ނިއުމާގެ މަގާމު ފުރާނީ ކޮން ބަތަލާއެއް؟

ރާއްޖޭގެ ފިލްމީ ދާއިރާ އިން ވަރަށް ކުޅަދާނަ، އެހާމެ މަޝްހޫރު އަދި ހަމަ އެ ވަރަށް ވާދަވެރިކަން އޮތް ބަތަލާއިންތަކެއް މާޒީވެގެން ހިނގައްޖެ އެވެ. އެއް ދުވަސްވަރެއްގައި ފިލްމީ ދާއިރާގައި އެންމެ ގަދައަށް ވިދާލި ތަރިންނަކީ އައިޝަތު ޝިރާނީ އާއި މަރިޔަމް ނިޝާ އާއި ޖަމްޝީދާ އަހުމަދާއި ނިއުމާ މުހައްމަދެވެ.


މި ތަރިންގެ ތެރެއިން ނިއުމާ ފިޔަވައި އެހެން ބަތަލާއިން އޮއްސިގެން ގޮސްފައިވާ އިރު، އަންނަ އަހަރަކީ ނިއުމާ ވެސް ބޮޑު ސްކްރީނުން އެއްކޮށް ގެއްލިގެން ދާނެ އަހަރެކެވެ. އެހެންވެ މިއީ ފިލްމީ ދާއިރާގެ ވަރަށް މުހިއްމު ބާބެއްގެ ނިމުމަކަށް ވާނެ އެވެ.

އެކަމަކު އުފާކުރަން ޖެހޭ ކަމަކީ ވަރަށް ހުނަރުވެރި އަދި އެހާމެ ޒުވާން ބަތަލާއިންތަކެއް، ފިލްމީ ދާއިރާގެ ކުރިމަގު އުޖާލާކޮށް ދޭން ވެސް ތިބީތީ އެވެ. އާންމުންގެ މެދުގައި ވަރަށް މަގުބޫލް އަދި އެހާމެ ކުޅަދާނަ ބަތަލާއިންތަކެއް އުފަންވުމަކީ ހަމަ ޔަގީނުން ވެސް ދިވެހި ފިލްމްތަކަށް ލޯބި ކުރާ މީހުންނަށް އޮތް ހިތްހަމަޖެހުމަކަށް ވާނެ އެވެ.

އުންމީދީ ބައެއް ބަތަލާއިންނާއި އެ މީހުންގެ ބައެއް މަސައްކަތްތަކަށް ބަލާލަން ހިނގާށެވެ.

މަރިޔަމް އައްޒަ

މިއީ ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ ޑިމާންޑް ބޮޑު އަދި އެންމެ އާންމު އެއް މޫނަށް ވާނެ އެވެ. ޔާރާ އާއިލާގެ ތެރެއިން އުފަންވި އައްޒަގެ ތަރި މެދުއުޑުގައި ވިދަން ފެށީ މިދިޔަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމް "4426" އިންނެވެ.

އެ ފިލްމަށް ފަހު މި އަހަރުގެ މިހާތަނަށް އޭނާގެ ތިން ފިލްމެއް ސިނަމާ އަށް އަތުވެއްޖެ އެވެ. އެއީ "މީ ލޯތްބަކީ"، "ނޯޓީ 40" އަދި "ހައްދު" އެވެ. ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނަން އޮތީ ވެސް ހަމަ އައްޒަގެ ހުނަރު ފެނިގެން ދާނެ ފިލްމެކެވެ. އެއީ މި މަހުގެ 31 ގައި އަޅުވާ "ބޮސް" އެވެ.

އައްޒަ: މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ.

އައްޒަ މިހާރު ހުރި ހިސާބަށް ބަލާ އިރު އޭނާ ފާހަގަ ކުރެވެނީ ދިވެހި ފިލްމީ ދާއިރާގެ އެންމެ އަލިގަދަ ތަރީގެ ގޮތުގަ އެވެ. ނިޝާ އަށް ފަހު ބަތަލާއެއްގެ "ފުލް ޕެކެޖެއް" ގެ ގޮތުގައި ތަރިއަކު ސިފަ ކުރާ ނަމަ، އައްޒަ އަށް އެ މަގާމު ހައްގު ވާނެ އެވެ.

މަރިޔަމް މަޖުދާ (މަޖޫ)

މަޖޫގެ މާ ގިނަ ފިލްމްތަކެއް އަދި ފެނިފައެއް ނެތެވެ. އެކަމަކު އޭނާގެ ރިލިޒްވި ފިލްމްތަކަށް ބަލާއިރު މިިދިޔަ އަހަރު ރިލީޒް ކުރި "ވާށޭ މަށާއެކީ" އާއި 2015 ގައި ރިލީޒް ކުރި "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ މަޖޫގެ މަގުބޫލްކަން އެތައް ގުނައަކަށް އުފުލައިލި ދެ ފިލްމެވެ. ހާއްސަކޮށް އެ ދެ ފިލްމުން ފެނިގެން ދިޔަ މަޖޫ އާއި ޖުމައްޔިލް ނިމާލް (ޖުމަލް) ގެ ކެމިސްޓްރީ އާއި އެ ދެ ތަރިންގެ ޖޯޑްވެގެން ގޮސްފައި މި ފަހުން ދިވެހި ސިނަމާ އިން ފެނުނު އެންމެ ލޯބި ޖޯޑަށެވެ.

އޭނާ ކުޅުނު ފިލްމްތަކުގެ ތެރެއިން ދެ ފިލްމެއް އަދި ރިލީޒް ނުވެ ދިގުލައިގެން ގޮސްފައިވާ އިރު 2014 ގައި ރިލީޒްވި "ހުޅުދާން" އަކީ ވެސް މަޖޫގެ އެކްޓިން ވަރަށް ފުރިހަމަ އަށް ދައްކުވައި ދިން ފިލްމެކެވެ.

މަޖޫ: މިހާތަނަށް ފެނިފައި ހުރީ ޑާކް ރެއިންގެ ފިލްމްތަކުން އެކަނި.

މަޖޫ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރުގެ މާޗް 5 ގައި ރިލީޒް ކުރާ "ވަކިން ލޯބިން" އިންނެވެ. އެއީ އަނެއްކާ ވެސް ހަމަ ޖުމަލްއާ އެކުގަ އެވެ.

މަޖޫ ބޮޑަށް ފާހަގަކުރެވިފައި ވަނީ ޑާކް ރެއިން ސްޓޫޑިއޯ އަށް ހާއްސަ ބަތަލާއެއްގެ ގޮތުގަ އެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި މަޖޫއަކީ ފިލްމީ ދާއިރާގައި ނިއުމާ ނެތް ތަން ފޫބައްދައިދޭ ވަރުގެ ބަތަލާއެކެވެ.

ފާތުމަތު އާޒިފާ (އަޒޫ)

އަޒޫ މިހާތަނަށް ފިލްމްތަކުން ފެނިފައި ވަނީ ބޮޑަށް ސަޕޯޓިން ރޯލްތަކުން ކަމަށް ވިޔަސް، މިއީ އާންމުން ވަރަށް ބޮޑަށް ބަލައިގަތް ބަތަލާއެކެވެ. އަޒޫ ކުޅުނު ފިލްމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކަށް ވާނީ މިދިޔަ އަހަރު އޭނާ އަށް އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ގައުމީ އެވޯޑްސް ލިބުނު "ލޫދިފާ" އެވެ.

އަޒޫ: ވަަރަށް ގިނަ ބަޔަކަށް ކަމުދާ ބަތަލާއެއް.

ނެށުންތެރިއެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ބަލައިގެންފައިވާ އަޒޫގެ އިތުރު ފިލްމްތަކުގެ ތެރޭގައި "24 ގަޑި އިރު"، "އާދޭސް" ފަދަ ފިލްމްތައް ފާހަގަކޮށްލެވެ އެވެ. މި އަހަރު އެޅުވި ފިލްމްތަކުގެ ތެރެއިން "މަލިކާ" އާއި "ނޯޓީ 40" އިން ވެސް އަޒޫ ފެނިގެން ގޮސްފައިވާ އިރު، "ބޮސް" ގެ މުހިއްމު ރޯލަކުން އަނެއްކާ ވެސް އޭނާ ފެންނާނެ އެވެ.

އަޒޫގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ދެވަންސޫރަ" އާއި "ގިލަން" އަކީ މިހާރު ވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްތަކެވެ.

އައިޝަތު ރިޝްމީ

މިއީ އަނެއްކާ ވެސް ޔާރާ އާއިލާ ތަރިއެކެވެ. އައްޒަގެ ދައްތަ އެވެ. އެހެން ބަތަލާއިންނާ ހިލާފަށް ރިޝްމީއަކީ މަލްޓި ޓާސްކިން ބަތަލާއެކެވެ. ރިޝްމީއަކީ ޑައިރެކްޓަރެކެވެ. ޕްރޮޑިއުސަރެކެވެ. "ބޮސް" އަކީ އޭނާގެ ޑައިރެކްޝަނެއް ދުވަސްގަނޑަކަށް ފަހު ބޮޑު ސްކްރީނުން ފެންނާނެ ފިލްމެކެވެ.

ކުޅުނު ވީޑިއޯ ލަވަތަކުން ހޯދި މަގުބޫލުކަމާ އެކު މި ބަތަލާ ކުޅުނު ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "14 ވިލޭރޭ"، "ލަވް ސްޓޯރީ" އަދި "އިންސާނާ" އާއި "މިކޮއެ ބައްޕަ ބައޭބައޭ" ހިމެނެ އެވެ.

ރިޝްމީ: މަލްޓި ޓާސްކިން ބަތަލާއެއް.

ރިޝްމީ އެންމެ ފަހުން ބަތަލާއެއްގެ ގޮތުގައި ސްކްރީނުން ފެނުނީ މި އަހަރު އެޅުވި "ވިޝްކާ" އިންނެވެ. މިއީ ޔަގީނުން ވެސް ބެލުންތެރިން އެ ތަރިއެއް ގިނައިން ސްކްރީނުން ދެކިލަން ބޭނުންވާ ބަތަލާއެކެވެ. އެހެންވެ ކެމެރާގެ ފުރަގަހަށް ވަނަސް، ރިޝްމީ ގިނައިން ފިލްމްތަކުން ފެނުމަކީ ފޭނުން ވެސް ވަަރަށް ބޭނުން ވާނެ ކަމެކެވެ.

އައިމިނަތު ރިޝްފާ

ތަންކޮޅެއް މަދުން ފިލްމްތަކުން ފެނުނަސް، ރިޝްފާއަކީ ފިލްމީ ދާއިރާ އިން ފެންނަ ރީތި އަދި އެންމެ އުންމީދީ އެއް ބަތަލާ އެވެ. ދާދި ފަހުން ރިލީޒް ކުރި "ހައްދު" ގައި އޭނާ ދައްކުވައި ދިން އެކްޓިންއާ އެކު، ރިޝްފާވެގެން ގޮސްފައި ވަނީ ސްކްރީނުން ގިނައިން ފެންނަން ބޭނުންވާ ކަހަލަ ބަތަލާއަކަށެވެ.

ރިޝްފާ: މި ބަަތަލާ ފިލްމްތަކުން ފެންނަލެއް ތަންކޮޅެއް މަދު.

ރީތި ހިނިތުންވުމެއްގެ ވެރި މި ބަތަލާ މިހާތަނަށް ކުޅުނު ބައެއް ފިލްމްތަކުގެ ތެރޭގައި "އަހްޝަމް"، "ދިލަކަނި" އަދި "ނޭނގި ޔާރު ވަކިވީ" ފާހަގަކޮށްލެވެ އެވެ. ރިޝްފާ ގިނައިން ފެނިފައި ހުރީ ޑްރާމާތަކާއި ލަވަތަކުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ދޭތީ އަނިޔާ" ހިމެނެ އެވެ.

ނުޒުހަތު ޝުއައިބް (ނުޒޫ)

މިއީ އަހަރު ފިލްމީ ދާއިރާ އަށް ތައާރަފުވި އެކަމަކު އެންމެ އުންމީދީ އެއް ބަތަލާ އެވެ. ފިލްމް "މަލިކާ" ގައި ކުޅުނު ރޯލާ އެކު، ނުޒޫވެގެން ގޮސްފައި ވަނީ އެންމެ ގިނަ ހުށަހެޅުންތައް މިހާރު ލިބޭ އެއް ބަތަލާއަށެވެ. "ހައްދު" ގައި ހިމެނޭ އައިޓަމް ލަވަ "ގިރިޓީ ލޯބީ" ގައި ނުޒޫ ޖައްސައި ދިން ކުލައާ އެކު، ބޮޑު ސްކްރީންގައި އޭނާ ވަނީ ނެށުމުގެ ހުނަރު ވެސް ވަރަށް ބޮޑަށް ދައްކާލައިފަ އެވެ.

ނުޒޫ: ރަނގަޅު އޮފާތައް ލިބޭ ބަތަލާއެއް.

ފިލްމީ ދާއިރާ އަށް ނުކުތުމުގެ ކުރިން ވެސް ނުޒޫއަކީ ނަށަން އުޅުނު ކުއްޖެކެވެ. އަންނަ އަހަރު ރިލީޒް ކުރާ "ވަކިން ލޯބިން" ގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، މި އަހަރު ރިލީޒް ކުރި "ނޯޓީ 40" އަކީ ވެސް ނުޒޫ ހުނަރު ފެނިގެން ދިޔަ ފިލްމެކެވެ. މި ބަތަލާއަކީ ސްޓާ ކޮލިޓީ ހުރި، ސްކްރީނުން ބަލާލަން ހިތްގައިމު ބަތަލާއެކެވެ.

މަލީހާ ވަހީދު (މަލް)

މަލްއަކީ މިދިޔަ އަހަރު "ނޭނގި ޔާރު ވަކިވީ" އިން ފިލްމީ ދާއިރާ އަށް ނިކުތް ބަތަލާއެކެވެ. އެ ފިލްމަށް ފަހު، އޭނާ އަށް ރަނގަޅު ހުށަހެޅުންތަކެއް ވެސް ލިބުނެވެ. އޭގެ ތެރޭގައި އަލީ ސީޒަނާ އެކު ކުޅުނު "ވަފާތެރި ކެހިވެރިޔާ" އާއި ޔޫއްޕެ ޑައިރެކްޓް ކުރި "ބައިވެރިޔާ" ފާހަގަކޮށްލެވެ އެވެ.

މަލް: މި އަހަރު އެއްވެސް ފިލްމަކުން ނުފެނޭ.

މި ފިލްމްތަކަށް ފަހު ބައެއް ޑްރާމާ ސިލްސިލާތަކާއި ވީޑިއޯ ލަވަތަކުން ފެނުނު މަލްގެ އެއްވެސް ފިލްމެއް ބެލުންތެރިންނާ ހަމައަކަށް މި އަހަރު ނާދެ އެވެ. އެކަމަކު މި ޒުވާން ބަތަލާއަކީ އޭނާ ކުޅުނު ފިލްމްތަކުން އާންމުންގެ ހިތްތައް އަތުލި ބަތަލާއެކެވެ.

އެހެންވެ މަލްގެ އިތުރު މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ފިލްމްތަކަށް ލޯބި ކުރާ މީހުން އުންމީދު ކުރާނެ އެވެ.