އަނެއްކާ ވެސް "އޯލްޑް އިޒް ގޯލްޑް" ގެ ޝޯތަކެއް ބާއްވަނީ

ރާއްޖޭގެ ކުރީގެ މިއުޒިކީ ފަންނާނުންނާ އެކު ދާދި ފަހުން ވުޖޫދަށް ގެނައި ބޭންޑް "އޯލްޑް އިޒް ގޯލްޑް" ގެ އިތުރު ޝޯތަކެއް "ރަން ޒަމާން" ގެ ނަމުގައި އަންނަ މަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.


މިދިޔަ ސެޕްޓެމްބަރުގެ މަހުގެ 22 ގައި ބޭއްވި ކާމިޔާބު ފުރަތަމަ ޝޯ އަށް ފަހު، އަންނަ މަހުގެ ތެރޭގައި ދެ ޝޯއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ޓިކެޓް ވިއްކައިގެން ބާއްވާ ދެ ޝޯ އޮންނާނީ އަންނަ މަހުގެ 7 އާއި 8 ގައި އޮލިމްޕަހުގަ އެވެ.

މާދަމާ ޓިކެޓް ވިއްކަން ފަށާ "ރަން ޒަމާން" ގެ ޝޯތަކުގެ ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ 200ރ. އާއި 500ރ. އަށެވެ. ކުރީގެ މަޝްހޫރު ބޭންޑް "އޮލިމްޕިއަންސް" އިން ވިދާލި ގިނަ ފަންނާނުންތަކެއް ހިމެނޭ "އޯލް އިޒް ގޯލްޑް" އިން މި ފަހަރު ބާއްވާ ޝޯތަކުގައި 23 ފަންނާނަކު ބައިވެރިވާނެ އެވެ.

ވަރަށް ކުލަގަދަކޮށް ބާއްވާ ދެ ޝޯގެ ޕާޓްނަރުންނާ އެކު ޝޯ އިންތިޒާމް ކުރާ ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ-މޯލްޑިވްސް (ފެއިމް) އިން ވަނީ ޝޯތަކުގެ ޕާޓްނަރުންނާ އެކު ރޭ ސޮއި ވެސްކޮށްފަ އެވެ.

ފެއިމް ބުނީ "އޯލްޑް އިޒް ގޯލްޑް" އަކީ މުޅި ރާއްޖެ އަށް ހުޅުވާލެވިފައި އޮތް ބޭންޑެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އަތޮޅުތަކުން ޝޯތައް ދޭން ދައުވަތު ލިބޭ ނަމަ އޭގެ ބޭނުން ހިފާނެ ކަމަށް ބުންޏެވެ.

ފެއިމްގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ މާލޭގައި ބާއްވާ ޝޯތަކަށް ފަހު ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ޝޯތައް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "އުއްމީދު ކުރަނީ އަޅުގަނޑުމެން ބާއްވާ މިކަހަލަ ޝޯތަކުގައި ރަށްރަށުން އަޅުގަނޑުމެންނަށް އެއްބާރުލުން ލިބޭނެކަމަށް،" އޭނާ ވިދާޅުވި އެވެ.

"ރަން ޒަމާން" ގެ ޝޯތަކުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ކެއާ ސޮސައިޓީ އަށް ހަދިޔާ ކުރަން ވަނީ ނިންމައިފަ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ