މުޝްކިލް" އާއި ކާޖޮލްގެ ފިރިމީހާގެ "ޝިވާއޭ" ބޮކްސް އޮފީހުގައި ކުރިމަތިލުމަަކަށް ދާން ޖެހުނު ހިސާބުންނެވެ.


އެފަހަރު ކާޖޮލް ތުހުމަތު ކުރި ގޮތުގައި ކަރަން ވަނީ ފިލްމު ކްރިޓިކްސް ކަމާލް އާރް. ޚާނަށް ފައިސާ ދީގެން "ޝިވާއޭ" އާ ބެހޭ ނެގެޓިވް ވާހަކަތައް ދައްކުވާފަ އެވެ. ކާޖޮލްގެ މި ތުހުމަތު ކަރަން ދޮގުކުރެ އެވެ. އަދި ކާޖޮލް ކަހަލަ ގާތް އެކުވެރިއަކު މިފަދަ ތުހުމަތެއް ކުރީތީ އޭރު ކަރަން ވަރަށް ރުޅިއައިސްގެން ސޯޝަލް މީޑިއާ އާއި ނޫސްތަކަށް ދިން އިންޓަވިއުތަކުގައި ކާޖޮލް އަށް ހަމަލާތައް ދީފައިވެ އެވެ. ނަމަވެސް ކާޖޮލް ކަރަންއާ ބެހޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ނެހާ ދުޕިއާގެ ޓުވީޓް

"އަހަންނަށް ވިސްނާނުލައި އެ ވާހަކަތައް ދެއްކުނީ. މިހާރު ހިތަށް އަރާ އާންމުންނަށް އެކަން ނާންގާ އަމިއްލައަށް އެ ވާހަކަ ހިތުގައި ބާއްވައިގެން ހުރެވުނު ނަމައޭ. އެއީ އަހަރެންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް. މިހާރު އެ ވާހަކަތައް އެވަނީ ޒަމާންތަކަކަށް ރައްކާ ކުރެވިފައި،" ބަތަލާ ނެހާ ދޫޕިއާ ހުށަހަޅައިދޭ ޕޮޑްކާސްޓް ޝޯގައި ވާހަކަ ދައްކަމުން ކަރަން ބުންޏެވެ.

ކާޖޮލް އާއި ކަރަން މައްސަލަ ޖެހުނަސް މިހާރު އަނެއްކާވެސް ވަނީ ގުޅިފަ އެވެ. އެމީހުންގެ އެކުވެރިކަން އަލުން ބަދަހިވި ގޮތް ވެސް ކަރަން ވަނީ މި ޝޯގައި ކިޔައިދީފަ އެވެ.

ކަރަން ބުނި ގޮތުގައި އޭނާއަށް އެއްމާބަނޑު ދެބެން ލިބުމުން އެންމެ ކުރިން ވެސް އޭނާ މެސެޖްކުރީ ކާޖޮލް އަށެވެ.

"އޭރު އެއްވެސް މީހަކަށް އަހަންނަށް ދަރިން ލިބުނުކަމެއް ނޭނގޭނެ. އަހަރެން ކާޖޮލްއަށް ފޮނުވި މެސެޖުގައި ލިޔުނިން މި މެސެޖަށް ޖަވާބު ނުދިނަސް މައްސަލައެއް ނެތޭ. ނަމަވެސް އޮންލައިނުން ނުވަތަ ނޫސްތަކުން މި ކުދިން އޭނާއަށް ފެނުމުގެ ކުރިން އަހަރެން މި ކުދިން ކާޖޮލް އަށް ދައްކާލަން ބޭނުންވީއޭ،" ކަރަން ބުންޏެވެ.

ކަރަން ބުނި ގޮތަށް ދެ ކުދިން ވަރަށް ލޯބިކަމަށާއި އޭނާގެ ކުދިންގެ ފަރާތުން އޭނާއަށް ލިބުނު ލޯތްބާ އެއްވަރުގެ ލޯތްބެއް ކަރަން އަށް ވެސް އޭނާގެ ކުދިންގެ ފަރާތުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ އޭނާގެ މެސެޖަށް ކާޖޮލް ޖަވާބު ދިނެވެ. އެހިސާބުން އަނެއްކާވެސް ދެ މީހުންގެ މެދުގައި އޮތް ރުޅިވެރިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ.