"ބަޖްރަންގީ ބައިޖާން"އަށް ޗައިނާއިން ދިނީ މަޖާ ނަމެއް

އިންޑިއާގެ ބޮކްސް އޮފީހުގައި ގިނަ ރެކޯޑްތަކެއް މުގުރާފައިވާ ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" ވަރަށް އަވަހަށް ޗައިނާގައި ރިލީޒްކުރަން އަންނަނީ ތައްޔާރު ވަމުންނެވެ. އަދި ފިލްމަށް ޗައިނާ މީހުން ވަނީ ވަރަށް މަޖާ ނަމެއް ވެސް ކިޔާފަ އެވެ. އެއީ "ލިޓްލް ލޮލީޓާ މަންކީ ގޯޑް އަންކަލް" އެވެ.


ލިޓްލް ލޮލީޓާ އަކީ ފިލްމުގައި ހަރްޝާލީ މަލްހޯތުރާ އަދާކުރި މުންނީގެ ކެރެކްޓާއަށް އެމީހުން ދީފައިވާ ނަމެކެވެ. "ބަޖްރަންގީ ބައިޖާން"ގައި މުންނީގެ ކެރެކްޓާ މުހިއްމުކަމުން ފިލްމުގައި ވެސް އެބައި ހިމަނަން ޗައިނާ މީހުން ގަސްތުކުރީ ކަމަށްވެ އެވެ. މުންނީ އަކީ އޭގެ ޒާތުގައި އެއްވެސް މާނައެއް ދޭހަނުވާ ކުޑަ އަންހެންކުދިންނަށް ލޯބިން ކޮއްކޯއޭ ގޮވާ އުސޫލުން ބޭނުންކުރާ ނަމެކެވެ. އެހެންވެ ޗައިނާ ބަހުން މުންނީ އަށް ކިޔާނެ ނަމެއް ނޭނގިގެން އެ މީހުން "ލިޓްލް ލޮލީޓާ" ބޭނުންކުރީ ކަމަށް ބެލެވެ އެވެ.

ބަޖްރަންގީ އަކީ ހިންދޫން އަޅުކަންކުރާ މަކުނަކަށް ކިޔާ ނަމަކަށް ވާތީ އަނެއް ބައި އެގޮތަށް ގެނައީ އެވެ. ބައިޖާން އަކީ ބޭބެ އަށް ބޭނުންކުރާ ނަމަކަށް ވެފައި ޗައިނާ މީހުން އާންމުކޮށް ބޭބެއަށް ކިޔަނީ އަންކަލް ކަމަށް ވާތީ ބައިޖާން އަންކަލް އަށް ބަދަލުކުރީ އެވެ.

ސަލްމާން ޚާންގެ ފިލްމުތަކުގެ ތެރެއިން 2015 ގައި ރިލީޒްކުރި "ބަޖްރަންގީ ބައިޖާން" އަކީ ބްލޮކްބަސްޓާ ވެފައިވާ ފިލްމެކެވެ. ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ. އަދި ނަވާޒުއްދީން ސިއްދީގީ ވެސް ފިލްމުގައި ވަރަށް މުހިއްމު ބަޔެއް ކުޅެފައިވެ އެވެ.

ޗައިނާ އަކީ މިހާރު ހިންދީ ފިލްމުތަކަށް ވަރަށް ރަނގަޅު މާކެޓެއް ހުޅުވިފައި އޮތް ގައުމެކެވެ. ވަރަށް ފަހުން އާމިރު ޚާންގެ "ދަންގަލް" ރިލީޒްކޮށްގެން ވެސް ވަރަށް ބޮޑު ފައިދާއެއް ވަނީ ހޯދައިފަ އެވެ.