އަށް ވަނަ ގައުމީ ފިލްމް އެވޯޑްސް ޑިސެމްބަރު މަހު ބާއްވަނީ

މި ފަހަރު އެވޯޑް ބާއްވަނީ 2014-2016 އަށް ރިލީޒްވި ފިލްމްތަކަށް ހާއްސަކޮށްގެން.

އަށް ވަނަ ގައުމީ ފިލްމް އެވޯޑްސް އަންނަ ޑިސެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.


ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ ފިލްމް އެވޯޑްސް މި އަހަރު ބާއްވާނީ 2014-2016 އަށް ރިލީޒް ކުރި ފިލްމްތަކަށް ހާއްސަކޮށްގެންނެވެ.

އެންސީއޭ އިން ބުނީ އެވޯޑްގައި ފިލްމްތައް ބައިވެރިކުރަން އަންނަ މަހުގެ ތެރޭގައި ހުޅުވައިލާނެ ކަމަށެވެ. ޑިސެމްބަރު މަހުގެ ތެރޭގައި އެވޯޑް ހަފުލާ ބާއްވަން ނިންނި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އެވޯޑް ހަފުލާ ބޭއްވުމުގެ ތައްޔާރީތައް އެންސީއޭ އިން މިހާރު ކުރަމުން އަންނަ އިރު، އެވޯޑް ހަފުލާގެ ޓްރޮފީ ހަދައި ދޭނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ދެހާސް ސާދަ އިން މިދިޔަ އަހަރާ ހަމައަށް ރިލީޒްކޮށްފައި ވަނީ ޖުމްލަ 17 ފިލްމެވެ.

2014 ގައި ރިލީޒްވި ފިލްމްތައް:

1. ހުޅުދާން، 2. 24 ގަޑި އިރު، 3. އާދޭސް، 4. އިންސާނާ، 5. އަނިޔާ

2015 ގައި ރިލީޒްވި ފިލްމްތައް:

1. ރަންދަރި، 2. މިކޮއެ ބައްޕަ ބައޭބައޭ، 3. އެންމެ ފަހު ވިންދާ ޖެހެންދެން، 4. އަހްޝަމް

2016 ގައި ރިލީޒްވި ފިލްމްތައް:

1. އެ ރެއަށް ފަހު، 2. ނޭނގި ޔާރު ވަކިވީ، 3، ވާށޭ މަށާއެކީ، 4. ވަފާތެރި ކެހިވެރިޔާ، 5. ހާދަރު، 6. 4426، 7. ވީ ބޭވަފާ، 8. ބައިވެރިޔާ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ގައި ބޭއްވި ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް ބޭއްވީ 2011-2013 ގައި ރިލީޒް ކުރި ފިލްމްތަކަށް ހާއްސަކޮށްގެންނެވެ. ޖުމްލަ 11 ފީޗާ ފިލްމް ވާދަކޮށްގެން މިދިޔަ އަހަރު އެންމެ މޮޅު ފިލްމަކަށް ހޮވުނީ މޫމިން ފުއާދުގެ "ލޫދިފާ" އެވެ. އެ ފިލްމަށް ޖުމްލަ 10 އެވޯޑް ލިބުނެވެ.