ނުވަ އަހަރަށް ފަހު ނަހުލާ އެކަނި ފިލްމެއް ޑައިރެކްޓް ކުރަނީ

ސީދާ ނަހުލާ ޑައިރެކްޓް ކުރި ފިލްމެއް އެންމެ ފަހުން ސިނަމާ އަށް އައީ މީގެ ނުވަ އަހަރު ކުރިން. އެއީ 2008 ގައި ރިލީޒް ކުރި "ޔޫސުފް".

އަންނަ އަހަރު ފިލްމެއް ޑައިރެކްޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެކަމަކު ފިލްމް ސިނަމާ އަށް ގެންނާނީ 2019 ގައި ކަމަށް، މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނެފި އެވެ.


ނަހުލާ އެކަނި ޑައިރެކްޓް ކުރި ފިލްމެއް އެންމެ ފަހުން ސިނަމާ އަށް އައީ މީގެ ނުވަ އަހަރު ކުރިންނެވެ. އެއީ ބޮޑު ކާމިޔާބީއެއް ހޯދި އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދު ލީޑް ރޯލް ކުޅުނު 2008 ގެ ފިލްމް "ޔޫސުފް" އެވެ. އޭގެ ފަހުން އޭނާ ސީދާ އަމިއްލަ ޑައިރެކްޝަނެއް ނުހެދި ނަމަވެސް، މިދިޔަ އަހަރު މުޅިން އަލަށް ޑައިރެކްޝަނަށް ނިކުތް އަހުމަދު ޝިނާންއާ ގުޅިގެން "4426" ގެ ނަމުގައި ބިރުވެރި ފިލްމެއް ޑައިރެކްޓްކޮޑްފައިވެ އެވެ.

ނަހުލާ ބުނީ އޭނާ އެންމެ ފަހުން ލިޔެ، ޕްރޮޑިއުސްކޮށް، މި އަހަރު އެންމެ ފަހުން އެޅުވި ފިލްމް "ބޮސް" ގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅެން ޖެހުމުން، ދެން ބޭނުން ވަނީ ބްރޭކެއް ކަމަށެވެ.

"ބްރޭކަށް ފަހު އަހަރެން ދެން ޑައިރެކްޓް ކުރާ ފިލްމްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ފަށާނަން،" އާންމުކޮށް ލޯބީގެ މެލޮޑްރާމާތައް ގެނެސްދޭ ޑައިރެކްޓަރު ބުންޏެވެ.

ނަމަވެސް އަމިއްލަ ޕްރޮޑަކްޝަން ހައުސް ކްރިސްޓަލް އެންޓަޓައިންމަންޓިން ދެން ހަދާ ފިލްމާ ބެހޭ ގޮތުން ނަހުލާ މާ ބޮޑު ތަފުސީލެއް ނުދެ އެވެ. އެހެންވެ އެއީ ކޮން ކަހަލަ ފިލްމެއް ކަމެއް އަދި ނޭނގެ އެވެ.

ފިލްމް "ޔޫސުފް" ގެ ލަވައެއް.

"އަންނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށައި ފިލްމްގެ މަސައްކަތް ނިންމި ނަމަވެސް، ފިލްމް ސިނަމާ އަށް ގެންނަން ބޭނުން ވަނީ ދެހާސް ނަވާރައިގައި،" ކާމިޔާބު ފިލްމްތަކެއް ހަދާފައިވާ ޑައިރެކްޓަރު ބުންޏެވެ. "އަހަރެންގެ ފިލްމްތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ކަމުދާ ކަހަލަ ފިލްމަކަށް މި ފިލްމް ހަދަން މަސައްކަތް ކުރާނަން."

ނަހުލާ ލިޔެ، ޑައިރެކްޓް ކުރި ފިލްމްތަކުގެ ތެރޭގައި "ޔޫސުފް" ގެ އިތުރުން "ފަހު ނޭވާ"، "ކަލާޔާ ނުލާ" އަދި "ޒުލޭހާ" ހިމެނެ އެވެ.