އާމިރު ޚާންގެ "ސެލިއުޓް"ގައި ޕްރިޔަންކާ އަކީ އެސްޓްރޮނޯޓެއް

ޕްރިޔަންކާ ޗޯޕްރާ އަކީ ބޮލީވުޑްގެ އެންމެ ބިޒީ އެއް އެކްޓަރަށް ވަނީ ވެފަ އެވެ. އޭނާ ވަނީ ހޮލީވުޑް ފިލްމު "ބޭވޮޗް" ކުޅެފަ އެވެ. އަދި މިހާރު އަންނަނީ "އަ ކިޑް ލައިކް ޖޭކް" އާއި "އިޒިންޓް އިޓް ރޮމެންޓިކް" ކުޅެމުންނެވެ. އަދި އޭނާގެ އެމެރިކަން ސީރީޒް "ކުއަންޓިކޯ" އާ ހެދި ބޮލީވުޑް ފިލްމެއް ކުޅޭނެ ފުރުސަތު ފާއިތުވީ ދެ އަހަރެއްހާ ދުވަހު ވެސް ޕްރިޔަންކާ އަށް ނުވި އެވެ.


ނަމަވެސް އަލުން ބޮލީވުޑް ފިލްމުތަކަށް ޕްރިޔަންކާ އެނބުރި އަންނަން ތައްޔާރުވާ ކަމަށް މިހާރު ދަނީ ބެލެވެމުންނެވެ. ދާދިފަހުން ޕްރިޔަންކާ އިންޑިޔާއަށް ކުރި ދަތުރުގައި ވަރަށް ގިނަ ފިލްމުތަކެއްގެ ތެރެއިން ކުޅެން ބޭނުންވާ ބައެއް ފިލްމުތައް ކަނޑައަޅާފައިވެ އެވެ.

އޭގެ ތެރޭގައި އެސްޓްރޮނޯޓް ކަލްޕަނާ ޗައުލާގެ ބައޮޕިކް ހިމެނެ އެވެ. އަދި އާމިރު ޚާންގެ "ސެލިއުޓް"ގައި ވެސް އެސްޓްރޮނޯޓެއްގެ ރޯލު ކުޅެން ޕްރިޔަންކާ ނިންމާފައިވާ ކަމަށްވެ އެވެ.

ޑީއެންއޭގައިވާ ރިޕޯޓެއް ބުނާ ގޮތުން އާމިރު އާއެކު މިހާތަނަށް ފިލްމެއް ކުޅެފައި ނުވާތީ އޭނާއާ އެކު ފިލްމެއް ކުޅުމަށް ޕްރިޔަންކާ ވަރަށް ބޮޑަށް ބޭނުމެވެ. އެހެންވެ "ސެލިއުޓް" ކުޅެން ސޮއިކުރުމަކީ ވަރަށް ގާތް ކަމެކެވެ.

ނަމަވެސް "ސެލިއުޓް"ގެ ކުރިން ޕްރިޔަންކާ ކުޅޭނީ ކަލްޕަނާ ޗައުލާ ބައޮޕިކް ކަމަށް ޚަބަރުތައް ބުނެ އެވެ. މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް މިހާރު ފެށިފައިވާ ކަމަށްވެ އެވެ.

މިވަގުތު ޕްރިޔަންކާ އުޅެނީ "ކުއެންޓިކޯ"ގެ ސީޒަން ތިނެއްގެ ޝޫޓިންގް ގައެވެ. މި ޝޯ އަންނަ އަހަރުގެ ކުރީކޮޅު ނިންމާލުމަށްފަހު ޕްރިޔަންކާ ދެން ބޮލީވުޑް ފިލްމުތައް ފަށާނެކަމަށް ޚަބަރުތައް ބުނެ އެވެ.