ސްކްރީން ބައްޕައިން: އެންމެ ކަމުދާ ބައްޕައަކީ ކޮބާ؟

ފިލްމްތަކުގައި ހަރު ރޯލްތައް ކުޅޭ އެއް ބަޔަކީ ސްކްރީން ބައްޕައިންނެވެ. ދިވެހި ފިލްމްތަކުން ބައްޕައެއްގެ ރޯލުން ފެންނަ އެކްޓަރުންނަށް ބަލާއިރު، ވަރަށް ގިނަ އަދި ކުޅަދާނަ އެކްޓަރުން ބައްޕަގެ ރޯލްތަކުން އެހާރާއި މިހާރު ވެސް ފެނެ އެވެ.


ބައްޕަގެ ރޯލް ކުޅޭ އެކްޓަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ފަންނާނުންގެ ހަނދާންތައް އާކޮށްލަމާ ހިނގާށެވެ.

ހަސަން މަނިކު (ކޮއްޔަ)

މިއީ ދިވެހި ސިނަމާ އިން ފެންނަ އެންމެ ނެޗްރަލް އެއް އެކްޓަރަށް ވާނެ އެވެ. ކޮއްޔަ ހަސަން މަނިކުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އޭނާ ކުރަނީ އެކްޓެއްކަން އިހުސާސް ނުވާ ވަރަށް، ކެރެކްޓާތައް ދައްކުވައި ދޭތީ އެވެ. ހާއްސަކޮށް ކޮއްޔަގެ ޑައިލޮގް ޑެލިވަރީ ވަރަށް ފުރިހަމަ ވާނެ އެވެ.

ކޮއްުޔަ ހަސަން މަނިކު ޔޫއްޕެއާ އެކު.

ގިނަ ޑްރާމާތަކާއި ފިލްމްތަކުގައި ވެސް ކޮއްޔަ ހަސަން މަނިކު ވަނީ އޭނާގެ ހުނަރުވެރިކަން ދައްކާލައިފަ އެވެ. އޭނާ ބައްޕަގެ ރޯލް ވަރަށް ފުރިހަމަ އަށް ދައްކުވައި ދީފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި "އެ ބައްޕަ" އަދި "24 ގަޑި އިރު" ފާހަގަކޮށްލެވޭނެ އެވެ.

ހަސަން މަނިކު (ރޯނު)

މިއީ އެކްޓަރު ބައްޕަގެ ރޯލް ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން އަބަދު ވެސް ގިނަ ބަޔަކު އެންމެ ހަނދާން ވާނެ އެއް ފިލްމަކީ ރީކޯ މޫސާ މަނިކުގެ ބައްޕަގެ ރޯލް، އޭނާ ކުޅެފައިވާ "ހައްގު" އެވެ. މި ފަހުން ހަސަން މަނިކު ދިޔަ ފިލްމްތަކުގެ ތެރެއިން "ހުޅުދާން" އަކީ އަނެއްކާ ވެސް ހަސަން މަނިކުގެ ވަރަށް ފުރިހަމަ ރޯލެއް ފެނިގެން ދިޔަ ފިލްމެކެވެ.

ރޯނު ހަސަން މަނިކު.

އޭނާގެ އިތުރު ފިލްމްތަކުގެ ތެރޭގައި "މައާފެއް ނެތް"، "މި ހަށިން ފުރާނަދަންދެން" ފަދަ ފިލްމްތައް ފާހަގަކޮށްލެވޭވެ އެވެ.

އަލީ ޝަމީލް

މިއީ ފިލްމްތަކާއި ޑްރާމާތަކުގައި ވެރައިޓީ އެންމެ ތަފާތުކޮށް ދައްކުވައިދޭ ސްކްރީން އެއް ބައްޕަ އެވެ. ފިލްމް "ލައިލާ" ގައި އޭނާ ކުޅެފައިވާ އައިޝަތު ޝިރާނީގެ ބައްޕަގެ ރޯލާއި މަރިޔަމް ނިޝާގެ ބައްޕަގެ ރޯލް ކުޅުނު "12 ގެ ފަސް" ފަދަ ފިލްމްތަކުގައި ޝަމީލްގެ ވަރަށް ތަފާތުކޮށް ފެނިގެން ގޮސްފައި ވާނެ އެވެ.

ގިނަ ޑްރާމާތަކެއްގައި ވެސް ބައްޕަގެ ރޯލް ކުޅެފައިވާ ޝަމީލްގެ އެންމެ ފަހުގެ ފިލްމަކީ މިހާރު ސިނަމާގައި އޮތް "ބޮސް" އެވެ.

ޝަމީލް، ނިމާލާ އެކު.

އެކްޓިން އަބަދު ވެސް ވަރަށް ނެޗްރަލްކޮށް ސްކްރީންގައި ދައްކައިލާ ޝަމީލަކީ ތަފާތު ވަރަށް ގިނަ ރޯލްތައް ކުޅެފައިވާ އެއް ވަނައިގެ އެކްޓަރެކެވެ.

އަހުމަދު ނިމާލް

ނިމާލަކީ ވެސް ވެރައިޓީ ގިނަ އެކްޓަރެކެވެ. މި ފަހުން އޭނާ ކުޅޭ ފިލްމްތަކުގައި ބައްޕައެއްގެ ރޯލުން ފެނިގެން ދާ އިރު، ނިމާލް ވަނީ ބައްޕައެއްގެ ރޯލުން ބެލުންޔެރިންގެ ލޯތްބާއި ނަފުރަތު ވެސް ހޯދައިފަ އެވެ. އެގޮތުން ފިލްމް "ނިއުމާ" ގައި އޭނާ ކުޅުނު ރޯލުން ގިނަ ބަޔަކު ހަމަ ޔަގީނުން ވެސް ނިމާލް ދެކެ ރުޅި އަންނާނެ އެވެ.

ނިމާލް.

އެކަމަކު "ރަންދަރި" އާއި "ރާނީ" އަދި "ނޭނގި ޔާރު ވަކިވީ" ފަދަ ފިލްމްތަކުގައި ނިމާލް ކުޅެފައިވާ ބައްޕަގެ ރޯލުން ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވެ އެވެ. މި އަހަރު ރިލީޒް ކުރި "އިލް ނޮއިސް" ގެ ރޯލަކުން ފެނިފައިވާ ނިމާލްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އަލީ ޝަޒްލީމް ޑައިރެކްޓް ކުރާ "ނަފްސު" ހިމެނެ އެވެ. ނިމާލަކީ ބައްޕަގެ ރޯލް ކުޅޭ އެކްޓަރުންގެ ތެރެއިން ފާހަގަކޮށްލެވޭ، ކުޅަދާނަ ޑައިރެކްޓަރެއް ވެސް މެ އެވެ.

އަލީ ފާރޫގް

މިއީ އަނެއްކާ ވެސް ބެލުންތެރިން ބައްޕައެއްގެ ކެރެކްޓާތަކުން ވަރަށް ބޮޑަށް ބަލައިގެންފައިވާ އެކްޓަރެކެވެ. ޑްރާމާތާއި ފިލްމްތަކުގައި ވެސް ފާރޫގް ވަނީ ވަރަށް ރަނގަޅަަށް އޭނާގެ ހުނަރު ދައްކުވައި ދީފަ އެވެ. ފާރޫގް ކުޅުނު ޑްރާމާތަކުގެ ތެރެއިން ބަތަލާ އައިމިނަތު ރިޝްފާގެ ބައްޕަގެ ރޯލް ކުޅުނު ޑްރާމާ ސިލްސިލާ "އަދިވެސް ތި ލޯތްބަށް ގަދަރު ކުރަން" އަކީ ވަރަށް ފާހަގަކޮށްލެވޭ ޑްރާމާއެކެވެ.

އަލީ ފާރޫގް.

އޭނާގެ ފިލްމްތަކުގެ ތެރޭގައި "4426"، "އަނިޔާ" އަދި "މަލިކާ" އަކީ ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކެވެ.

މުހައްމަދު ރަޝީދު (ދަރާ)

މިއީ އެންމެ ކުރީގެ ރާއްޖޭގެ ލީޑިން އެކްޓަރެކެވެ. މި ފަހުން ދަރާ އަންނަނީ ފިލްމްތަކުގައި ބައްޕައެއްގެ ރޯލް ކުޅެމުންނެވެ. އެގޮތުން އެންމެ ފަހުން އޭނާ ފެނުނު ފިލްމަކީ މި އަހަރު އެޅުވި "ހައްދު" އެވެ.

ދަރާ މުހައްމަދު ރަޝީދު

ބައްޕައެއްގެ ރޯލް ދަރާ ކުޅުނު ފިލްމްތަކުގެ ތެރެއިން އެންމެ ތަފާތު ރޯލެއް ކުޅެފައި ވަނީ "ލޫދިފާ" ގަ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ގިލަން" އަކީ ފާހަގަކޮށްލެވޭ ފިލްމެކެވެ.