އެންމެންނަށް ހަދިޔާއަކަށް "ބޮސް"ގެ މޭކިން

މިހާރު ސިނަމާގައި އޮތް ފިލްމް "ބޮސް" އަށް ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އޮލިމްޕަހުގައި މި ފިލްމު މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރުމަށް ފަހު، މިހާރު އަންނަނީ ރަށްރަށާއި ރިސޯޓްތަކުގައި ވެސް އަޅުވަމުންނެވެ.


ފިލްމު ޕްރިމިއާ ނައިޓްގައި "ބޮސް" ގެ ޓީމުން، ޕްރިމިއާ ޝޯ އަށް ދިޔަ މީހުންނަށް ދިން ހަދިޔާތަކުގެ ތެރޭގައި ކަރުނަ ފޮހެން ކުޑަރުމާލަކާއި ފިލްމުގެ މޭކިން ސީޑީ ހިމެނެ އެވެ.

މީގެ އިތުރުން "ބޮސް" ގެ މޭކިން މިހާރު ވަނީ އާންމުކޮށް އެންމެންނަށް ވެސް ފެންނާނެހެން ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ހިމަނައިފަ އެވެ.

އެހެންވެ މިއީ އަދި "ބޮސް" ނުބަލާ މީހުންނަށް ވަރަށް ހާއްސަ އެއްޗަކަށް ވެގެން ދާނެ އެވެ.

މޭކިންގައި ޑައިރެކްޓަރާއި ތަރިންނާއި ޓެކްނިކަލް މީހުންގެ ތަޖުރިބާތައް ހިއްސާކޮށްފައިވެ އެވެ.

"ބޮސް" އަކީ ނަހުލާގެ ވަރަށް އަސަރު ފަދަ ލޯބީގެ ސްކްރިޕްޓަކަށް އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އަލަށް ތައާރަފުވި މުހައްމަދު ޔުނާންއާ އެކު، މަރިޔަމް އައްޒަ، އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ ޝަމީލް އަދި އަލީ އާޒިމް (ދޮންއައްޔަ) އެވެ.

މިއީ މިދިޔަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމް "4426" އަށް ފަހު، ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސް ދިން ފުރަތަމަ ފިލްމް ވެސް މެ އެވެ. އަނެއްކޮޅުން ނަހުލާގެ ސިގްނޭޗަ ސްޓައިލް ކަމަށްވާ މެލޮޑްރާމާއެކެވެ.

ނަހުލާ ބުނަނީ "ބޮސް" އަކީ ލޯބީގެ އަސަރު ގަދަ ފިލްމްތައް ކަމުދާ މީހުން ކޮންމެހެން ވެސް ބަލާލަން ޖެހޭ ކަހަލަ ފިލްމެއް ކަމަށެވެ.