ނިއުމާގެ ވީޑިއޯ ލަވަ "އޮބަގެ މަތަކެން" އާ އެކު ލަންކާއިން ފުރުސަތުތަކެއް

ލަންކާގެ ތިން ޗެނަލަކުން ލަވަ މިހާރު ދައްކާ.

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް އޮކްޓޯބަރު މަހުގެ ތެރޭގައި ނެރުނު ލަވަ ކަލެކްޝަން "ސެލެބްރޭޓިން 20" ލަވަތަކުގެ ތެރެއިން އެއް ލަވަ ވަރަށް ތަފާތެވެ.


އަށް ލަވަ ހިމެނޭ ކަލެކްޝަންގެ ލަވަތަކުގެ ތެރެއިން އެއް ލަވަކީ ސިންގަޅަ ބަހުން ކިޔާފައި އޮތް ލަވައެކެވެ. އެއީ "އޮބަގެ މަތަކެން" އެވެ. މި ލަވައިގެ ޅެމާއި ރާގާއި މެލޮޑީ ހެދީ މިހާރު ލަންކާގައި ދިރިއުޅޭ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބްދުލް ހަންނާން މޫސާދީދީ އެވެ.

ލަވައިގައި ނިއުމާއާ އެކު ފެނިގެން ދަނީ އެކްޓަރު އަހުމަދު އަޒްމީލް (އަޒޭ) އެވެ. ލަވައިގެ ޑައިރެކްޓަރަކީ ވެސް އަޒޭ އެވެ.

ލަވަ "އޮބަގެ މަތަކެން" އާ ބެހޭ ގޮތުން އަޒޭ ލަންކާ ޗެނެލަކަށް އިންޓަވިއު ދެނީ.

"ސެލެބްރޭޓިން 20" ރިލީޒް ކުރިތާ ކައިރީގައި މި ލަވަ ވަނީ ލަންކާގެ ޗެނަލަކަށް ހަދިޔާކޮށްފަ އެވެ. ލަވަ އަށް އެ ގައުމުން ލިބުނު ތަރުހީބާއާ އެކު، މިހާރު ލަންކާގެ ތިން ޗެނަލަކުން "އޮބަގެ މަތަކެން" އަންނަނީ ދައްކަމުންނެވެ. ލަންކާގެ ރަހަތަކާ އެކު މި ލަވަ ވަނީ ލަންކާގައި ވައިގައި ހިފައިފަ އެވެ.

އެކަމާ ނިއުމާ މިހާރު ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނީ "އޮބަގެ މަތަކެން" ގެ ސަބަބުން އޭނާ އާއި އަޒޭ އަށް ލަންކާ އިން ފުރުސަތުތަކެއް ވެސް ފަހިވެފައިވާ ކަމަށެވެ. އެގޮތުން ލަވައާ ބެހޭ ގޮތުން ލަންކާގެ ޗެނެލަކަށް، އަޒޭ އިންޓަވިއުއެއް ދީފައި ވާއިރު، އެ ގައުމުގެ ޓީމީ ކޮމާޝަލްއަކުން ވެސް އަޒޭ އަށް ވަނީ ފުރުސަތު ލިބިފަ އެވެ.

"އޮބަގެ މަތަކެން" ލަންކާގެ ޗެނަލެއްގައި: އެ ގައުމުގެ ތިން ޗެނަލަކުން މިހާރު މި ލަވަ ދައްކާ.

"އަހަންނަށް ވެސް އެބައިން ލަންކާގެ ލަވަތަކެއް ކުޅެން މިހާރު ފުރުސަތު ލިބިފައި،" ނިއުމާ ބުންޏެވެ.

އޭނާ ބުނީ "އޮބަގެ މަތަކެން" ލަންކާގައި އެހާ ހިޓް ވާނެ ކަމަށް ކުރިން އުންމީދު ވެސް ނުކުރާ ކަމަށެވެ.

"އެކަމަކު މީގެ ސަބަބުން އަހަރެމެންނަށް ޗާންސްތަކެއް ލިބުނީމަ އެބަ އެނގޭ ލަވަ ލަންކާ މީހުންނަށް ވަރަށް ކަމުގޮސްފިކަން. މުޅި ލަވަ އަށް ބަލާ ކަމަށް ވަންޏާ މީގެ މަންޒަރުތަކާއި ކޮސްޓިއުމާއި މުޅި ލަވައަށް ކޮށްފައި އޮތް މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ،" ނިއުމާ ބުންޏެވެ.

ލަވަ "އޮބަގެ މަތަކެން" އާ ބެހޭ ގޮތުން އަޒޭ ލަންކާ ޗެނެލަކަށް އިންޓަވިއު ދެނީ.

އޭނާ ބުނީ "ސެލެބްރޭޓިން 20" ގައި ލަންކާ ބަހުން ލަވައެއް ހިމަނަން ނިންމީ، އެ ގައުމުގައި ތިބި ބައެއް ރައްޓެހިންގެ ވެސް އެދުމުގެ މަތިިން ކަމަށެވެ.

"އަނެއްކޮޅުން އަހަރެންގެ ފަހު ކަލެކްޝަންވީމަ ތަފާތު ކަމެއް ވެސްކޮށްލުމުގެ ގޮތުން ލަންކާ ބަހުން އޮތް ލަވައެެއް މިއަށް ލާން ނިންމީ،" ނިއުމާ ބުންޏެވެ. "މި ލަވައަށް ހަންނާންބެ ކޮށް ދިން މަސައްކަތްތަކަށް ވެސް ޝުކުރު ހައްގު."