"ޑިއާ ޒިންދަގީ" ކުޅުނީ އާލިއާ އާއެކު ފިލްމު ކުޅޭ ހިތުން: ޝާހްރުކް

ޝާހްރުކް ޚާނާއި އާލިއާ ބަޓް ވަނީ ގޯރީ ޝިންޑޭ ޑައިރެކްޓްކުރި "ޑިއާ ޒިންދަގީ"ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. މި ފިލްމަށް ވިޔަފާރީގެ ގޮތުން ބޮޑު މަންފާއެއް ހޯދުނުއިރު ފާޑުކިޔުންތެރިންނަށް ވެސް ފިލްމު ވަނީ ވަރަށް ކަމުގޮސްފަ އެވެ.


ޝާހްރުކް ހޯސްޓްކުރި ޓޯކް ޝޯއެއްގައި އާލިއާ ބައިވެރިވި އިރު "ޑިއާ ޒިންދަގީ" ޝާހްރުކް ވަނީ އޭނާ އެ ފިލްމު ކުޅުނު ސަބަބުން އާލިއާ އަށް ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި އެ ފިލްމު އޭނާ ކުޅުނީ އާލިއާ އާ އެކު މަސައްކަތް ކުރާ ހިތުންނެވެ. އާލިއާ އަކީ ހުނަރުވެރި އެކްޓަރަކަށް ވާތީ ބައެއް މަންޒަރުތައް އޭނާއާ އެކު ކުޅެލަން ބޭނުންވީ ކަމަށް ވެސް ޝާހްރުކް ބުންޏެވެ.

"މަންޒަރުތައް ކުޅޭއިރު އާލިއާ ގެންނަ ބައެއް ހަރަކާތްތަކަކީ އަޖައިބެއް ފަދަ މޮޅު ހަރަކާތްތަކެއް. އެހެންވެ އާލިއާއާ އެކު ދެ މަންޒަރެއް ނަަމަވެސް ކުޅެލައިގެން އެ ފަދަ ހަރަކާތްތައް އަހަރެން ވެސް ދަސްކުރަން ބޭނުންވީ. އަހަރެން ހިތަށް އެރި އާލިއާއާ އެކު އިށީނދެ، ވަގުތު ހޭދަކޮށް އަދި ފިލްމު ކުޅުނީމަ އަހަރެން ވެސް މިހާރަށް ވުރެ ރަނގަޅު އެކްޓަރަކަށް ވާނެޔޭ،" ޝާހްރުކް ބުންޏެވެ.

ޝާހްރުކް ބުނި ގޮތުގައި އާލިއާއާ އެކު މަސައްކަތްކުރި ވަރަށް ގިނަ އެކްޓަރުން އާލިއާ އަކީ އާދަޔާޚިލާފު މޮޅު ހުނަރުތަކެއް ލިބިފައިވާ ބަތަލާއެއް ކަމަށް ގަބޫލުކުރެ އެވެ.

"ހައިވޭ" އާއި "އުޅްތާ ޕަންޖާބު"ގައި އާލިއާ ޕާފޯމްކޮށްފައިވާލެއް ވަރަށް މޮޅުކަމަށް ބުނެ އާލިއާ އަށް ޝާހްރުކް ވަރަށް ތައުރީފު ކުރި އެވެ.

ޝާހްރުކް ބުނި ގޮތުގައި އާލިއާ ފިލްމީ ދުނިޔެއަށް ނެރެދީ އޭނާއަށް މަގުދައްކައިދޭ ޑައިރެކްޓަރު ކަރަން ޖޯހަރް އަކީ ޝާހްރުކްގެ ހަޔާތުގައި ވަރަށް މުހިއްމު މީހެކެވެ. އަދި އޭނާ ދޭ ލަފާތައް ވެސް ޝާހްރުކަށް ވަރަށް މުހިއްމެވެ.