މިއީ ކޯއްޗެއްބާ؟

"ކޯޗެއްބާ" ގެ ނަމުގައި ވީޑިއޯ ޕްރޮޑަކްޝަނެއް މަސައްކަތް ފަށައި، އޭގެ ޓީޒާއެއް އާންމުކޮށްފި އެވެ. އެކަމަކު އަދިވެސް ސުވާލަކީ މީ ކޯޗެއްބާ އެވެ. މީގެ ތަފުސީލަކަށް ދާކަށް މި މަސައްކަތުގެ ފަހަތުގައި އޮތް ޓީމުން އަދިވެސް ބޭނުމެއް ނޫނެވެ.


ޓީޒާ އިން ފެންނަ ގޮތުގައި މިއީ ޝައުގުވެރި އެއްޗަކަށް ވެދާނެ އެވެ. ޔަގީން ނުވާ ކަމަކީ މިއީ ފިލްމެއްތޯ، ޑްރާމާއެއްތޯ ނުވަތަ ލަވައެއްތޯ އެވެ؟ މިއާ ގުޅިފައި ހުރި ނަންތައް ވެސް ޝައުގުވެރި އެވެ. ލިސްޓްގައި ހިމެނޭ ނަންތަކުގެ ތެރޭގައި މި އަހަރު "އިލް ނޮއިސް" ގެ ނަމުގައި ތަފާތު ފިލްމެ ގެނެސް ދިން ތިއޭޓާ މިރާޖްގެ މުހައްމަދު މުންތަސިރު (މުންކޮ) އާއި އޯކޭޒް އިންކާއި މަޝްހޫރު ބޭންޑް ޑިޓިއުން ހިމެނެ އެވެ. މީގައި އެ ބޭންޑްގެ ހަމައެކަނި އަންހެން ލަވަ ކިޔުންތެރިޔާ ފެޒޫގެ ހިއްސާ ބޮޑެވެ.

މި ޕްރޮޑަކްޝަނާ ދެން ގުޅިފައި ތިބި މީހުންގެ ތެރޭގައި ސްކްރީންރައިޓަރު މަހުދީ އަހުމަދާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ވެސް ހިމެނެ އެވެ.

"ކޯޗެއްބާ" ބޮޑު ސުވާލަކަށްވެގެން ޖަވާބަށް އެދުމުން އޯކޭޒްގެ އިންކްގެ މެނެޖިން ޑިރެކްޓަރު އަހުމަދު ސާޖީ ބުނީ އަދި ދެ ތިން ދުވަސް ފަހުން ކޯޗެއްކަން އެނގިދާނެ ކަމަށެވެ.

"މި ވަގުތު އަދި ނެތް މިއީ ކޯޗެއް ކަމެއް ބުނެވޭކަށް. އެކަމަކު އަދި ދެތިން ދުވަސް ފަހުން މިއީ ކޯޗެއްކަން ރިވީލް ކުރެވިގެން ދާނެ." އޭނާ ބުންޏެވެ.

"ކޯޗެއްބާ" ގެ ޓީޒާ.

އެހެންވެ އިންތިޒާރުކޮށްލަމާ ހިނގާށެވެ. ޓީޒާއަކުން ވެސް "ކޯޗެއްބާ" ގެ ފަހަތުގައި ފޮރުވިފައި ވަނީ ސީދާ ކޮން ކަންތައްތަކެއް ކަމެއް ނޭނގެ އެވެ. ޓީޒާއާ އެކު އޯކޭޒްގެ ފޭސްބުކްގެ ޕޭޖްގައި ބުނަނީ "ކޯޗެއްބާ، ރިޔަލެއް ނެތް އޮޑިއެއްބާ؟" އެވެ.