"ބޮސް" އިން ދޭން ބޭނުންވި މެސެޖް ފޯރުކޮށް ދެވިއްޖެ: ނަހުލާ

މި މަހުގެ ފަހުކޮޅު ސްރީ ލަންކާގައި ވެސް "ބޮސް" ދައްކަން ވަނީ ހަމަޖެހިފައި.

މިހާރު ސިނަމާގައި ދައްކަމުން އަންނަ ފިލްމް "ބޮސް" އިން މުޖުތަމައަށް ފޯރުކޮށް ދޭން ބޭނުންވި މެސެޖް ފޯރުކޮށް ދެވިއްޖެ ކަމަށާއި ފިލްމަށް އާންމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނެފި އެވެ.


"ބޮސް" އަކީ ލޯބީގެ އަސަރު ގަދަ ވާހަކައެއްގެ ތެރެއިން ސިއްހީ ބޮޑު ބައްޔަކަށް އަމާޒުކޮށްގެން ހަދާފައިވާ ފިލްމެކެވެ. ނަހުލާ ބުނީ ފިލްމްގެ ސްކްރީންޕްލޭ ލިޔުނީ މެޑިކަލް ޑޮކްޓަރުންނާ މަޝްވަރާކޮށް، ވަރަށް ބޮޑަށް ރިސާޗް ވެސްކޮށްގެން ކަމަށެވެ.

"އަހަރެން މި ފިލްމް ދޭން ބޭނުންވި މެސެޖުން ފޯރުކޮށް ދެވިއްޖެ. އެހެންވެ ވަރަށް ސެޓިސްފައިޑް ފިލްމާ ދޭތެރޭ. ކޮމާޝަލް ރަހަތަކާ އެކު ފިލްމް ގެނެސް ދޭން ބޭނުންވި އެއް ސަބަބަކީ ވެސް، މެސެޖް ފޯރުކޮށް ދޭން މާ އިފެކްޓިވް ވާނެތީ،" ނަހުލާގެ ސްކްރިޕްޓަކަށް، އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ބުންޏެވެ. "އެކަން ކާމިޔާބުވީމަ އެއީ ފިލްމް ކާމިޔުބުވުން ކަމަށް އަހަރެން ދެކެނީ. ފިލްމް ބެލި ގިނަ މީހުން އެބަހުރި ފިލްމް ރަނގަޅުވެގެން ކޮމެންޓްކޮށްފައި."

އޭނާ ބުނީ ކޮންމެ ކަމެއްގައި ވެސް އިތުރަށް ރަނގަޅުކޮށްލަން ޖެހޭނެ ކަންކަން ހުންނާނެ ކަމަށާއި ބިނާ ކުރުވަނިވި ފާޑުކިޔުންތައް އަބަދު ވެސް ބަލައި ގަންނާނެ ކަމަށެވެ.

"މީގެ ކުރިން އަހަރެންގެ ފިލްމަކަށް ކޮމެންޓް ނާންނަ ވަރަށް އެބަހުރި ބޮސް އަށް ކޮމެންޓް އައިސްފައި. އެ ކޮމެންޓްތަކަކީ ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް އިތުރަށް ރަނގަޅު ކުރަން ލިބޭ ހިތްވަރެއްގެ ގޮތުގައި އަހަރެން ނަގަނީ." ކާމިޔާބު ފިލްމްތަކެއް ގެނެސް ދިން ނަހުލާ ބުންޏެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އޮލިމްްޕަހުގައި ޕްރިމިއާ ކުރި "ބޮސް" ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ އިރު، މިހާރު ވިއްކަމުން އަންނަނީ 18 ވަނަ ޝޯގެ ޓިކެޓެވެ.

ނަހުލާ (ކ) "ބޮސް" ގެ ޑައިރެކްޓަރު ރިޝްމީ އާއި ލީޑިން އެކްޓަރު ޔުނާންއާ އެކު.

"މަދުވެގެން ފަންސަވީސް ޝޯ އޮލިމްޕަހުގައި ދެއްކުން ޓާގެޓަކީ." ނަހުލާ ބުންޏެވެ.

ފިލްމް މިހާރު އަންނަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށާއި ރިސޯޓްތަކުގައި ވެސް ދައްކަމުންނެވެ. އެގޮތުން އާބާދީ ބޮޑެތި އަތޮޅުތަކުގައި ފިލްމް މިހާރު ވަނީ ދައްކަން ފަށައިފަ އެވެ.

"މިހާރު ވެސް ވަރަށް ގިނަ ރަށްރަށުގައި ދައްކައިފި. އަދި ވަރަށް ގިނަ ރަށްރަށުގައި ދައްކަން ރޭވިފައި ހުރީ. އަހަރެމެން ޓީމެއް މިހާރު ވެސް 13 އަތޮޅެއްގައި އެބަ ހަރަކާތްތެރިވޭ ފިލްމް ދެއްކުމުގައި،" ނަހުލާ ބުންޏެވެ.

އޭނާ ބުނީ ހދ. ކުޅުދުއްފުށީގައި ވެސް ޝޯތަކެއް ދެއްކުމަށް ފަހު، އަނެއްކާ ވެސް އެ ރަށުން ގިނަ ބަޔަކު ފިލްމް ބަލަން ބޭނުންވެގެން މި ހަފުތާ ބަންދުގައި އަލުން ޝޯތައް ދައްކަން ފަށާނެ ކަމަށެވެ.

"ފިލްމަށް ރަށްރަށުން ލިބޭ ތަރުހީބު ވެސް ހަމަ ވަރަށް ބޮޑޭ ބުނެވޭނީ. އައްޑޫގައި ވެސް އެބަ ދައްކާ ޖުމްލަ ފަސް ޝޯ،" ނަހުލާ ބުންޏެވެ. "އަދި މި މަހުގެ ފަހުކޮޅު ލަންކާގައި ވެސް ޝޯތަކެއް ދައްކަން ތައްޔާރުވަމުން މި އަންނަނީ."

ކްރިސްޓަލް އެންޓަޓައިންމަންޓުން ހަދާފައިވާ "ބޮސް" ގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވި މުހައްމަދު ޔުނާންއާ އެކު މަރިޔަމް އައްޒަ އެވެ. އަދި ފިލްމްގެ ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ހިމެނެ އެވެ.