"ނަފްސު"ގެ ޝޫޓިން ފަށާނީ ޖެނުއަރީގައި

"ނަފްސު" ސިނަމާ އަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ރޯދައިގެ ފަހުން.

ދާދި ފަހުން ލޯންޗް ކުރި ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ނަފްސު" ޝޫޓިން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށާއި ފިލްމް ސިނަމާ އަށް ގެންނާނީ ރޯދައިގެ ފަހުން ކަމަށް އޭގެ އެއް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަލީ ޝަޒްލީމް ބުނެފި އެވެ.


މި ފިލްމަކީ އަހުމަދު ޒަރީރުގެ ސްކްޕްރީންޕްލޭއަކަށް ހަދާ ވަރަށް ތަފާތު ސައިކޮލޮޖިކަލް ތުރިލާއެކެވެ. "ނަފްސް" ގެ ލީޑް ކާސްޓުންގެ ތެރޭގައި ހިމެނެނީ ފާތުމަތު އާޒިފާ (އަޒޫ)، ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި އަހުމަދު ނިމާލެވެ.

ފުރަތަމަ ޑައިރެކްޝަނާ ބެހޭ ގޮތުން ޝަޒްލީމް ބުނީ ފިލްމެއް ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރަން ބޭނުންވެފައި ހުއްޓައި، އެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހިފައިވާ ކަމަށެވެ.

"މިކަން ކުރަން ވަރަށް ބޭނުންވެފައި ހުއްޓައި، ޔޫއްޕެމެންގެ ފަރާތުން ފަހިވި ފުރުސަތެއް މިއީ. ފިލްމަށް އަހަރެންގެ މެކްސިމަމް ދޭނަން. ބެލުންތެރިންނަށް ވަރަށް ކަމުދާ ކަހަލަ ފިލްމަކަށް ނަފްސު ވާނެ،" މިހާތަނަށް ގިނައިން ޑާކް ރެއިންގެ ފިލްމްތަކުން ފެނިފައިވާ އެކްޓަރު ބުންޏެވެ. "މީގެ ކޮންސެޕްޓް ހަމަ ޔަގީނުން ވެސް ދިވެހި ސިނަމާ އަށް ވަރަށް އާ ވާނެ. ކުރިން ނުފެންނަ ވައްތަރުގެ ފިލްމަކަށް މީތި ވާނީ."

ޝަޒްލީމް: "ނަފްސް" އަކީ އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމް.

"ނަފްސު" ޝޫޓް ކުރަން ހަމަޖެހިފައި ވަނީ މާލެ އާއި އަތޮޅުތެރޭގަ އެވެ.

"ފިލްމް އަންނަ އަހަރުގެ ރޯދައިގެ ފަހުން ސިނަމާ އަށް ގެނައުން ޓާގެޓަކީ." ޔޫއްޕެ މިހާރު ޑައިރެކްޓް ކުރަމުން އަންނަ ފިލްމް "ދެވަންސޫރަ" ގައި ފުލުހެއްގެ ރޯލް ކުޅޭ ޝަޒްލީމް ބުންޏެވެ.

އޭނާ ބުނީ "ނަފްސު" އަށް ފަހު ވެސް ފިލްމްތައް ޑައިރެކްޓްކޮށް، ޕްރޮޑިއުސް ކުރާނެ ކަމަށެވެ.

ޝަޒްލީމް އެންމެ ފަހުން ސްކްރީނުން ފެނުނީ މި އަހަރުގެ އެޕްރީލްގައި އެޅުވި "މީ ލޯތްބަކީ" އިންނެވެ.