ކަޕިލް ޝަރުމާގެ "ފިރަންގީ" ކާމިޔާބެއް ނޫން

އިންޑިއާގެ މަޝްހޫރު ކޮމެޑީއަން ކަޕިލް ޝަރުމާގެ "ފިރަންގީ" ވަރަށް ރަނގަޅަށް ހިނގާނެކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް މި މަހު 1 ގައި ރިލީޒްކުރި މި ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެ އެވެ. ފިލްމު ރިލީޒްކޮށް ހަތަރު ދުވަސް ވީއިރު ލިބިފައިވަނީ އެންމެ 7.30 ކްރޯޑު (73 މިލިއަން ރުޕީސް) އެވެ.


ޓްރޭޑް އެނަލިސްޓް ގިރިޝް ޖޯހަރް ބުނި ގޮތުގައި "ފިރަންގީ" ރަނގަޅަށް ނުހިނގުމުގެ މައިގަނޑު ސަަބަބަކީ ފިލްމު ޕްރޮމޯޓްކުރުމަށް ގެންގުޅުނު ގޮތްތަކެވެ. ފިލްމުގެ ޓްރެއިލާތަކާއި ލަވަތަކަށް ބެލުންތެރިން ދިން ތަރުހީބު ކުޑަކަން ވެސް އޭނާ ފާހަގަކުރި އެވެ. މިއީ މާކެޓްކުރުމުގެ ފެންވަރު ދަށްވުމުން ދިމާވާ ކަމެއްކަން އޭނާ ފާހަގަ ކުރި އެވެ. ސަބަބަކީ ޓްރެއިލާ އާއި ލަވަ ތަަކަކީ ބެލުންތެރިން އެ ފިލްމެއް ބަލަން ޝައުގުވެރި ކުރުވުމަށް ވަރަށް މުހިއްމު ބަޔަކަށް ވާތީ އެވެ.

ސަނީ ލިއޯނީގެ "ތޭރާ އިންތިޒާރު" އާ އެއް ދުވަހަކު ރިލީޒްކުރި ނަމަވެސް "ފިރަންގީ"އަކަށް އެ ފިލްމަކުން މާ ބޮޑު ވާދަވެރިކަމެއް ނެތެވެ.

ޕްރޮމޯޝަން އާއި މާކެޓިން އަށް އަދި ފިލްމު އުފެއްދުމަށް 25 ކްރޯޑު ރުޕީސް ޚަރަދުވެފައިވެ އެވެ. މި ފިލްމު ޕްރޮޑިއުސްކުރީ ވެސް ކަޕިލް ކަމަށް ވާތީ އޭނާއަށް މި ފިލްމުން ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް މިހާރު ބެލެވެ އެވެ. އަދި މިއީ ކަޕިލްގެ ބަދުނަސީބުގެ ސިލްސިލާއަށް އިތުރުވި ބޮޅެއް ކަމަށް މިހާރު ގަބޫލު ކުރެވެ އެވެ.

ކަޕިލް އަކީ ކޮމެޑީ ޝޯތައް ހޯސްޓްކޮށްގެން މަޝްހޫރުކަން ލިބުނު ވަރަށް މޮޅު ކޮމޭޑިއަން އެކެވެ. ސޮނީ ޗެނަލުން ދެއްކި އޭނާގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ޓީއާރުޕީ އެންމެ މަތި ޝޯތަކުގެ ތެރޭގައި ހިމެނުނު ޝޯ އެކެވެ. ނަމަވެސް ޝޯގައި އޭނާއާ އެކު މަސައްކަތްކުރި ބައެއް ބައިވެރިންނާ ކަޕިލްއާ ޖެހުނު މައްސަލަގަނޑެއްގައި ވަރަށް މުހިއްމު ބައިވެރިންތަކެއް ޝޯ އިން ވަކިވެގެން ދިޔަ ހިސާބުން ކަޕިލް އަށް ހިތްދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހުނެވެ. އަދި ޝޯ ހުއްޓާލަން ޖެހުމުގެ އިތުރުން ވަރަށް ގިނަ އެކުވެރިން ވެސް ވަނީ ގެއްލިފަ އެވެ. އެހެންކަމުން މި ފިލްމުގެ ނާކާމިޔާބީއާ އެކު އަނެއްކާވެސް ކަޕިލްގެ ހާލަތު އިތުރަށް ގޯސް ވުމަކީ ވެސް ވަރަށް ގާތުގައި އޮތް ކަމެކެވެ.